ކ. އެނބޫދޫފަޅުގައި ތަރައްގީކުރާ "ކްރޮސްރޯޑްސް" އިންޓަގްރޭޓެޑް ޓޫރިސްޓް ޑެސްޓިނޭޝަންގެ ފުރަތަމަ ފިޔަވަހި ރަސްމީކޮށް ހުޅުވައިފި އެވެ.

ދެރިސޯޓުގެ އިތުރުން ގިނަ ވަސީލަތްތަކަކާއެކު ތަރައްޤީކޮށްފައިވާ ކްރޮސްރޯޑުސްގެ ފުރަތަމަ ފިޔަވަހި ރަސްމީކޮށް ހުޅުއްވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ.

މި ރަސްމިއްޔާތުގައި ދައުލަތުގެ ގިނަ ވަޒީރުންނާއި، އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔަތުގައި ވާހަކަފުޅު ދައްކަވަމުން ނައިބުރައީސް ވިދާޅުވީ، މި މަޝްރޫއު ހިންގާ ކުންފުނިން ތިމާވެށި ހިމާޔަތް ކުރުމާއި ދިރުންތައް ރައްކާތެރިކުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ، މި މަޝްރޫއުން އެނގިގެންދަނީ ދެމެހެއްޓެނި ގޮތަށް ބޮޑެތި މަޝްރޫއުތައް ހިންގިދާނެކަން ކަމަށެވެ.

ކްރޮސްރޯޑުގެ ފުރަތަމަ ފިޔަވަހީގައި ތަރައްގީކޮށްފައިވަނީ ދެ ރިސޯޓުކަމަށްވާ "ހާޑް ރޮކް ހޮޓެލް މޯލްޑިވްސް" އަދި "ސައި ލެގޫން މޯލްޑިވްސް" ގެ އިތުރުން ތަފާތު ވަސީލަތްތައް ހިމެނޭ ގޮތަށް ތަރައްގީކޮށްފައިވާ "ދަ މެރީނާ އެޓް ކްރޮސްރޯޑްސް" އެވެ. މިއިން ކޮންމެ ރިސޯޓަކުންވެސް ދަ މެރީނާ އެޓް ކްރޮސްރޯޑްސްއަށް ދެވޭނެ އެވެ.

ދަ މެރީނާ އެޓް ކްރޮސްރޯޑްސް އަކީ ތަފާތު ކެއުންތައް ލިބޭ ދުނިޔޭގެ މަޝްހޫރު ރެސްޓޯރަންޓުތަކާއި ރީޓެއިލް އައުޓްލެޓުތައް ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ 800 މީޓަރު ދިގު ތަނެކެވެ. މިތަނުގައި ހުޅުވާފައިވާ ބްރޭންޑުތަކުގެ ތެރޭގައި ހާޑް ރޮކް ކެފޭ، މިނިސްޓްރީ އޮފް ކްރެބް އަދި ނިހޯންބަށި ހިމެނެއެވެ.