މާލޭގެ ރައްޔިތުން އެމްޑީޕީއަށް ދޭ ތާއީދާއި ބަލާފައި އެމްޑީޕީގެ މެމްބަރުން ތިއްބެވީ މާލޭގެ ރައްޔިތުންނަށް މޫނު ދައްކަން ލަދުން ކަމުގައި ރައްްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަދުން ހުސައިން) ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށައެޅި ކުއްލި މައްސަލައިގައި ވާހަކަފުޅު ދައްކަވަމުން، ހުސައިން ޝަހީމް ވިދާޅުވީ، އެމްޑީޕީގެ މެމްބަރަކު މާލޭގެ ގޮނޑިއަކަށް ކުރިމަތިލާއިރަށް މާލޭގެ ރައްޔިތުން އެމީހަކު އެގޮނޑިއެއްްގައި ބައިންދަވައި ދެއްވާކަމަށެވެ.

ހުސައިން ޝަހީމް ވިދާޅުވީ، އެމްޑީޕީން ތެދުވެ މާލެ ހަމައަކަށް އަޅުވައިދޭން ޖެހޭ ކަމަށާއި، މާލެ ރައްކާތެރިތަނަކަށް ހަދައިދޭން ޖެހޭ ކަމަށެވެ. އަދި މާލޭގެ ގެތަކުގައި ހިނގާ ހާދިސާތަކުގައި އެތައް ބަޔަކު ހާލުގައި ޖެހިގެންދާތަން ބަލަން ތިބެވެން ނެތްކަމުގައި އޭނާ ވިދާޅުވިއެވެ.

އަދި މިފަދަ ހާދިސާތައް ހިނގަން މިޖެހެނީ މާލޭގެ ރައްޔިތުން ދރިއުޅެން ޖެހިފައިވާ ހާލުން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

"(މާލޭރައްޔިތުން) އަޅުގަނޑުމެން އެމްޑީޕީއަށް ތާއީދުދޭ ވަރުން އަޅުގަނޑުމެން މިތިބެނީ، ލަދުން. މިކަހަލަ ކަމެއް ދިމާވީމާ ގޮސް މޫނު ދިމާކޮށްލާނީ ކިހިނެއް." ހުސައިން ޝަހީމް ވިދާޅުވިއެވެ.