މާލޭގައި ހުކުރުދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ނަފްސާނީ އަދި ޖިސްމާނީގޮތުން ބައެއް ފަރާތްތަކަށް އަނިޔާ ލިބިފައިވާއިރު، އަނިޔާ ލިބުނު ފަރާތްތަކަށް ފަރުވާދިނުމަށް އޭޑީކޭއިން ދެއްކި ނަމޫނާއަކީ އެވާހަކައެއް ނުދައްކާ ދޫކޮށްލެވޭވަރުގެ ވާހަކައެއް ނޫނެވެ. ހާދިސާ ހިނގި ސަރަހަށްދާއި މާ ދުރުނޫން ހިސާބެއްގައި ހުންނަ އޭޑީކޭގެ މެނޭޖުމެންޓުންނާއި، މުވައްޒަފުން ދެއްކި ނަމޫނާއަށް ތައުރީފް ހައްގެވެ.

އަލިފާން ރޯވެގެން އުޅޭކަމުގެ ހަބަރު ލިބުމުން އަޅުގަނޑުވެސް އެސަރަހަށްދަށް ދިއައީ އެސަރަހަށްދުގެ ޚަބަރު ބަލާލުމަށެވެ. ބާރު އަޑުފައްގަނޑަކާއެކު ރޯވި އެ އަލިފާންގަނޑުން ސަލާމަތްވުމަށް އެމީހަކާއި އެމީހަކު ދުވަމުންދިޔަ މަންޒަރު އެތަނުން ފެނުނެވެ. ކުޑަކުޑަ ތުއްތުކުދިން ކިހިލިޖަހައިގެން މައިން ދުވަމުން، ސަލާމަތަށް އެދި ގޮވަމުންދިޔަ މަންޒަރު ފެނުމުން ހިތްފަޅައިގެންދިޔަ ކަހަލައެވެ.

އަލިފާން ރޯވެފައިވާ ސަރަހަށްދައް އިތުރަށް ގާތްވެލިއިރު، ކުއްލިޔަކަށް ސިއްސައިގެންދިއައީ މެދުއުމުރު ދައްތައެއް އައިސް އަޅުގަނޑުގެ ގައިގަ ބައްދައިގަނެގެން ރޯންފެށުމުންނެވެ. "ދައްތަގެ ދަރިފުުޅު އަލިފާންގަޑުތެރޭގަ! ސަލާމަތްކޮށްދީ. ﷲއައްޓަކައި ދަރިފުޅު ގެނެސްދީ" މިހެން ބުނެ އެދައްތަ ރޯންފެށިއެވެ. އެދައްތަ ގޮވައިގެން އަޅުގަނޑު މިސްރާބުޖެހީ އަލިފާން ރޮވެފައިވާ ސަރަހަށްދާއި ދުރަށް ދެވޭތޯއެވެ. އޭރުވެސް ދަރުފުޅު ސަލާމަތްކޮށް ދިނުމަށްއެދި ދައްތަ ގޮވަމުންދިޔައެވެ.

މާދުރަށް ނުދެވެނީސް ތައްދަ އަނބުރައިގަނެގެން ވެއްޓުމުން ކައިރީހުރި މީހެއްގެ އެހީގައި އެ ދައްތަ އޭޑީކޭއަށް ގެންދިއައީމެވެ. ބަލާބެލުމަށް އޭރު އޭޑީކޭ އަކަށްވެސް އަލިފާނުގެ ޚަބަރު ލިބުނު ހެނެއް ހިޔެއްނުވެއެވެ. އޭޑީކޭގެ އެތެރެއަށްވަދެ އިރުކޮޅެއް ނުވަނީސް އެތަނުގެ މުވައްޒަފުން ސްޓްރެޗާއެއްގެނެސް އެ ދައްތަ އެމެޖެންސީ ރޫމާ ދިމާއަށް ގެންދިއައެވެ. އެހޮސްޕިޓަލުގައި މަސައްކަތްކުރާ ގާތްގަނޑަކަށް 9 މުވައްޒަފުން އޭރު އެމެޖެންސީ ރޫމުގައި ހަރަކާތްތެރިވަމުން ދިޔައިރު، އެދައްތަ ފެނުމާއެކު އަވަސްވެގަތީ އެ ތައްދައަށް އަވަހަށް ފަރުވާދިނުމަށެވެ.

