ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ވިކްޓަރީ ސްޕޯޓްސް ކްލަބު ހާޒިރު ނުވުމުން، ކްލަބު ގްރީން ސްޓްރީޓްސްއަށް 3 ޕޮއިންޓު ލިބިއްޖެ އެވެ.

މިރޭ ކުޅުމަށް ހަމަޖެހިފައި އޮތް މެޗު ކެންސަލްވިއިރު، މި މެޗުން ގްރީންއަށް ވަނީ 3 ޕޮއިންޓާއި ފައިދާ 2 ގޯލް ލިބިފައެވެ.

މިރޭގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިކްޓަރީގެ އާ ކޯޗު އާދަމް އަބްދުއްލަތީފް (ލައްޗޭ) ބުނީ ޓީމު ލިސްޓުގައި ޖަހާފައި ތިބި ކުޅުންތެރިންގެ ތެރެއިން އެޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވަނީ ހައެއްކަ ކުޅުންތެރިން ކަމަށާއި މެޗަށް ޓީމު ހަމަނުވެދާނެ ކަމަށެވެ.

މެޗަށް ހާޒިރުނުވުމުން ބޮޑު ޖޫރިމަނާއަކާއި އެ ޓީމު ކުރިމަތިލާން ޖެހޭނެއެވެ. ޖޫރިމަނާގެ ކަންކަން ނިންމާނީ އެފްއޭއެމްގެ ކޮމިޓީންނެވެ. މިދިޔަ އަހަރުވެސް ވިކްޓަރީ ވަނީ މެޗަށް ހާޒިރުނުވުމުގެ ސަބަބުން ޖޫރިމަނާކޮށްފައެވެ. އެކަން ވެގެންދިޔައީ އެ ކުލަބަށް ލޯބިކުރާ ސަޕޯޓަރުންނަށް ލިބުނު ބޮޑު ހިތާމައަކަށެވެ. ނަަމަވެސް އާ މެނޭޖްމަންޓާއެކު ވެސް ފެނިގެންދަނީ ހަމަ އެ މަންޒަރު ތަކުރާރުވާ ތަނެވެ.

ބޮޑު ދަރަންޏެއްގައި އޮއްވާ އެ ކުލަބު ސަލާމަތްކުރަން ހަވާލުވި ޗެއާމަން މުހައްމަދު ނާޝިދު (ނާޝް) އާއި ކުރީގެ ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) އަދި މުހައްމަދު ހަމީދު (އުމަރުބެ)، އެ ކުލަބު އަލުން ކޮޅަށް ޖެހުމަށް ގިނަ ޕްލޭންތަކެއް ރޭވި ނަމަވެސް އެ ޓީމުގެ ކުރީގެ ކޯޗާއި އޮތް ގުޅުން ކުޑަވެ މުހައްމަދު އާދަމް މަގާމުން އިސްތިއުފާވެސް ދިނެވެ.

މިރޭގެ މެޗު ކެންސަލްވުމުން ގްރީންއަށް 3 ޕޮއިންޓު ލިބުނުއިރު، އެޓީމު ވަނީ 12 ޕޮއިންޓާއެކު ހަތަރުވަނައަށް ޖެހިލާފައެވެ. ޓީސީއަށްވެސް 12 ޕޮއިންޓު ލިބިފައިވާއިރު ގްރީންއަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ވިކްޓަރީ އޮތީ ތާވަލުގެ ފުލުގައި ޕޮއިންޓެއް ނުލިބިއެވެ.