އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ހަނި ތަފާތަކުން އާސެނަލް އެސްޓަން ވިލާ އަތުން 2-3 ލަނޑުން މޮޅުވިއިރު، ވެސްޓް ހޭމް ޔުނައިޓްޑް އަތުން 2-0 ލަނޑުން މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެއެވެ.

ރޭ ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ އެސްޓަން ވިލާއިންނެވެ. އެލަނޑު މެޗުގެ 20 ވަނަ މިނެޓުގައި އެސްޓަން ވިލާއަށް ކާމިޔާބު ކޮށްދިނީ މިޑްފީލްޑަރު ޖޯން މެކްގިން އެވެ.

ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ދެ ވަނަ ހާފް ފަށައިގެން މާގިނައިރު ތަކެއް ނުވަނީސް އާސެނަލްއަށް ލިބުނު ޕެނަލްޓީއަކުން އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ނިކޮލަސް ޕެޕޭއެވެ.

އާސެނަލްއިން ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކުރިޔަސް، މެޗުގެ 60 ވަނަ މިނެޓުގައި އަލުން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ އެސްޓަން ވިލާއިންނެވެ. އެލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޒުވާން ފޯވާޑް ވެސްލީ މޮރައިސް އެވެ.

އަމިއްލަ ދަނޑުގައި އާސެނަލްއިން ކުޅެމުން ދިޔަ މިމެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި އެޓީމުން ވަނީ ދެ ލަނޑު ޖަހައި ލީޑު ހޯދައިފައެވެ. އެގޮތުން ދެ ވަނަ ފަހަރަށް މެޗުގެ ނަތީޖާ އާސެނަލްއަށް ހަމަހަމަ ކޮށްދިނީ މެޗުގެ 81 ވަނަ މިނެޓުގައި އެޓީމުގެ ކެލަމް ޗޭމްބާސް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އަދި މެޗުން އާސެނަލް މޮޅުވި ލަނޑު 84 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ފޯވާޑް ޕިއެރޭ އެމެރިކް އޮބަމަޔާންގްއެވެ.

މިނަތީޖާއާއެކު ލީގް ތާވަލްގައި އާސެނަލް މިވަގުތު އޮތީ ކުޅުނު ހަ މެޗުން ލިބުނު 11 ޕޮއިންޓާއެކު ހަތަރު ވަނަ މަގާމްގައެވެ. އަދި އެސްޓަން ވިލާ އޮތީ ލީގްގައި މިހާތާނަށް ކުޅުނު ހަ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު 19 ވަނަ މަގާމް ގައެެެވެ.

މީގެ އިތުރުން ރަށުން ބޭރުގައި ރޭ ވެސްޓް ހޭމް އަތުން ޔުނައިޓެޑް ބަލިވިއިރު، މިއީ ލީގުގައި ޔުނައިޓެޑު ބަލިވި ދެވަނަ މެޗެވެ. ރޭގެ މެޗުގައި ޔުނައިޓެޑް ކޮޅަށް ވެސްޓު ހޭމްއިން ޖެހި ދެ ލަނޑުގެ ތެރެެއިން ފުރާތަމަ ލަނޑު މެޗުގެ 44 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ފޯވާޑް އެންޑްރީ ޔާމޮލެންކޯ އެވެ. އަދި ދެ ވަނަ ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ޑިފެންޑަރު އާރޮން ކްރެސްވެލްއެވެ. އޭނާ އެލަނޑު ޖެހީ ލިބުނު ހިލޭ ޖެހުމަކުންނެވެ.