ރާއްޖޭގެ ވެރިކަން ކުރާ މާލެއަކީ އާސާރީ ގިނަ ބިނާތަކެއް ފެންނަން ހުރި ބިމެކެވެ. މި އާސާރީ ބިނާތަކުގެ ތެރެއިންވެސް އިސްލާމްދީނާއި ގުޅުން ހުރި ބިނާތައް ވަކިން ފާހަގަކުރެވެއެވެ. މިގޮތުން އެންމެ ބޮޑަށް ފާހަގަވެގެންދާ އެއް ބިނާ ނުވަތަ އިމާރާތެއްގެ ގޮތުގައި ފެނިގެންދާ ތަނަކީ ދިވެހި ފަންނުވެރިކަމުގެ ފުރިހަމަކަން ދައްކުވައިދޭ މާލޭ ކަޅުވަކަރު މިސްކިތެވެ.

ތާރީޚު ދިރާސާކުރައްވާ ފަރާތްތަކުން ލިޔުއްވާފައިވާ ގޮތުން ކަޅުވަކަރު މިސްކިތަކީ ތާނަ އަކުރުގެ އެންމެ ދުވަސްވީ އެއް ލިޔުން ބިންވަޅުނެގިފައިވާ ތާރީޚީ، ބަހަވީ ތަރިކައެކެވެ. މާލޭގައި ހުރި ގިނަ އާސާރީ މިސްކިތްތަކާއި ބިނާތަކާ ޚިލާފަށް ކަޅުވަކަރު މިސްކިތަކީ އެކި ޒަމާންތަކުގައި އެކިއެކި ތަންތަނަށް ގެންގޮސް، އަދި ގެނެސްފައިވާ މިސްކިތެއްކަން ފާހަގަކޮށްލެވެއެވެ.

މިސްކިތުގެ ތާރީޚަށް ބަލާއިރު ތާރީޚު ދިރާސާކުރައްވާ ފަރާތެއް ކަމުގައިވާ ހެރިޓޭޖް މިނިސްޓްރީގެ ކަލްޗަރަލް ހެރިޓޭޖް ޑިރެކްޓަރ ޝައްމޫން ޖަލީލު ލިޔުއްވާފައިވާ ގޮތުގައި ކަޅުވަކަރު މިސްކިތަކީ ހިރިގަލުން ބިނާކުރެވިފައިވާ ދިވެހިންގެ ގަލުވަޑާމާއި ލާފެންކުރުމުގެ ފަންނުވެރިކަން ދައްކުވައިދޭ ރީތި މިސްކިތެކެވެ. ހިރިގަލާއި ކަޅުވަކަރުގައި ކުރެހުންތައް ކަނޑާނެގިފައިވާ އަދި މިސްކިތުގެ އެތެރޭގެ ބައިތައް ލާފެންކުރެވިފައިވާ ފުރިހަމަ މިސްކިތެކެވެ. ކަޅުވަކަރު މިސްކިތުގެ ނަމުން މި މިސްކިތަށް ނަން ދެވިފައިވަނީ މިސްކިތުގެ މަސައްކަތްތަކުގައި ކަޅުވަކަރު ބޭނުންކޮށްފައިވާތީއެވެ. ކަޅުވަކަރު ބޭނުންކޮށްފައިވާ އެހެން މިސްކިތެއް ހުރި ކަމެއް އެނގޭކަށް ނެތެވެ. ނަން މޮޅު ހައިވަކަރު ބައެއް މިސްކިތްތަކުގައި ބޭނުންކޮށްފައިވާ ކަމަށްވެސް މި ލިޔުންތަކުން ފާހަގަވެއެވެ. ކަޅުވަކަރު މިސްކިތަކީ އެއްފަހަރާ ސާޅީހަކަށް މީހުންނަށް ނަމާދު ކުރެވޭވަރުގެ ކުޑަ މިސްކިތެކެވެ.

ހެރިޓޭޖް މިނިސްޓްރީގެ ކަލްޗަރަލް ހެރިޓޭޖް ޑިރެކްޓަރ ޝައްމޫން ޖަލީލު ލިޔުއްވާފައިވާ ގޮތުގައި އެމިސްކިތުގެ ދާލައަކީ ވަރަށްގިނަ މީހުން ވަރަށް ގިނައިރު ވަންދެން ކިޔެވުމުގައި މަޑުވެތިބޭ ދާލައެކެވެ. މިސްކިތުގެ އެންމެ ހަނދާންނުނެތޭ މުދިމަކީ، އަދި ހީވާގޮތުން އެންމެ ގިނަދުވަހު ހުންނެވީ މުދިމަކީ އަލްޙާއްޖި އަލްމަރުޙޫމް ޢަބްދުﷲ އެވެ.

ކަޅުވަކަރު މިސްކިތް ބިނާކުރައްވަން ފެއްޓެވީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ދެވަނަ) ގެ ރަސްކަމުގައެވެ. މި މިސްކިތް ބިނާކުރައްވަން ފެއްޓެވީ، ޣިޔާޘުއްދީން ރަދުންގެ ގަނޑުވަރު ރޫޅާލައްވައިފައި އެ ގަނޑުވަރު ހުރި ބިމުގައެވެ. މިއީ މިތާނގައި މިސްކިތެއް ބިނާކުރެއްވުމަށް ޝަމްސުއްދީން ރަދުން ނަދުރުފުޅެއް ވިދާޅުވެފައިވާތީ ކަމަށް ވެއެވެ.

