ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އިންތިހާބެއް ބޭއްވުމަށް ނިންމައި އިންތިހާބުގައި ވޯޓްލެވޭނެ އަށް ކުލަބު ސްޕޯޓްސް ކޮމިޝަނާ އަހްމަދު ސަލީމްގެ އިސްނެންގެވުމުގެ މަތިން ވީއޭއެމްގެ ކަންތައް ބެލުމަށް އެކުލަވާލާފައިވާ ނޯމަލައިޒޭޝަން ކޮމިޓީ އިން އިއުލާންކޮށްފިއެވެ.

ކޮމިޓީ އިން ގެޒެޓްގައިކޮށްފައިވާ އިއުލާންގައި ބުނެފައި ވަނީ ވީއޭއެމް އިން ބާއްވާ ގައުމީ ފެންވަރުގެ މުބާރާތްތަކުގެ ތެރެއިން ފާއިތުވި ހަތަރު އަހަރުގެ ތެރެއިން ތިން އަހަރު އެ މުބާރާތްތަކުގައި ވާދަކޮށްފައިވާ ކަމަށް އެ ކޮމިޓީއަށް ފާހަގަ ކުރެވިފައިވަނީ އައް 8 ކުލަބު ކަމަށެވެ.

އެ ކުލަބުތަކަކީ ދިވެހި ސިފައިންގެ ކުލަބާއި، ޕޮލިސް ކުލަބާއި، ގުޑީސް ސްޕޯޓްސް ކުލަބާއި ސްޕޯޓްސް ކުލަބު ސިޓީ އާއި ޔޫތު ނިއު ޖެނަރޭޝަން އާއި މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކުލަބާއި ސްޕޯޓްސް ކުލަބު ހޯކްސް އާއި ކުލަބު ހާފް ލައިން ލިންކޭޖް ކަމަށެވެ.

މި ކުލަބުގެ ތެރެއިން ފާއިތުވި ހަތަރު އަހަރުގެ ތެރެއިން ތިން އަހަރު ވީއޭއެމް އިން ބާއްވާފައިވާ ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ވާދަކޮށްފައިވާ އެއްވެސް ކުލަބެއް ވާ ނަމަ 24 ސެޕްޓެމްބަރުގެ ކުރިން ލިޔުމުން އެކަން ވީއޭއެމްއަށް އެންގުމަށް ވަނީ ބުނެފައެވެ. ލިޔުން ހުށައަޅަންވާނީ ކުލަބުގެ ލެޓަރހެޑްގައި ތައްގަނޑު ޖަހައި ރައީސް ނުވަތަ ނައިބް ރައީސް ނޫނީ ޖެނަރަލް ސެކްރެޓަރީ ސޮއިކޮށްފައި ކަމަށް ވަނީ ބުނެފައެވެ.

ނޯމަލައިޒޭޝަން ކޮމިޓީ އާއި ވީއޭއެމް ހަވާލުކޮށްފައވަނީ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ. އެ ކޮމިޓީ އިން ވީހާވެސް އަވަހަކަށް އިންތިހާބެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާއިރު ކޮމިޓީގެ ޒިންމާއަކީ ވީއޭއެމްގެ އިންތިހާބީ ރައީސް މުޙައްމަދު ލަތީފުގެ އެކްސްކޯއާ މެދު ޔޫތު މިނިސްޓްރީން، ކޮމިޝަނާ އޮފް ސްޕޯޓްސްއަށް ހުށަހެޅި މައްސަލަތައް ތިން މަސްދުވަހުގެ ތެރޭގައި ހައްލު ކުރުމަށް ފަހު އަލުން އިންތިހާބެއް ބޭއްވުމެވެ.

ނޯމަލައިޒޭޝަން ކޮމިޓީ އިން ވީއޭއެމް އިންތިހާބަކަށް ގެންދިޔުމުގެ މަސައްކަތްފަށާފައިވާއިރު ނޯމައިޒޭޝަން ކޮމިޓީއަކީ ސައްހަ ކޮމިޓީއެއް ނޫންކަމަށް ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ ކަމަށްވާ އެފްއައިވީބީން ވަނީ އަންގާފައެވެ.

