މާލޭގައި ހިނގާދިއަ އަލިފާނުގެ ހާދިސާ އަކީ ރޭވި އިންތިޒާމްވެގެން ދެވިފައިވާ "ޓެރަރިސްޓް" ހަމަލާއެއް ކަމަށް، އެމްޑީޕީއަށް ނިސްބަތްވާ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުޢިއްޒު "ތުހުމަތު" ކުރައްވައިފި އެވެ.

މެންބަރު މުއިއްޒު މި ތުހުމަތު ކުރައްވާފައި ވަނީ، އެމަނިކުފާނުގެ ރަސްމީ ފޭސްބުކް އެކައުންޓް ކަމަށް ބެލެވޭ، އެކައުންޓަކުން މިރޭގެ ވަގުތެއްގަ އެވެ. މި ފޭސްބުކް އެކައުންޓަކީ މެންބަރު މުއިއްޒުގެ ޓްވިޓާ އެކައުންޓާވެސް ލިންކް ކޮށްފައިވާ އެކައުންޓެވެ.

ހެންވޭރު ތިލަފުށިގޭ ގައި ރޯވި އަލިފާނުގެ މަންޒަރު ފެންނަ ފޮޓޯއެއް އެޓޭޗްކޮށް، ފުލުހުންނާއި އެމްއެންޑީއެފް އަދި ސީޕީ ހަމީދު އަދި ޗީފް އޮފް ޑިފެންސް ފޯސް ޓެގް ކުރައްްވައި ކުރި ޕޯސްޓުގައި ވަނީ، އެމް.އޯ "މާލޭގައި ހިނގާދިއަ އަލިފާނުގެ ހާދިސާ އަކީ ރޭވި އިންތިޒާމްވެގެން ދެވިފައިވާ "ޓެރަރިސްޓް" ހަމަލާއެއް ކަމަށް" ށެވެ. ނަމަވެސް އިތުރު އެއްވެސް އެއްޗެއް އެގޮތަށް ވިދާޅުވަނީ ކީއްވެ ކަމެއްވެސް ވިދާޅެއް ނުވެއެެވެ. އަދި މި އެވާހަކަފުޅު އެގޮތަށް ހެންވޭރު އުތުރު ދާއިރާގައި އެމަނިކުފާނު އިންނަވާ ވައިބަރ ގުރޫޕެއްގައިވެސް ވަނީ ޕޯސްޓް ޝެެއަރ ކުރައްވާފައެވެ. އަދި އެހެންތޯ މީހަކު ސުވާލު ކުރުމުން "ދެޓްސް މައި އޮޕީނިއަން" އޭ ވިދާޅުވި ކަމަށެވެ.

ނަމަވެސް މެންބަރު މުއިއްޒު އަށް ގުޅުމުން ފޯނު ނުނަންގަވާތީ މިކަމުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ. ނަމަވެސް މުއިއްޒުގެ އެކައުންޓަކީ ސައްޙަ އެކައުންޓު ކަމަށް ފޭސްބުކް ފްރެންޑް ލިސްޓުގައި ތިބި ބައެއް މީހުން ވަނީ ކަށަވަރުކޮށްދީފައެވެ.

މެންބަރު މުއިއްޒު އެންމެނަށް ފެންނަ ގޮތަށް ޕަބްލިކް ޝެއާކޮށްފައިވާ މި ޕޯސްޓާއި ގުޅިގެން އެ ޕޯސްޓަށް ކޮމެންޓް ކުރި އާއްމުން ބުނެފައި ވަނީ އެހެން އެކަން ހިނގި ނަމަ އެއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި އެފަދަ ތުހުމަތެއް މެންބަރަކު ކުރާއިރު އެއްޗެއް ބުނަންވާނީ ހެއްކާއި އެކު ކަމަށް ބުނެ އާއްމުން ވަނީ ސުވާލުކޮށްފައެވެ.