ރޭގައި ހިނގި އަލިފާންގެ ހާދިސާގައި އަލިފާން ރޯވި ސަރަހައްދުން އަލިފާން ނިއްވާލާފައި ވަނިކޮށް އެތަނުން އެއް އިމާރާތުގައި އަލުން އަލިފާން ރޯވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ، ރޭގައި އަލިފާން ރޯވި އިމާރާތްތަކުގެ ތެރެއިން އިމާރާތެއްގެ މަތީގައި އަނެއްކާވެސް އަލިފާން ހިފައިގެން ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އަލުން ހުޅު ހިފުމުގެ ސަބަބުން ފަޔާ ޓީމުން ދަނީ އެއިމާރާތައް ފެން ޖަހަމުން ކަމަށް ވެސް އެމްއެންޑީއެފުން މައުލުމާތު ދެއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ، ރޭ އަލިފާން ރޯވި އިމާރާތްތަކުގެ ސަރަހައްދުގައި ފަޔާ ޓީމުން 24 ގަޑިއިރު މަސައްކަތް ކުރާނެ ކަމަށާއި އިމާރާތް ތަކުގައި ހޫނުގެ އަސަރު ހުރުމުން ދޭތެރެ ދޭތެރެއިން ދުމުގެ އަސަރު ކުރަމުން އަންނަ ކަމަށެވެ.

ވީނިއުސްއަށް މީގެ އިރުކޮޅެއްގެ ކުރިން ލިބިފައިވާ ވީޑިއޯތަކުގައި ވެސް އަލިފާން ރޯވެފައިވާ މަންޒަރުތައް ފެނެއެވެ.

އެސަރަހައްދުގައި ހުރި މީހަކު ވީނިއުސްއާ ވާހަކަ ދައްކަމުން ބުނީ، އަލުން އަލިފާން ރޯވުމުގެ ސަބަބުން ފަޔާ ލޮރީވެސް އެސަރަހައްދުގައި ތައްޔާރީ ހާލަތަށް ގެނެސްފައި އޮބޮތް ކަމަށާއި އަދި ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން ވެސް އެސަރަހައްދުގައި މިހާރު ހަރަކާތެރިވަމުން އަންނަ ކަމަށެވެ.

ރޭ ހ. ތިލަފުށީގޭ ގުދަނުގެ ރޯވި އަލިފާންގަނޑު، ކުރިމަތީގައި ހުންނަ ހ. ރަދުވާނިއާގޭގައި ތިބި މީހުންވެސް އަލިފާނާއެކު ގޭގައި ބަންދުވި އެވެ.

އެގޮތްމިގޮތުން މީހުން ސަލާމަތްވެގެން ނުކުތްއިރު ގޭތެރޭގައި ތާށިވި ތ. ބުރުނީ، ފެންފިޔާޒުގޭ، އައިމިނަތު ޝައުނާ، 46، ވަނީ ފިހިގެން މަރުވެފަ އެވެ.

މިޙާދިސާ ހިނގިކަމަށް މިހާތަނަށް އެނގިފައިވަނީ ނުރައްކާތެރި ކެމިކަލް ރައްކާކޮށްފައިވާ ގުދަނެއްގައި އަލިފާން ރޯވެގެންނެވެ. 4 ގުދަނަކާއި 7 ގެއެއްގައި ރޯވި އަލިފާނުގެ ޙާދިސާގައި އާއްމުންގެ ގިނަ ބަޔަކަށް ވަނީ އޭގެ އަސަރުކޮށްފައެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެފައިވަނީ ރޭގެ އަލިފާންގެ ހާދިސާއާ ގުޅިގެން ކަލާފާނު ސްކޫލާއި ޢިމާދުއްދީނާއި އަދި މިނޫންވެސް އެހީދޭ މަރުކަޒުތަކުން 443 މިހުންނަށް ވަގުތީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.