އިރުކޮޅެއްނުވެ އޭޑީކޭގެ ހުރިހާ އާންމު ޚިދުމަތެއް މެދުކަނޑާލިވާހަކަ ހޮސްޕިޓަލުގެ ސްޕީކްރުން ގޮވަމުންދިޔައެވެ. އަދި އާންމުންގެ މީހުން އެއްފަރާތްކޮށް، އޭޑީކޭގެ މުވައްޒަފުން ދިއައީ އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހަށްދުން ގެންނަ ފަރާތްތަކަށް ފަރުވާ ދެެމުންނެވެ. އެއްބައި މުވައްޒަފުން އަނިޔާވެ، ދުމުގެ އަސަރުކޮށްފައިވާ މީހުން ލައިގެން ސްޓްރެޗާއަކަށްފަހު ސްޓްރެޗާއެއް ހޮސްޕިޓަލަށް ވައްދަމުން ދިއައިރު، އެހެން މުވައްޒަފުން ދިއައީ އެތަނުގައި ތިބި މީހުންނަށް ފެންފުޅި ބަހަމުންނެވެ. އަދި އެއްބައި މުވައްޒަފުން ސްޓްރެޗާ ހިފައިގެން ހާދިސާ ހިނގައިގެން އުޅުނު ސަހަރައްދުގައިވެސް ހަރަކާތްތެރިވިއެވެ.

އޭޑީކޭގެ ތެރެއިން ފެނުނު އެންމެ ފަހަގަކޮށްލެވުނު އެއްކަމަކީ، އަނިޔާވެ ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ގެންދެވުނު މީހުންގެ އާއިލާތަކުގެ މީހުންކައިރީ ހިތްވަރުލައިދޭންވެސް އެތަނުގެ މުވައްޒަފުން ތިބުމެވެ. ހުރިހާ ޑޮކްޓަރުންނާއި، ނަރުހުންވެސް އެމީހުން ކުރަން ތިބި މަސައްކަތް ހުއްޓާލައި އަލިފާނުގެ އަސަރުކުރި މީހުންނަށް ޚިދުމަތްދޭން ފެށީ އެމީހުންގެ އަމިއްލަ އާއިލާ މީހަކަށް ކަމެއް ވެގެން އުޅުނު ފަދައިންނެވެ.

ހުކުރުދުވަހުގެ ރޭ ހިނގި ބިރުވެރި އެ ހާދިސާއާއި ގުޅިގެން ދުމުގެ އަސަރު ކޮށްގެންނާއި، އަނިޔާވެގެން އޭޑީކޭގައި 61 މީހަކަަށް ފަރުވާދީފައިވާއިރު، މިހާރު އެންމެންގެ ހާލުވެސް ރަނގަޅުކަަމަށް އެހޮސްޕިޓަލުން ބުނެއެވެ. ހާލު ދެރަވެގެން ގެންދިޔަ މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުންދަނީ 3 މީހުންނަށް ކަމަށް އޭޑީކޭ އިން ބުނެއެވެ. އެހާދިސާގައި އަނިޔާވި ފަރާތްތަކަށް ފަރުވާ ދިނުމަށް އޭޑީކޭގެ އާންމު ޚިދުމަތްތައް ގާތްގަނޑަކަށް 6 ގަޑިއިރުވަންދެން މެދުކަނޑާލިއެވެ.

މީގެއިތުރުން، މިހިނގައިދިޔަ އަލިފާނުގެ ބިރުވެރި އަދި ހިތާމަވެރި ހާދިސާގައި ގެދޮރު ގެއްލުމުގެ ސަބަބުން، ކަލާފާނު ސުކޫލާއި، މަޖީދިއްޔާ ސުކޫލުގެ އިތުރުން އިމާދުއްދީން ސުކޫލުގެ ވަގުތީ ހިޔާގައިތިބި ފަރަާތަތަކަށްވެސް އޭޑީކޭއިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އޭޑީކޭއިން ބުނޮގޮތުގައި، އެފަރާތްތަކުން ޚިދުމަތަށް ބޭނުންވެގެން އެދި ގުޅުމުން ކެޕޭސިޓީ ހުރިވަރަކުން ޚިދުމަތް ފޯރުކޮށްދެމުން ކަމަށެވެ.

ެ