ރާއްޖެއާއި އިންޑިއާ އާއި ދެމެދު ފެށުމަށް އެއްބަސްވެފައިވާ ކާގޯ ފެރީގެ ޚިދުމަތް ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ފަށާނެ ކަމަށް އިންޑިއާ އިން ބުނެފި އެވެ.

އިންޑިއާގެ ފަރާތުން މިކަން ހާމަކުރައްވާފައިވަނީ އިންޑިއާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

ސުޖީރުގެ އިންޓަވިއުގައި ވިދާޅުވީ ރާއްޖެއާއި އިންޑިއާ އާއި ދެމެދު ފެށުމަށް ހަމަޖެހިފައިވާ ކާގޯ ފެރީގެ ޚިދުމަތް ކުރިއަށް އޮތް ދެމަަސް ދުވަހުގެ ތެރޭގައި ފެށުމަށްޓަކައި ބާރު ސްޕީޑްގައި މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އިންޑިއާގެ ޝިޕިން ކޯޕަރޭޝަން އޮފް އިންޑިއާގެ ޓީމެއް ރާއްޖެ އައިސް މިކަމާ ގުޅޭ ތަފްސީލް ދިރާސާތަކެއް ކުރުމަށްފަހު މިކަމާ ގުޅޭ ފައިނަލް ރިޕޯޓް ތައްޔާރުކޮށްފައިވާ ކަން ވެސް ސަފީރު ވަނީ ފާހަގަކުރައްވާފަ އެވެ.

ސަފީރު ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ފެރީގެ ޚިދުމަތް ފެށުމުން ރާއްޖެއަށް މުދާ އެތެރެކުރުމުގައި ދިވެހިންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ޔޫއޭއީ އާއި ސްރީލަންކާއިން ރާއްޖެއަށް އެތެރެކުރާ މުދަލަށް ވުރެ ކާގޯ ފެރީގައި އެތެރެކުރާ މުދަލުގެ އަގު ހެޔޮ ވެގެންދާނެ ކަމުގެ ޔަގީންކަންވެސް ސަފީރު ވަނީ ދެއްވާފަ އެވެ.

ސަފީރު އިތުރަށް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިވެ އާ އުސްމިންތަކެއް ހާސިލްކުރަމުންދާ ކަމަށެވެ.

ރާއްޖެއާއި އިންޑިއާ އާއި ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފެށުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ މިދިޔަ ޖޫން މަހުގެ 8 ވަނަ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ. ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާ އެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އިންޑިއާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އެވެ.

ރާއްޖެއާއި އިންޑިއާ އާއި ދެމެދު ކާގޯ ފެރީގެ ޚިދުމަތް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އިންޑިއާގެ ކޮޗިން އިން ރާއްޖޭގެ ހދ. ކުޅުދުއްފުށި ބަނދަރަށެވެ.