މެޗުގެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ފޯކައިދޫ ފުޓްބޯލް ކްލަބު ބަލިކޮށް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މޮޅު ނިލަނދޫ ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.

މިއަދުގެ މެޗާ ކުރިމަތިލިއިރު، ނިލަންދުއަށް ލީގުގައި ޕޮއިންޓެއް ހޯދިފައެއް ނުވެއެވެ. މިއަދުގެ މެޗުން ނިލަންދޫ މޮޅުވީ ފަހު ވަގުތު ޖެހި ގޯލާއެކު 3-2 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ނިލަންދޫން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގައި އެންމެ ފުރަތަމަ ގޯލު ޖަހާ ލިޑު ނެގީވެސް އެޓީމުންނެވެ. ފޯކައިދޫގެ ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގާ ޑިފެންޑަރެއް ކައިރިން ދެމިގަނެ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ގޯލް އަށްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލޫކަސް އެވެ.

އެކަމަކު ފުރަތަމަ ހާފް ނިމުމުގެ ކުރިން ފޯކައިދޫން ވަނީ އެޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. ނިލަންދޫގެ ލަނޑާއެކު އެޓީމުގެ ކުޅުން ލަސްވެ، ކުޅުންތެރިންގެ ވަރުބަލިކަން ފެނިގެންދިޔައެވެ. އެޓީމުގެ ކުޅުންތެރިން ދަނޑުމަތީ ވެއްޓިފައި އޮތުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ފޯކައިދޫ އިން މެޗުގެ ކޮންޓްރޯލް ހޯދުމެވެ. ފުރަތަމަ ހާފު ނިމެން 2 މިނެޓަށް ވެފައިވަނިކޮށް ފޯކައިދޫ އިން ނަތީޖާ އެއްވަރުކޮށްދިނީ ޔޫސުފް ޖުނައިދު ޒާހިރެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މުހައްމަދު ޖައިލަމް (އޮގީ) ވަނީ ފޯކައިދުއަށް ލިޑު ނަގާދީފައެވެ. މި ހާފްގައި ފޯކައިދޫގެ ބިދޭސީ ކުޅުންތެރިޔާ މުސްތަފާއަށް ވަރަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުކޮށްލާފައިވެއެވެ.

މި މެޗުގައި ނިލަންދޫން ނަތީޖާ އެއްވަރުކުރީ 77 ވަނަ މިނެޓުގައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ޖަޕާންގެ މިޑްފީލްޑަރު ޓޮޝީކީ އޮކަމޯޓޯ އެވެ. ޓޮޝީކީ މި ގޯލް ކާމިޔާބު ކުރީ މެދުތެރެއިން ދިން ހިތް ގައިމު ޕާހެއްގައި ކީޕަރު ކުރިޔަށް އެރިވަގުތު ކީޕަރުގެ ބޯމަތިން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިއީ އޮކަމޯޓޯ ނިލަންދުއަށް ކުލެދިން ފުރަތަމަ މެޗުގައި ކާމިޔާބުކުރި ފުރަތަމަ ގޯލެވެ. މެޗުން ފޯކައިދޫ މޮޅުކޮށްދިން ގޯލް އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ އަކްރަމް އިސްމައީލެވެ.

މި މެޗުން ނިލަންދޫން 3 ޕޮއިންޓު ހޯދިއިރު، އެޓީމު މިހާރު އޮތީ ތާވަލުގެ އަށްވަނައިގައެވެ. މި މެޗުން ބަލިވި ފޯކައިދޫ އޮތީ ކުޅުނު 7 މެޗުން ލިބުނު 8 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައެވެ. ތާވަލުގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.