ހ. ތިލަފުށީގޭގައި ރޭ ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާ އަކީ މިހާތަނަށް އަޅުގަނޑަށް ތަޖްރިބާކުރެވުނު އެންމެ ހިތާމެވެރި އަދި އެންމެ ބޮޑު އަލިފާނުގެ ހާދިސާއެވެ.

މި އަލިފާނުގެ ހާދިސާ އެންމެ ފުރަތަމަ ފެނުނު ނޫސްވެރިއެއްގެ ހައިސިއްޔަތުން ދަންނަވާނީ، އެކަން ސިފަކުރެވިގެންދިޔައީ ވަރަށްބޮޑު ބިރުވެރިކަމާއި ނާންމާންކަމުން ފުރިގެންވާ ކަމެއްގެ ގޮތުގައި ކަމެވެ.

ހުކުރު ދުވަހުގެ ހަވީރު ކުރިޔަށްދިޔަ ދިރާގު މޯލްޑިވްސް ރޯޑްރޭހުގެ ލައިވް ކަވަރޭޖް ވީޓީވީން ގެނެސްދިނުމަށް ފަހު ލައިވްކަވަރޭޖް ނިންމާލީ 6:30 ހާއިރުއެވެ. އެއަށް ފަހު ރޭގަނޑުގެ ޚަބަރަށް ތައްޔާރުވުމުގެ ކުރިން އަޅުގަނޑުވެސް ނުކުތީ ކޮފީއެއް ބޯލުމަށެވެ.

ގާތްގަޑަކަށް 7:10 ހާއިރު ހިނގި މި ހިތާމަވެރި ހާދިސާ ހިނގިއިރު އަޅުގަނޑު ހުރީ އޭޑީކޭ ކުރިމަތީ ގޯޅީގެ މެދަކާއި ހަމައިގައެވެ. ކުއްލިއަކަށް އަޅުގަނޑުގެ ކުރިމަތިން އިވުނީ ވަރަށް ބާރުގަދަ ގޮވުމެއްގެ އަޑުފަށްގަނޑެވެ. އެއާއެކު ފެނިގެންދިޔައި ބޮޑު ހުޅުގަނޑެއް ފަޅައިގެންދިޔަތަނެވެ.