ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުން އިހުސާން އަބްދުލްޣަނީ (ސާންތި) އިސްތިއުފާ ދީފިއެވެ.

ވީސްޕޯޓްސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސާންތި މަގާމުން އިސްތިއުފާ ދީފައިވަނީ މަގާމުން ވަކިކުރަން ނޯޓިސް ދިނުމާއި ގުޅިގެންނެވެ.

ކްލަބު އީގަލްސްއަށް 5 އަހަރު ކޯޗުކޮށްދިނުމަށްފަހު، 2017 ވަނަ އަހަރު އެފްއޭއެމް އާއި ގުޅުނު ސާންތި އޭރު ބުނެފައިވަނީ އެފްއޭއެމާ ގުޅުނީ ޒުވާން ކުޅުންތެރިންނާއެކު މަސައްކަތްކޮށް އެ ކުޅުންތެރިން ކުރިއަރުވަން ކަމަށެވެ.

އެންމެ ފުރަތަމަ ސާންތި އެފްއޭއެމާ ގުޅިފައިވަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައެވެ. އެކަމަކު އޭގެފަހުން ސާންތި ވަނީ އެ އިދާރާގެ ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުވެސް އަދާކޮށްފައެވެ.

އެފްއޭއެމުން ފެށި "ޓުވާޑްސް ފިއުޗާ ޕްރޮޖެކްޓް" އަކީ ސާންތިގެ ބެލުމުގެ ދަށުން ފެށި މަޝްރޫއެކެވެ.

މިހާރުގެ ގައުމީ ކޯޗު ޕީޓާ ސެގާޓް އެ މަގާމަށް ހަމަޖެއްސީ ސާންތިގެ ޓެކްނިކަލް ޑިރެކްޓަރުކަމުގަ އެވެ. ސެގާޓުގެ ކޯޗުކަމުގައި ރާއްޖޭން ވަނީ މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފަ އެވެ.

ފުޓްބޯޅައިގެން ފުރަތަމަ ފަހަރަށް ރާއްޖެއިން ރަން މެޑެއްޔެއް 2008 ވަނަ އަހަރު ހޯދިއިރު، ސާންތިއަކީ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެވެ. ގައުމީ ސީނިއާ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ސާންތި ވަނީ 8 އަހަރު މަސައްކަތް ކޮށްފައެވެ.