އަލިބޭ މޯލްޑިވްސް އާއި ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ދެމެދު 2017 ވަނަ އަހަރު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން ތުރުކީގެ އަންތާލިޔާގައި ބޭއްވޭ ތިންވަނަ ޓެނިސް ކޭމްޕްގައި ބައިވެރިވާ 12 އަހަރުން ދަށުގެ ކުޅުންތެރިންނާ ޖާޒީ ހަވާލުކޮށްފިއެވެ.

ކުޅުންތެރިންނާ ޖާޒީ ހަވާލުކޮށްފައިވަނީ މިއަދު ހ. ބޯޅަގޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ކޭމްޕްގައި 12 އަހަރުން ދަށުގެ 12 ކުޅުންތެރިން ބައިވެރިވާނެއެވެ. އެއީ ފިރިހެން 6 ކުޅުންތެރިންނާއި އަންހެން 6 ކުޅުންތެރިންނެވެ.

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ މި ކޭމްޕަކީ ޓެނިސް އަދި ޖޫނިއާ ކުޅުންތެރިންގެ ތަރައްގީއަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި މި ކޭމްޕަށް ފޮނުވަން ކުދިން ހޮވީ މުޅި އަހަރު ތެރޭގައި ކުޅުންތެރިން ކުޅެފައިވާ މުބާރާތްތަކަށް ބެލުމަށްފަހު ކަމަށާއި، ތުރުކީއަށް ފޮނުވަނީ ރޭންކް ކުރެވިގެން އަންނަ އެންމެ ރަނގަޅު ކުދިން ކަމަށެވެ.

މި ކޭމްޕް ކުރިއަށްދާނީ މި މަހުގެ 27 އިން އަންނަ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށެވެ.

އަލިބޭ މޯލްޑިވްސް އާއި ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ދެމެދު 2017 ވަނަ އަހަރު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން މިދިޔަ ދެ އަހަރުވެސް މި ކޭމްޕް ވަނީ ކުރިއަށް ގެންގޮސްފައެވެ. 2017 ވަނަ އަހަރު 16 އަހަރުން ދަށުގެ ޓީމެއް ކޭމްޕް ކުރިއިރު، މިދިޔަ އަހަރު ވަނީ 14 އަހަރުން ދަށުގެ ޓީމެއް ކޭމްޕް ކޮށްފައެވެ.