ލ. ގަމުގައި މީހަކު ރަހީނުކުރުމަށްފަހު އޭނާއަށް ބިރުދައްކައި ފައިސާ ހޯދަން އުޅުނު މައްސަލައިގެ ތުހުމަތުގައި އިބްރަހީމް ފަޒީލް ހައްޔަރުކުރުމަށްފަހު އޭނާ ބަންދުގައި ބެހެއްޓުމަށް ހުޅުމާލޭ ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލްކޮށްފި އެވެ.

ހައިކޯޓުން މިގޮތަށް ނިންމީ ލ. ގަމު މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން ހުޅުމާލެއިން ފަޒީލް ހައްޔަރުކޮށް އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުޅުމާލެ ކޯޓަށް ހާޒިރުކުރުމުން ފަޒީލް ބަންދުގައި ބަހައްޓަން 10 ދުވަސް ޖެހި މައްސަލަ އޭނާ ހައިކޯޓުގައި އިސްތިއުނާފް ކުުރުމުންނެވެ.

ފަޒީލް ހައްޔަރުކުރަން ގަމު މެޖިސްޓްރޭޓް ކޯޓުން މިއަހަރުގެ މެއި މަހުގެ ހަތަރުވަނަ ދުވަހު ނެރުނު އަމުރާ ގުޅިގެން ހުޅުމާލޭގައި ފަޒީލް ފިލައިގެން އުޅެނިކޮށް އޭނާ ހައްޔަރުކުރީ މިއަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުޅުމާލޭ ކޯޓަށް ފަޒީލް ހާޒިރުކުރުމުން އޭނާގެ ބަންދަށް ހުޅުމާލެ ކޯޓުން 10 ދުވަސް ދިނީ މެއި މަހުގެ ހަތްވަނަ ދުވަހުގެ 12:00 އިން ފެށިގެން މެއި މަހުގެ 17 ވަނަ ދުވަހުގެ 11:59 ގެ ނިޔަލަށެވެ.

ހުޅުމާލޭ ކޯޓުގެ އަމުރު ފަޒީލްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރީ ތިން ކަމެއްގެ މައްޗަށް ބިނާކޮށްފަ އެވެ. އެގޮތުން ފަޒީލް ފާހަގަކޮށްފައިވާ ފުރަތަމަ ނުކުތާގައި ބުނެފައިވަނީ ހުޅުމާލެ ކޯޓުން އޭނާ ބަންދުގައި ބަހައްޓަން އަމުރު ނެރުނީ ސުޕްރީމް ކޯޓުން ނެރެފައިވާ ސާކިއުލާއަކާ ޚިލާފަށް ކަމަށެވެ. މިކަމަށް ރިއާޔަތްކޮށް ހައިކޯޓުގެ ނިންމުމުގައި ބުނެފައިވަނީ ހުޅުމާލެއަކީ މާލޭގެ ބަޔަކަށް ވެފައި މާލެ ސަރަހައްދުން ހައްޔަރުކުރެވޭ މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް އެކަނި ލިބިފައި އޮތް އިހްތިޞާސް، ސުޕްރީމް ކޯޓުގެ ސާކިއުލާ އަކުން އިސްލާހުކުރީ މިއަހަރުގެ ޖުލައި މަހުގެ ހަތްވަނަ ދުވަހުގެ ފަހުން ކަން އެނގޭ ކަމަށެވެ. އެކަމަކު ފަޒީލްގެ ބަންދުގެ މުއްދަތު ހުޅުމާލޭ ކޯޓުން ޖަހާފައިވަނީ ސުޕްރީމް ކޯޓުގެ ސާކިއުލާގެ ކުރިން ކަމަށްވާތީ ފަޒީލް ބަންދުގައި ބަހައްޓަން ހުޅުމާލޭ ކޯޓުން ނެރުނު އަމުރަކީ ބާތިލް އަމުރެއް ކަމަށް ކަނޑައަޅާ ކަމަށެވެ.

ފަޒީލް އިސްތިއުނާފް ކުރި މައްސަލައިގެ ދެވަނަ ނުކުތާގައި ބުނެފައިވަނީ އޭނާ ބަންދުގައި ބަހައްޓަން ނިންމާފައިވަނީ ޖިނާއީ އިޖުރައާތުގެ ގާނޫނާ ޚިލާފަށް ކަމަށެވެ. މިމައްސަލައިގައި ހައިކޯޓުގެ ނިންމުމުގައި ބުނެފައިވަނީ ކޯޓުތަކުން ނެރޭ އަމުރުތަކަކީ މީހަކު ހުރި ތަނަކަށް ބަލައިގެން ނެރޭ އަމުރެއް ނޫން ކަމަށާއި އެއީ އަމުރު ރައްދުވާ މީހެއްގެ މައްޗަށް ބާރު ހިންގޭ ގޮތަށް ނެރޭ އަމުރެއް ކަމަށެވެ. އެހެންކަމުން ގަމު މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރެއްގެ ދަށުން ފަޒީލް ހުޅުމާލެ އިން ހައްޔަރުކުރުމަކީ ގާނޫނާއި ގަވައިދާ ޚިލާފަށް ހައްޔަރުކުރުން ކަމަށް ނުބެލެވޭނެ ކަމަށްވެސް ހައިކޯޓުގައި ނިންމުމުގައިވެ އެވެ.

ފަޒީލް ހައްޔަރުކުރީ ގަމުގައި މިދިޔަ މެއި މަހުގެ ދެވަނަ ދުވަހުގެ ރޭ 44 އަހަރުގެ ފިރިހެނަކު ރަހީނުކުރުމަށްފަހު 8،900 ރުފިޔާ ފޭރިގަނެފައިވާ މައްސަލައިގަ އެވެ. އޭގެފަހުން އޭނާަ އަންދާލާނެ ކަމަށް ބުނެ ބިރުދެއްކުމަށްފަހު އެއްލައްކަ ރުފިޔާ ދިނުމަށްވެސް އެމީހާއަށް ފަޒީލް މަޖުބޫރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.

ފަޒީލް އާއި އެކު ލ. ފޮނަދޫން ޑިންގީއެއްގައި ފުރައިގެން ދަތުރުކުރަނިކޮށް ލ. އަތޮޅަށް ނިސްބަތްވާ އައިމިނަތު ޝިމާ ނާފިޒު ގެއްލުނު މައްސަލާގައި ވެސް ފަޒީލްއާމެދު ފުލުހުން ގެންދަނީ ގިނަ ތުހުމަތުތަކެއް ކުރަމުންނެވެ. އަދި ފަޒީލް ދައްކާ ގިނަ ވާހަކަތައް ގަބޫލުނުކުރެވޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފަޒީލްއާއެކު ދަތުރުކޮށްފައި ދަނިކޮށް ލ. ގާދޫ ކަނޑުއޮޅިއަށް ޝިމާއާއި ފަޒީލް ދަތުރުކުރަމުންދިޔަ ޑިންގީ ބަންޑުން ޖަހާލީ ކަމަށް ފަޒީލް ބުނެފައިވެ އެވެ. އެހެންނަމަވެސް އެސަރަހައްދުން ޝިމާއާ ގުޅުންހުރި އެއްވެސް އެއްޗެއް ފުލުހުންނަށް ފެނިފައެއް ނުވެ އެވެ. އަދި މިއަދާ ހަމައަށްވެސް ޝިމާއަށް ވީގޮތެއް އެނގިފައެއް ނުވެ އެވެ.