ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ނައިބުގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.

މިމަގާމަށް އައްޔަންކުރައްވާފައިވަނީ ދިވެހި ތާރީހަށް ގިނަ ހިދުމަތްތަކެއް ކުރައްވާ އަދި މިއަދުވެސް ހިދުމަތުގައި ދެމިހުންނެވި ތ. ހިރިލަންދޫ، ތިރިންގަލި މުހައްމަދު ޝާތިރު އެވެ.

ޝާތިރު އެންމެފަހުން އަދާކުރައްވާފައިވަނީ ގައުމީ އަރުޝީފުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމެވެ. ޝާތިރު މީގެ ކުރިން އަދާކުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އަޑުގެ ސީނިއަ އެޑިޓަރު ކަމުގެ މަގާމާއި އެ ދާއިރާގެ އެކިއެކި މަގާމުތައް ހިމެނެ އެވެ. މީގެ އިތުރުން މުހައްމަދު ޝާތިރަކީ ތާރީޚް ދިރާސާކުރުމާއި މީޑިއާގެ ދާއިރާއިން އެކިވުޒާރާތަކަށް ފަންނީ ލަފާދެއްވުމާއި ލިޔުންތެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

މުހައްމަދު ޝާތިރަށް ވަނީ 2017 ވަނަ އަހަރު، ދިވެހި ތާރީޚުގެ ދާއިރާއިން، ދިވެހި ތާރީޚާ ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފަ އެވެ. ޝާޠިރު ވަނީ ނޫސްވެރިކަމުގެ ދާއިރާއިން ތައުލީމާ ތަމްރީނުގެ ގިނަ ޕްރޮގްރާމްތަކެއް ވެސް ފުރިހަމަ ކުރައްވާފަ އެވެ.

ކޮމިއުނިކޭޝަން މިނިސްޓްރީގައި ޝާތިރާ އެކު ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ތިން ބޭފުޅުން ތިއްބަވާނެ އެވެ.