ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދިން ދައުވަތާ، އިސްރާއީލުގެ އިދިކޮޅު ލީޑަރު ބެނީ ގަންޓްޒް ދެކޮޅު ހަދައިފިއެވެ.

ނަތަންޔާހޫގެ ހުށަހެޅުމުގައިވަނީ، އޭނާ ބޮޑުވަޒީރުކަމުގެ މަގާމުގައި ބަހައްޓައިގެން ގައުމީ އެއްބައިވަންތަކުގެ ސަރުކާރެއް އުފެއްދުމުގައި ބެނީ ގަންޓްޒްގެ ބްލޫ އެންޑް ވައިޓް ޕާޓީ ކޯލިޝަން ހެދުމަށެވެ.

ނަތަންޔާހޫގެ އެ ހުށަހެޅުމަށް އިސްރާއީލުގެ ރައީސް ރިއުވެން ރިވްލިންވަނީ މަރްހަބާވެސް ކިޔާފައި ވެއެވެ.

އެހެން ނަމަވެސް، އޭގެފަހުން ނޫސްވެރިންނާ ވާހަކަ ދައްކަމުން އިދިކޮޅު ލީޑަރު ބެނީ ގަންޓްޒް ބުނެފައިވަނީ، އިސްރާއީލުގައި ގައުމީ އެއްބައިވަންތަކުގެ ސަރުކާރެއް އުފައްދަން އޭނާ ތާއީދުކުރާ ކަމަށާއި، އެކަމަކު އެފަދަ ސަރުކާރެއްގެ ބޮޑުވަޒީރަކަށް ވާންޖެހޭނީ އޭނާ ކަމަށެވެ.

ގަންޓްޒް ބުނީ، ނަތަންޔާހޫގެ މައްޗަށް ކޮރަޕްޝަންގެ އެތައް މައްސަލަތަކެއް ފެންމަތިވެފައި ވުމުން، ނަތަންޔާހޫގެ ލިކޫޑް ޕާޓީއާއެކު ބްލޫ އެންޑް ވައިޓް ޕާޓީ ކޯލިޝަން ހަދާނެ އެއްވެސް ގޮތެއް ނެތްކަމަށެވެ.

އިސްރާއީލުގައި އަންގާރަ ދުވަހު ބޭއްވި އާންމު އިންތިޚާބުގެ ވޯޓުގެ 97 އިންސައްތަ ގުނައި ނިމިފައި ވާއިރު، ބެނީ ގަންޓްޒްގެ ބްލޫ އެންޑް ވައިޓް ޕާޓީން އެކަނިވެސް ޕާލަމެންޓްގެ 33 ގޮނޑި ކަށަވަރު ކޮށްފައި ވެއެވެ. ނަތަންޔާހޫގެ ލިކޫޑް ޕާޓީއަށް ކާމިޔާބު ކުރެވިފައިވަނީ 31 ގޮނޑިއެވެ.

ސަރުކާރެއް އެކުލަވާލަން 61 ގޮނޑި ބޭނުންވެއެވެ.

ނަތަންޔާހޫ، އިދިކޮޅު ލީޑަރާ ކޯލިޝަން ހެދުމަށް ދައުވަތުދިނީ، ނަތަންޔާހޫއަށްވެސް އަދި އިދިކޮޅު ލީޑަރަށްވެސް ފަސޭހަ މަގަމުން ކޯލިޝަން ސަރުކާރެއް ހެދުމުގެ ފުރުސަތު ހަނިކަމުންނެވެ.

ބްލޫ އެންޑް ވައިޓް ޕާޓީގެ އިސް ލީޑަރެއް ކަމަށްވާ މޯޝޭ ޔާލޮން ބުނީ، އޭނާގެ ޕާޓީން ނަތަންޔާހޫއާ ކޯލިޝަން ނުހަދާނޭ ކަމަށެވެ.

ކޯލިޝަން ހަދަން ދިން ދައުވަތު އިދިކޮޅު ޕާޓީން ގަބޫލު ނުކުރުމުން ނަތަންޔާހޫ ބުނީ، އެކަމާ ހައިރާންވެ އަދި ނާއުންމީދުވެއްޖެ ކަމަށެވެ.