މިއަހަރު ސްޕެނިޝް ލީގުގެ ފުރަތަމަ ޑިވިޝަނަށް ކޮލިފައިވި ގްރަނާޑާ އަތުން އެންމެފަހުގެ ލީގު ޗެމްޕިއަން އަދި ސްޕެއިންގެ ގަދަބާރު ބާސެލޯނާ ހިތްދަތިގޮތަކަށް ބަލިވެއްޖެ އެވެ.

ގްރަނާޑާގެ ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ބާސެލޯނާ ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. މިއީ މި ސީޒަނުގައި ބާސެލޯނާ މިހާތަނަށް ކުޅުނު އެންމެ ދަށް މެޗެވެ. މި މެޗުގައި ގްރަނާޑާ ވަނީ ގިނަވަގުތު ބޯޅަ ހިފަހައްޓާ ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

މެޗުގައި ގްރަނާޑާއިން ފުރަތަމަ ގޯލު ޖަހާފައިވަނީ ވަރަށް ކުރީކޮޅުގައެވެ. ބާސެލޯނާގެ ވާތު ބެކް ޖޫނިއާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އެ ލަނޑު ގްރަނާޑާ އަށް ކާމިޔާބުކޮށްދިނީ އަޒީޒް އެވެ. މި ލަނޑަށްފަހު ވެސް އެ ޓީމު ވަނީ ފުލުފުލުގައި ބާސެލޯނާއަށް ނުރައްކާކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ގްރަނާޑާ އެއް ގޯލުގެ ލީޑަކާއެކުގައެވެ.

މި ނަތީޖާގައި ފުރަތަމަ ހާފު ނިމުމާއި ގުޅިގެން ދެވަނަ ހާފު ބާސެލޯނާއިން ފެށީ އަނިޔާގައި ގިނަ ދުވަސްތަކެއް ވަންދެން ހުރުމަށްފަހު ކުޅެން އެރި އެ ޓީމުގެ ކެޕްޓަން ލައޮނަލް މެސީ އާއި އެ ޓީމުގެ އުއްމީދީ ތަރި އަންސޫ ފަޓީ އާއެކުގައެވެ. ނަމަވެސް ބާސެލޯނާއަށް މާ އެދެވޭ ކުޅުމެއް ދެވަނަ ހާފުގައިވެސް ދެއްކޭގޮތެއް ނުވެއެވެ. ގްރަނާޑާގެ ޑިފެންސް ލައިން މި މެޗުގައި ފެނުނީ ވަރަށް އޮގަނައިސްކޮށެވެ.

މެޗުގައި ގްރަނާޑާ އިން ޖެހި ދެވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ވަޑީލޯ އެވެ. ގްރަނާޑާ އަށް ޕެނަލްޓީ ލިބުނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މިޑްފީލްޑަރު އަރްޓޫރޯ ވިޑާލް އަތުގައި އޭރިއާ ތެރެއިން ބޯޅަ ޖެހުމުންނެވެ.

މި ނަތީޖާއާއެކު ބާސެލޯނާ ތާވަލުގެ ހަތްވަނައިގައި އޮތްއިރު ގްރަނާޑާ އެއްވަނައަށް ޖެހިލީ ރޭ އެތްލެޓިކޯ މެޑްރިޑް އެއްވަނައަށް ދާން ލިބުނު ފުރުސަތު ސެލްޓަ ވީގޯއާ ކުޅެ ލަނޑެއް ނުޖެހި އެއްވަރުވުމުން ބޭކާރުކޮށްލުމުންނެވެ. ނަމަވެސް ސެވީއާ އަދި ރެއާލް ކުޅޭ މެޗުން ސެވީއާއަށް ޕޮއިންޓެއް ލިބުނަސް އަލުން ތާވަލުގެ އެއްވަނައަށް ދާނީ ސެވިއްޔާ އެވެ.