ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި އަލިފާން ރޯވި އިމާރާތްތަކުގެ ތެރެއިން އިމާރާތެއްގައި އިތުރު މީހެއްގެ ހަށިގަނޑު އޮތްތޯ ބަލަމުންދާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ސަރުކާރުން މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކަމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުތަކުގައި ފުލުހުން މިހާރު ކުރިއަށްގެންދާ ފޮރެންސިކް ތަހްލީލުތަކުގެ ތެރޭގައި، އަނދާފައިވާ އިމާރާތެއްގެ ތެރެއިން އިތުރު މީހެއްގެ ހަށިގަނޑު ފެނޭތޯވެސް ބަލަމުންދާ ކަމަށެވެ.

"ފޮރެންސިކް ތަހްލީލުތަލުގެ ތެރޭގައި އިތުރު ބޮޑީއެއް އޮތްތޯވެސް އެބަ ކަށަވަރުކުރަން. ރަށުތެރޭގައި އެބަ ދެކެވޭ އަދިވެސް މީހުން މަދުވާ ވާހަކައާއި، އެކަހަލަ ވާހަކަވެސް. އެހެންވީމާ، އެކަންތައްތައްވެސް އަޅުގަނޑުމެން މިދަނީ ބަލާ ޗެކްކޮށް އެކަންތައްތައް ކަށަވަރު ކުރުމުގެ ކަންތައްތައް ކުރަމުން" ނަވީން ވިދާޅުވިއެވެ.

ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން މިހާރު ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ނަވީން ވިދާޅުވީ، ހާދިސާ ހިނގި އަސްލު ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.

ފޮރެންސިކް ފުލުހުން މިހާތަނަށް ހަތަނަކަށް ވަދެ މަސައްކަތް ނިންމާފަވާ ކަމަށާއި، އެހަތަނުގެ ތެރެއިން ރަދުވާނިއާގޭގެ ތިންވަނަ ފްލޯއަށްވެސް މިއަދު ހެނދުނު ފޮރެންސިކް ފުލުހުން ވަދެ، އެތަން ބަލައި އެއްކޮށް ތަހްލީލުކޮށް ނިމިފައިވާ ކަމަށް ނަވީން ވިދާޅުވިއެވެ.

ރަދުވާނިއާ ގޭގެ ތިންވަނަ ފްލޯއަކީ، އަލިފާނުގެ ހާދިސާގެ ތެރޭގައި އެޕާޓްމަންޓުން ނުނިކުމެވި ތާށިވުމުގެ ސަބަބުން އައިޝަތު ޝައުނާ ނިޔާވި ފްލޯއެވެ.

"ދެން މިހާރު އޮންގޮއިން ދެ ސައިޓެއްގެ މަސައްކަތް އެދަނީ. އޭގެތެރޭގައި ޕްރައިމެރީ ސީންގެ ގޮތުގައި ފާހަގަކުރެވިއޮތް ގުދަން ޕްރޮސެސް ކުރުމުގެ މަސައްކަތް މިކުރަނީ. ވަރަށް ދިގު ޕްރޮސެސްއެއް ފޮރެންސިކް މަސައްކަތަކީ. ލޭޔަރަކުން ލޭޔަރަކުން ކުރަންޖެހޭ މަސައްކަތަކަށް ވާތީ، ވަރަށް ގިނައިރުން މިމަސައްކަތް ކުރެވެނީ. މި ތަންތަނަށް މި ވަދެވެނީ ޕްލޭނިންގ މިނިސްޓްރީ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން އަޅުގަނޑުމެންނަށް އެތަންތާނގެ ސްޓްރަކްޗުރަލް ސޭފްޓިއާއި، އަދި އެތަނުގައި އަލިފާނެއް ނެތްކަމަށް ބުނީމާ ސޭފްޓިއާއި ހުރިހާ އެއްޗެއް ފުރިހަމަ ވެގެން ވަދެ ކަންތައްތައް މިކުރަނީ. އެހެން ރިސްކްތައްވެސް އެބަހުރ، ތަޅައިގެން ގޮސްފައި ހުރި އެއްޗެހި، ވެއްޓޭ އެއްޗެހި ހުރި ތަންތަންއެއީ"

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު، ޕްލޭނިންގ މިނިސްޓްރީ، ސިޓީ ކައުންސިލް އަދި އެންޑީއެމްއޭ ގުޅިގެން ކަޅުހުރާ މަގުގައި ހުރި ތަނެއް ސާފުކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އެބަގެންދާ ކަމަށާއި، އަދި އަބަދަށްފެހި މަގުގައި ހުރި ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށްވެސް ނަވީން ވިދާޅުވިއެވެ.