އދގެ އާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް، އީރާނުގެ ރައީސް ހަސަން ރޫހާނީއާއި، އީރާނުގެ ޚާރިޖީ ވަޒީރު މުހަންމަދު ޖަވާދު ޒާރިފް އެމެރިކާއަށް ވަޑައިގަތުމަށް އެމެރިކާއިން ވިސާ ދީފިއެވެ.

މިކަން، އދގައި ހުންނަ އީރާނުގެ މިޝަނުންވަނީ ކަށަވަރު ކޮށްދީފައެވެ.

އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ޚާރިޖީ ވަޒީރު ޒާރިފް ހުކުރު ދުވަހު ނިއުޔޯކަށް ފުރާވަޑައި ގަންނަވާނޭ ކަމަށެވެ.

އީރާނުގެ ޚާރިޖީ ވަޒީރު މުހަންމަދު ޖަވާދު ޒާރިފް ބުރާސްފަތި ދުވަހު ވިދާޅުވެފައިވަނީ، އދގެ އާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވާ އީރާނުގެ ވަފުދަށް ވިސާދިނުން ލަސްކުރުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕޭއި މަސައްކަތް ކުރެއްވި ކަމަށެވެ.

އެމެރިކާގެ މައްޗަށްއޮތް ގާނޫނީ ވާޖިބު އެއްފަރާތްކޮށް، އދގެ ވަފުދަށް ވިސާދިނުމަށް ހުރަސްއަޅުއްވަން އެމެރިކާގެ ޚާރިޖީ ވަޒީރު މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެ، ޒާރިފް ކުރެއްވި ޓްވީޓެއްގައި ޕޮމްޕޭއިއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވެއެވެ.

ޒާރިފްގެ ވާހަކަތަކާ ގުޅިގެން އެއްވެސް އެއްޗެއް ހާމަކުރައްވަން އެމެރިކާގެ ޚާރިޖީ ވަޒީރު ފަސްޖެހިވަޑައި ގެންފައިވާ ކަމަށް މީޑިއާއިން ބުނެއެވެ.

އީރާނުގެ ރައީސާއި، ޚާރިޖީ ވަޒީރަށް ވިސާނުދޭން އެމެރިކާއިން މަސައްކަތް ކުރިކަން މިހާމަވީ، ސައުދީ އަރަބިއްޔާގެ ދެ ތެޔޮ ކާރުޚާނާއަކަށް މިދިޔަ ހަފްތާގައި ދެވުނު ހަމަލާތަކަށް ރައްދު ދިނުމާމެދު ވިސްނަމުންދާ ކަމަށް އެމެރިކާއާއި ސައުދީ އަރަބިއްޔާއިން ހާމަކޮށްފައި ވަނިކޮށެވެ.

އެ ހަމަލާގައި އީރާނުގެ އެއްވެސް ބައިވެރިވުމެއް ނުވާނޭ ކަމަށް އީރާނުން ތަކުރާރުކޮށް ގެންދަނީ ބުނަމުންނެވެ. އެމެރިކާގެ ތުހުމަތުތައް ގެންދަނީ ދޮގުކުރަމުންނެވެ.

ސީއެންއެންއަށް ދެއްވި އިންޓަރވިއުއެއްގައި އީރާނުގެ ޚާރިޖީ ވަޒީރު މުހަންމަދު ޖަވާދު ޒާރިފް ބުރާސްފަތި ދުވަހު ވިދާޅުވީ، އީރާނަށް ހަމަލާއެއް ދީފިނަމަ އޭގެ ނަތީޖާއަކަށް ވެގެންދާނީ އެންމެން ހަނގުރާމައަށް ނުކުންނާންޖެހުން ކަމަށެވެ.

"އަޅުގަނޑުމެން ހަނގުރާމަ ކުރާކަށް ބޭނުމެއްނޫން، އަސްކަރީ ކުރިމަތިލުމެއްގައި ބައިވެރިވާކަށްވެސް ބޭނުމެއްނޫން، އެކަމަކު، ގައުމުގެ ދިފާއުކުރުމުގެ މަސައްކަތުގައި އަޅުގަނޑުމެން އެސްފިޔައެއްވެސް ޖަހާނުލާނަން" ޒާރިފް ވިދާޅުވެފައި ވެއެވެ.