ޓެރަރިޒަމްގެ ގާނޫނަށް ހުށަހެޅި އިސްލާހް ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ އެބިލު ދިރާސަކުރުމަށް މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

މިބިލް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަމީމެވެ.

މިބިލަށް އިސްލާހު ހުށަހެޅުމާއި ބަހުސްކުރުަމށް ދައުރުން ބޭރުގައި ވަނީ ދެ ޖަލްސާއެއް ބާއްވާފައެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގަނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ނިންމައި މިއަދު މަޖިލީހަށް ބަލައިގަތީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން 54 މެމްބަރުންގެ ވޯޓުންނެވެ.

ޓެރަރިޒަމްގެ ގާނޫނަސް އިސްލާހު ގެނައުމުގެ ބިލުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން އިދިކޮޅު ފަރާތްތަކުން ވަނީ ފާހަގަ ކުރައްވާފައެވެ.

މިބިލަށް ބަހުސް ކުރައްވަމުން ކުރީގެ ޑިފެންސް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ޓބިލުގައި އިސްލާހުކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

އެގޮތުން ގާނޫނުއަސާސީން ލިބިދީފައިވާ ބައެއް ހައްގުތައް ހަނިކުރެވިފައިވާކަން ފާހަގަ ކުރައްވާ އާދަމް ޝަރީފް ވިދާޅުވީ، ބިލު އިސްލާހު ކުރެވިގެންދާއިރު އެކަންކަމަށް ރިއާޔަތް ކުރައްވަންޖެހޭ ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އެއްގޮތްވާގޮތުގެ މަތީން މުހިންމު ބަދަލުތަކެއް ބިލަށް ގެންނަންޖެހޭ ކަމަށެވެ.

ނައިފަރު ދާއިރާ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ، ޓެރަރިޒަމްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގައި ކަންބޮޑުވާ ގިނަ ކަންތައްތަކަެއް އެބަހުރި ކަމަށެވެ.

ކަންތައްތައް ހައްލު ނުކުރެވިގެން މިއުޅެނީ ގާނޫނެއް ނެތިގެން ނޫން ކަމަށާ މިކަންކަން ހައްލުކުރުމަށް މިހާރު ގާނޫނު އޮތްގޮތުންވެސް ހައްލުކުރެވޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. މިއިސްލާހުތަކުން މިސަރުކާރު ހާސިލްކުރަން ބޭނުންވާ އެހެން ނުބައި ކަންތައްތަކެއް އެބަހުރި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރަށް މިސަރުކާރުގެ ބޭފުޅުން އަމާޒުކުރެއްވި އަނިޔާވެރިކަމުގެ ތުހުމަތުތަކަށް މިސަރުކާރު މިހާރު ފެތޭ ކަމަށެވެ.

މިބިލަށް ބަހުސްކުރެއްވި ސަރުކާރުގެ ބައެއް މެމްބަރުންވެސްވަނީ ބިލުގައި ކަންބޮޑުވާ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވާ އެކަންކަން އިސްލާހުކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ހުޅުދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބް ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހުތަކުގައި ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

އެގޮތުން ބިލުގައިވަގޮތުން މުހިންމު އުމްރާނީ ވަސީލަތްތަކަށް ގެއްލުންދިނުމާއި އަސާސީ ހިދުމަތެއް ހުއްޓުވާލުމުގެ ގޮތުން އިހްތިޖާޖު ކުރުމަކީވެސް ޓެރަރިޒަމްގެ ކުށެއްކަމަށް ބަޔާން ކޮށްފައިވާކަން ފާހަގަ ކުރެއްވިއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕައިލެޓުންވެސް އިހުތިޖާޖު ކުރާކަމަށާ ދަތުރުފަތުރު ކުރުމަކީ އަސާސީ ހިދުމަތަކަށް ވާއިރު އެގޮތަށް ރާއްޖޭގައިވެސް ޕައިލެޓުން އިހުތިޖާޖު ކޮށްފިކަމުގައި ވާނަމަ އެކަން ބެލެވިގެންދާނީ ޓެރަރިޒަމްގެ އަމަލަކަށް ކަމަުގައި އިލްޔާސް ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައި ޓެރަރިޒަމްގެ ކުށެއް ކުރަން އުޅުމާއި ކުށެއް ކުރަން އެހީތެރިވުމަކީ ކުށެއް ކަމަށް ބިލުން އުނިކޮށްފައިވާ ކަމަށާ އެއީ ބަދަލުކުރަންޖެހޭ ކަމެއްކަމަށެވެ.

