ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅިގެން ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ ކޮމިޓީގެ ބައްދަލުވުން ފެށުމަށް ހަމަޖައްސާފައިވަނީ މިރޭ 8:00 ޖަހާއިރު ކަމަށެވެ.

ކޮމިޓީއަށް މިރޭ ހާޒިރުވާން އަންގާފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި، އެޓާނީ ޖެނެރަލްގެ އޮފީހާއި، އެމްއެންޑީއެފްއާއި، ފުލުހުންނާއި، ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި އަދި ހޯމް މިނިސްޓްރީގެ އިސްވެރިންނަށެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ބިލްގެ އިބްތިދާއީ ބަހުސް މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ކުރިއަށް ގެންދިއުމަށްފަހު މިބިލް އިތުރަށް ދިރާސާކުރުމަށް ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވީވެސް އިއްޔެގަ އެވެ.

މަޖިލީހަށް މިބިލް ހުށަހެޅުމާ އެކު މަޖިލީހުގައި ތިއްބެވި އިދިކޮޅު މެންބަރުންނާއި އަދި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ބައެއް މެންބަރުން ވެސް ވަނީ މިބިލާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަދައްކަވާފަ އެވެ.

ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމް އެވެ.

މިބިލްގައި ޓެރަރިޒަމްގެ ކުށުގެ ގޮތުގައި މީހެއްގެ ހަށިގަނޑަށް އަނިޔާއެއް ދިނުމާއި، ކުށް ކުރާމީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތި ކުރުވަން އުޅުމާއި، ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުމާއި، މުދަލަށް ބޮޑެތި ގެއްލުންތަކެއް ދިނުމާއި، ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކް ކުރުން ހިމެނެ އެވެ. އަދި އާންމުންގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއްވާ ފަދަ ހާލަތެއް ކުރިމަތިކުރުވުމާއި، މުހިއްމު އުމްރާނީ ވަސީލަތަކަށް ގެއްލުން ދިނުން ނުވަތަ އަސާސީ ހިދުމަތެއް މެދުކަނޑުވާލަން މަސައްކަތް ކުރުމަކީވެސް ޓެރަރިޒަމްގެ އަމަލެކެވެ.

ބިލުގައި ބުނާ ކުށެއް ކުރަން އުޅޭކަން ބުއްދިއަށް ގަބޫލުކުރެވޭ ހާލަތްތަކުގައި އާއި ހެކި ނައްތާލަފާނެ ކަމަށް ގަބޫލުކުރެވޭ ހިނދު ކޯޓު އަމުރެއްނެތި އެމީހަކު ހައްޔަރުކުރުމުގެ ބާރު މިބިލްގައި ފުލުހުންނަށް ވަނީ ދީފަ އެވެ. އަދި އެކުށްތަކުގައި ހިމެނޭ މީހުން ކޯޓު އަމުރެއްނެތި ހައްޔަރު ކުރުމާއި ހައްޔަރުކުރުމަށްފަހު 48 ގަޑިއިރު ވަންދެން ބަންދުގައި ބެހެއްޓުމުގެ ބާރުވެސް ބިލްގައި ފުލުހުންނަށް ވަނީ ދީފަ އެވެ.

މީގެ އިތުރުން ޓެރަރިޒަމްގެ ކުށްތަކުގައި ތުހުމަތު ކުރެވޭ މީހުންގެ ތަންތަނާއި، އެމީހަކާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމަށްވެސް ފުލުހުންނަށް ކޯޓު އަމުރެއް ބޭނުމެއް ނުވެ އެވެ. އަދި ޓެރަރިޒަމްގެ ބޮޑު ކުށެއްގައި ތުހުމަތުކުރެވޭ މީހާގެ ހަށިގަނޑުގައި ކުށަކާ ގުޅުން ހުރި އެއްޗެއް ފޮރުވާފައިވާ ކަމަށް އެކަށީގެންވާ ސަބަބުތަކަކާ އެކު ގަބޫލުކުރެވޭނަމަ، ކޯޓު އަމުރެއް ނެތި އޭނާގެ ޖިންސީ ގުނަވަން ހާމަވާ ގޮތަށް ބަލައި ފާސްކުރުމުގެ ބާރުވެސް މިބިލުގައި ފުލުހުންނަށް ވަނީ ދީފަ އެވެ.

ބިލުގައި ބުނާ ކުށްތަކުގެ ތެރެއިން ކުށެއްގައި ހައްޔަރުކުރެވޭ މީހާއަށް ގާނޫނުއަސާސީން ލިބިދޭ ބައެއް ހައްގުތައް ހިފެހެއްޓިގެންވާ ކަމަށްވެސް ބިލްގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހަނުހުރުމުގެ ހައްގު އުނިކުރަން މިބިލުގައި ވަނީ ހިމަނާފަ އެވެ.

ބިލުގައި ކަނޑައަޅާފައިވާ ކުށެއް ސާބިތުވާ މީހެއްގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަށް ޖަލުގައި ބަންދުކުރުން ކަމަށްވެސް ބިލްގައި ވަނީ ބުނެފަ އެވެ.