މި މިސްކިތް ބިނާކޮށް ނިމުނީ މި ރަދުންގެ ދެބެއިންގެ ދެދަރި ކޮއްކޯފުޅު އައްސުލްޠާން ހަސަން ނޫރައްދީން އިސްކަންދަރު ކައްތިރި ބަވަނަ މަހާރަދުންގެ ރަސްކަމުގެ 10 ވަނަ އަހަރު ކަމަށް ތާރީޚު ދިރާސާކުރައްވާ ފަރާތެއް ކަމުގައިވާ ނަސީމާ މުޙައްމަދު ލިޔުއްވާފައިވެއެވެ. ތާރީޚުން އެނގޭގޮތުން ކަޅުވަކަރު މިސްކިތް ބިނާކުރައްވަން ފެއްޓެވި ތާރީޚުން ފެށިގެން މިސްކިތުގެ މަސައްކަތް ނިމުނު ތާރީޚަށް ތިން ރަސްކަލެއްގެ ރަސްކަން ހިނގާފައި ވެއެވެ.

ޝައްމޫން ޖަލީލު ލިޔުއްވާފައިވާ ގޮތުން ޣިޔާޘުއްދީން ރަދުންގެ ގަނޑުވަރު ރޫޅާލައި އެ ބިމުގައި ބިނާކުރި ކަޅުވަކަރު މިސްކިތް އެކި ދުވަސްވަރު އެކިތަންތާގައި ހުރި ކަމަށް ދޫދޫމަތިން ކިޔެމުން އައިސްފައި ވެއެވެ. އެއް ދުވަސްވަރެއްގައި ކަޅުވަކަރު މިސްކިތް ޗާންދަނީ މަގުގެ ކޮންމެވެސް ހިސާބެއްގައި އެމަގުގެ އިރުމަތީ ފަޅީގައި ހުރި ކަމަށް ބުނެވެއެވެ. އަދި މަޖީދީމަގުގެ ދެކުނުފަޅީގައި މައްޗަންގޮޅީގެ ކޮންމެވެސް ހިސާބެއްގައި ހުރި ކަމުގައި ވެސް ބުނެވެއެވެ.

ކަޅުވަކަރު މިސްކިތް މާލޭގެ އެހެން ހިސާބަކުން މަޖީދީމާގާއި ކަރަންކާމަގު އިންވާ ހުޅަނގު އުތުރު ކަންމަތީގައި ބެހެއްޓެވީ ހާޖީ އިމާދުއްދީނު ކަމަށް ބުނެވޭ ވާހަކައަށް ފަހު އެ މިސްކިތް ހުރި ތަނުން އެހެން ތަނަކަށް ބަދަލުކުރެވުނު ކަމަށް ލިޔެވި ފެންނަންއޮތީ މިފަހުގެ ތާރީޚުގައި އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނު ކަޅުވަކަރު މިސްކިތް ފުރަނަފުއްޓަށް ބަދަލުކުރެއްވުމެވެ.

ކަޅުވަކަރު މިސްކިތް އުވާލެެވުނީ 7 އޯގަސްޓް 1978ގައެވެ. 1 އޮކްޓޯބަރ 1978ގައި ނީލަން ކިޔައިގެން މިސްކިތް ނެގީ ފުރަނަ ޓުއަރިސްޓް ރިސޯޓަށެވެ. 15 ޖެނުއަރީ 1979ގައި ސަރުކާރުން ބަދަލުދީ މިސްކިތް ނީލަން ކިއުމަކީ ހަމަޖެހޭ ކަމަކަށް ނުވާތީއާއި އަދި ކަޅުވަކަރު މިސްކިތަކީ އާސާރީ ތަނެއް ކަމުގައި ވާތީ އެ މިސްކިތް ސަރުކާރަށް ބޭނުން ކުރިއެވެ. ނަމަވެސް، ފުރަނަ ޓްއަރިސްޓް ރިސޯޓް ހިންގަވާ ފަރާތެއް ކަމަށްވާ ޓްރެޝަރ އައިލެންޑް އެންޓަރ ޕްރައިޒަސްގެ ފަރާތުން އެކުންފުނީގެ ޗެއަރމަން މިސްޓަރ ވޭން. ވީ. ރީޑް މިސްކިތް އަނބުރާ ދިވެހި ސަރުކާރަށް ހަދިޔާކުރެއްވީއެވެ.

އިބްރާހިމް ނާސިރުގެ ވެރިކަމުގައި ކަޅުވަކަރު މިސްކިތް ނީލަން ކިޔައި ފުރަނަފުށީގައި ބަހައްޓާފައި ވަނިކޮށް 1980 ފެބްރުއަރީގައި ރައީސް މައުމޫން އަބްދުލް ގައްޔޫމް އެ މިސްކިތް މާލެ ގެންނަވައި ސަލްޓަން ޕާކް އިރުދެކުނު ކަނުގައި ބެހެއްޓެވިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ސަލްޓަން ޕާކު އިރުދެކުނު ކަނުގައި ހުރި ކަޅުވަކަރު މިސްކިތުގެ އާބާތުރަ ފިލުވައި ގިނަ ދުވަހަށް ދެމިހުންނާނެ ގޮތަށް ހިމާޔަތްކުރުމުގެ މަސައްކަތަށް ކަޅުވަކަރު މިސްކިތް ބަންދުކުރުމަށް ފަހު އަލުން ހުޅުއްވައިދެއްވީ އޭޕްރީލް 19، 2009 ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދެވެ. އޭގެ ފަހުން 2016 ވަނަ އަހަރު ތެރޭ ކަޅުވަކަރު މިސްކިތް ރޫޅާލާ އެތަނުން ނެގުމަށްފަހު، ގ.ދ ތިނަދޫއަށް ގެންދަން ނިންމިއެވެ. ނަމަވެސް އެކަން އެގޮތަށް ނުކޮށް އަނެއްކާވެސް މާލޭގައި މި މިސްކިތް ބެހެއްޓުމަށް މިހާރު މިވަނީ ނިންމާފައެވެ.