އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނަ މަގާމްގައި މިވަގުތު އޮތް ލިވަޕޫލާ ދެމެދު އޮތް ފަރަގު މެންޗެސްޓާ ސިޓީއިން ދެ ޕޮއިންޓަށް ކުޑަކޮށްފި އެވެ.

ސިޓީއިން މިފަރަގު ކުޑަކޮށްލީ މިރޭ ވޮޓްފޯޑްއާ ދެކޮޅަށް ކުޅުނު މެޗް ފަސޭހަ ކަމާއެކު 8-0 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.

މިނަތީޖާއާއެކު ލީގް ތާވަލްގައި ސިޓީ މިވަގުތު އޮތީ މިހާތަނަށް ކުޅުނު ހަ މެޗުން ލިބުނު 13 ޕޮއިންޓާއެކު އެވެ. އަދި ލީގް ތާވަލްގެ އެއް ވަނަ މަގާމްގައި އޮތް ލިވަޕޫލަށް މިހާތަނަށް ކުޅުނު ހަ މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ އަތުން މިރޭ ބަލިވި ވޮޓްފޯޑް އޮތީ މިހާތަނަށް ކުޅުނު ހަ މެޗުން ލިބުނުު ދެ ޕޮއިންޓާއެކު ތާވަލްގެ އެންމެ ފުލުގައެވެ.

ސިޓީގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގައި އެޓީމުން ކާމިޔާބުކުރި އަށް ގޯލުގެ ތެރެއިން ތިން ގޯލު ކާމިޔާބުކޮށް ޕޯޗުގަލްގެ ޒުވާން މިޑްފީލްޑަރު ބާނަޑޯ ސިލްވާ އެވެ. އަދި އެޓީމުގެ އަނެއް ފަސް ގޯލް ކާމިޔާބު ކޮށްދިން ކުޅުންތެރިންނަކީ ޑޭވިޑް ސިލްވާ އާއި ސާޖިއޯ އަގުއޭރޯ އާއި ރިޔާދު މަހްރޭޒް އާއި ނިކޮލަސް އޮޓެމެންޑީ އަދި ކެވިން ޑެ ބްރައިނާއެވެ.

ޕްރިމިއާ ލީގުގައި ސިޓީ ދެން އެންމެ އަވަހަށް ވެސް މެޗެއް ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 9:30 ގައި އެވަޓަންއާ ދެކޮޅަށެވެ. އެމެޗަށް ސިޓީ ނިކުންނައިރު ލީގް ތާވަލްގައި އެވަޓަން އޮތީ ލީގްގައި މިހާތަނަށް ކުޅުނު ހަ މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ތާވަލްގެ 14 ވަނަ މަގާމްގައެވެ.