ރ. ކޮތާފަރުން ވަގަށް ނެގި ހަތަރު އެއާކޮންޑިޝަނާ އެ އަތޮޅު މަޑުއްވަރީ ގެއެއްގައި ހުއްޓާ ފެނިއްޖެ އެވެ.

ކޮތާފަރަކީ ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ރަށެކެވެ. އެހެން ނަމަވެސް އެރަށުގައި މަސައްކަތް ކުރަމުން ދަނިކޮށް އާސާރީ ގިނަ ތަކެތި ފެނިފައިވާތީ ޓޫރިޒަމް މިނިސްޓްރީން ވަނީ މި އަހަރުގެ ޖޫން މަހުގެ ފަހު ކޮޅު އެރަށުގެ މަސައްކަތް ހުއްޓުވާފަ އެވެ.

ކޮތާފަރުން އޭސީތައް ވަގަށް ނެގި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ.

ފުލުހުންނަށް މައްސަލަ ހުށަހެޅުމާއެކު މި މަހުގެ 20 ވަނަ ދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އޭސީތައް ވަނީ ހޯދާފަ އެވެ.

ފުލުހުން ބުނީ ޖުމްލަ ހަތަރު އޭސީއެއް ވަގަށް ނަގާފައިވާއިރު، ދެ އޭސީ ފެނުނީ މަޑުއްވަރީގެ ގެއެއްގައި ހަރުކޮށްފައި ހުއްޓާ ކަމަށެވެ. އަނެއް ދެ އޭސީ ހޯދާފައިވަނީ މަޑުއްވަރީ ގެއެއްގައި ބަހައްޓާފައި ހުއްޓާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ކޯޓު އަމުރެއްގެ ދަށުން ހަތަރު ގެއެއް ބަލައި ފާސްކޮށް މިހާރު އޭސީތައް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

ފުލުހުން ބުނީ މިމައްސަލައިގައި 3 ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 21 އަހަރުގެ ފިރިހެނަކާއި، 22 އަހަރުގެ ފިރިހެނެއްގެ އިތުރުން 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.