އެފްއައިވީބީގެ ގެނެރަލް ޑިރެކްޓަރގެ ސޮޔާއިއެކު މިއަދު ވަނީ ނޯމަލައިޒޭޝަން ކޮމެޓީގެ ރައީސް އަބްދުﷲ އާމިރަށް އެޑްރެސްކޮށް ސިޓީއެއް ފޮނުވާފައިވާއިރު މި ސިޓީގެ ކޮޕީއެއް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީއަށްވެސް ވަނީ ފޮނުވާފައެވެ.

އެފްއައިވީބީން ފޮނުވި ސިޓީގައިވާ ގޮތުން އެ އިދާރާގެ ހިންގުން މިހާރުން މިހާރަށް ވޮލީބޯޅަ އެސޯސިއޭޝަނަށް އިންތިހާބުކުރެވިފައިވާ ފަރާތްތަކަށް ހަވާލުކުރުމަށް ވަނީ އަންގާފައެވެ. އަދި ނޯމަލައިޒޭޝަން ކޮމެޓީން ނިންމާ އެއްވެސް ނިންމުމެއް އެފްއައިވީބީން ގަބޫލުނުކުރާނެ ކަމަށާއި އިންތިހާބުކޮށްފައިވާ ފަރާތަށް ހަވާލުނުކޮށްފި ނަމަ ރާއްޖެއަށް ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތަކުން ފުރުސަތު ނުދީ ސަސްޕެންޑުކުރުމުގެ ޖެހިދާނެ ކަމަށްވެސް އެފްއައިވީބީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

ދުނިޔޭގެ އޮލިމްޕިކް ޗާރޓާއާއި އެއްގޮތްވާގޮތުގެ އެފްއައިވީބީގެ މެމްބަރު އެސޯސިއޭޝަންތަކުން އެ އެސޯސިއޭޝަންތައް ހިންގަން ވާނީ ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި އެއީ ސިޔާސީ ނުފޫޒުތަކުން އެއްކިބާކުރުމަށް ހަދާފައިވާ ގާނޫނުތަކެއް ކަމަށްވެސް ބަޔާނުގައިވެއެވެ. އަދި ވޮލީބޯޅަ އެސޯސިއޭޝަނުގެ ނަމުގައި އެއްވެސް އެހެން ބަޔަކަށް މަސައްކަތް ނުކުރެވޭނެ ކަމަށާއި ނޯމަލައިޒޭޝަން ކޮމެޓީން ވޮލީބޯޅަ އެސޯސިއޭޝަނުގެ ނަމުގައި ފަށާފައިވާ ހުރިހާ ހަރަކާތެއް ހުއްޓާލުމަށް ވަނީ އަންގާފައެވެ.

ވޮލީބޯޅައިގެ ހަރަކާތްތަކުން ރާއްޖެ ސަސްޕެންޑުކުރުމަކީ ބޭނުންވާގޮތް ނޫން ކަމަށާއި މިކަމާއި ގުޅުންހުރި ފަރާތްތަކުން މި މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކުރުމަށް އެއް މޭޒަކަށް އައުމަށް އެފްއައިވީބީން ވަނީ މި ބަޔާނުގައި އަންގާފައެވެ.

އެފްއައިވީބީ އިން އެދިފައިވާގޮތަށް ވޮލީބޯޅަ އެސޯސިއޭޝަނުގެ އޮފީސް، އިންތިހާބުވެފައިވާ ފަރާތްތަކަށް ހަވާލުކޮށްދިނުމަށް ސްޕޯޓްސް ކޮމިޝަނަރާއި ސްޕޯޓްސް މިނިސްޓްރީއަށް ވެސް ވީއޭއެމްގެ އިންތިހާބީ ރައީސް ރައީސް މުހައްމަދު ލަތީފު ވަނީ ސިޓީއެއް ފޮނުވައިފައެވެ.