ހަސަން ލަތީފް ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނެވޭއިރު ފުލުހުންގެ ގާނޫނަށްވެސް އިސްލާހު ގެނެސްގެންނޫނީ އެންމެ ފުރިހަމަ ގޮތުގައި މިގާނޫނު ތަންފީޒު ވެގެން ނުދާނެ ކަމަށެވެ.

ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުސައިން ޝަމީމް ހުށަހެޅުއްވި އިސްލާހުގައި ޓެރަރިޒަމްގެ ކުށުގެ ގޮތުގައި މީހެއްގެ ހަށިގަނޑަށް އަނިޔާއެއް ދިނުމާއި، ކުށް ކުރާމީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތި ކުރުވަން އުޅުމާއި، ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުމާއި، މުދަލަށް ބޮޑެތި ގެއްލުންތަކެއް ދިނުމާއި، ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކް ކުރުން ހިމެނެ އެވެ.

އަދި އާންމުންގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއްވާ ފަދަ ހާލަތެއް ކުރިމަތިކުރުވުމާއި، މުހިންމު އުމްރާނީ ވަސީލަތަކަށް ގެއްލުން ދިނުން ނުވަތަ އަސާސީ ހިދުމަތެއް މެދުކަނޑުވާލަން މަސައްކަތް ކުރުމަކީވެސް ޓެރަރިޒަމްގެ އަމަލެކެވެ.

ބިލުގައި ބުނާ ކުށެއް ކުރަން އުޅޭކަން ބުއްދިއަށް ގަބޫލުކުރެވޭ ހާލަތްތަކުގައި އާއި ހެކި ނައްތާލަފާނެ ކަމަށް ގަބޫލުކުރެވޭ ހިނދު ކޯޓު އަމުރެއްނެތި އެމީހަކު ހައްޔަރު ކުރުމުގެ ބާރު މިބިލްގައި ފުލުހުންނަށް ވަނީ ދީފަ އެވެ. އަދި އެކުށްތަކުގައި ހިމެނޭ މީހުން ކޯޓު އަމުރެއްނެތި ހައްޔަރު ކުރުމާއި ހައްޔަރު ކުރުމަށްފަހު 48 ގަޑިއިރު ވަންދެން ބަންދުގައި ބެހެއްޓުމުގެ ބާރުވެސް ބިލްގައި ފުލުހުންނަށް ވަނީ ދީފައެވެ.

މީގެ އިތުރުން ޓެރަރިޒަމްގެ ކުށްތަކުގައި ތުހުމަތު ކުރެވޭ މީހުންގެ ތަންތަނާއި، އެމީހަކާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމަކަށްވެސް ފުލުހުންނަށް ކޯޓު އަމުރެއް ބޭނުމެއް ނުވެ އެވެ. އަދި ޓެރަރިޒަމްގެ ބޮޑު ކުށެއްގައި ތުހުމަތުކުރެވޭ މީހާ އޭނާގެ ހަށިގަނޑުގައި ކުށަކާ ގުޅުން ހުރި އެއްޗެއް ފޮރުވާފައިވާ ކަމަށް ގަބޫލު ކުރުމުގައި އެކަށީގެންވާ ސަބަބެއް އޮވެއްޖެނަމަ، ކޯޓު އަމުރެއް ނެތި އޭނާގެ ޖިންސީ ގުނަވަން ހާމަވާ ގޮތަށް ބަލައި ފާސްކުރުމުގެ ބާރުވެސް މިބިލުގައި ފުލުހުންނަށް ވަނީ ދީފަ އެވެ.

ބިލުގައި ބުނާ ކުށްތަކުގެ ތެރެއިން ކުށެއްގައި ހައްޔަރު ކުރެވޭ މީހާއަށް ގާނޫނުއަސާސީން ލިބިދޭ ބައެއް ހައްގުތައް ހިފެހެއްޓިގެންވާ ކަމަށްވެސް ބަޔާންކޮށްފައި ވެއެވެ. އެގޮތުން ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހަނުހުރުމުގެ ހައްގު އުނިކުރަން މިބިލުގައި ވަނީ ހިމަނާފަ އެވެ.

ބިލުގައި ކަނޑައަޅާފައިވާ ކުށެއް ސާބިތުވާ މީހެއްގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަށް ޖަލުގައި ބަންދުކުރުން ކަމަށްވެސް ހިމަނާފައިވެ އެވެ.