ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޔުނައިޓެޑު ވިކްޓްރީއާއި ދެކޮޅަށް ކުޅޭއިރު އެ ޓީމަކީ ވަރަށް ރޭވުންތެރި ޓީމެއް ކަމަށާއި އެކަމަށް ގްރީންސްޓްރީޓްސް އިން ވަަރަށް ވިސްނަންޖެހޭ ކަމަށް އެ ޓީމުގެ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.

ގްރީންސްޓްރީޓްސް އެންމެފަހުން ކުޅުނު މެޗަށް ވިކްޓްރީ ހާޒިރުނުވުމާއި ގުޅިގެން އެ މެޗުގައި އެ ޓީމަށް ކުޅެވޭގޮތެއް ނުވިއެވެ. މިއީ މިއަހަރުގެ ލީގުގައި ޓީމެއް މެޗެއް ނުކުޅެ ދޫކޮށްލަން ޖެހުނު ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން ޔުނައިޓެޑް ވިކްޓްރީ ވަނީ ވަރުގަދަ އީގަލްސްއާއި ވާދަކޮށް މޮޅު ކުޅުމެއް ދައްކާ އެއްވަރުކޮށްފައެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކުލަބް ގްރީންސްްޓްރީޓްސްގެ ކޯޗު އަލީ ސުޒެއިން ބުނީ ލީގުގައި ޔޫވީ އެންމެ ފަހުން ކުޅުނު މެޗުގައި އީގަލްސް ބޮޑު ލީޑެއްގައި ވަނިކޮށް ފަހަތުން އަރާ ނަތީޖާ އެއްވަރުކޮށްފައިވާ ކަމަށާއި އެ ޓީމާއި ދެކޮޅަށް ކުޅޭއިރު ގްރިންސްޓްރީޓްސް އިން ވަރަށް ރަނގަޅަށް ތައްޔާރުވާންޖެހޭ ކަމަށެވެ.

ވިކްޓްރީއާއި މެޗު ކުޅުނުނަމަ އެއީ ރަނގަޅު ނަތީޖާއެއް ނެރެވިދާނެ މެޗެއް ކަމަށާއި އެ މެޗަކީ ކުޅުންތެރިންގެ ކޮންފިޑެންސް އިތުރުކުރުމަށް ރަނގަޅު މެޗެއް ކަމަށެވެ. ނަމަވެސް އެ މެޗު ނުކުޅެ ވަރުގަދަ މެޗަކާއި ކުރިމަތިލާން ޖެހުމަކީ ބޮޑު ޗެލެންޖެއް ކަމަށް ސުޒެއިން ބުންޏެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ އީގަލްސް މެޗުގެ ނަތީޖާއިން ފައިދާނުކުރާނެ ކަމަށާއި ގްރީންސްޓްރީޓް މެޗެއް ނުކުޅެ ޔޫވީއާއި ކުރިމަތިލާއިރު އެންމެފަހުން ކުޅުނު އީގަލްސްއަކީ ލީގުގައި ވާދަކުރާ އެންމެ މޮޅު ޓީމު ނޫންކަމަށާއި ނަމަވެސް ގްރީންސްޓްރީޓްސް އަކީ ތަފާތު ޓީމެއް ކަމަށެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބް ގްރީންސްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓްރީ ބައްދަލުކުރާ މެޗު ކުޅޭނީ ހޯމަދުވަހުގެ ހަވީރު 16:00 ގައެވެ. މި މެޗު ވީޓީވީން ވަގުތުން ގެނެސްދެވޭނެ އެވެ.