ފަގީރުން ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް މުދަލު ޒަކާތް ބަހަން ފަށާނީ މިހަފްތާގެ ބުދަ އަދި ބުރާސްފަތި ދުވަހު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މާލެއިން ފަގީރުންގެ ދަފްތަރުގައި މިއަހަރު ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް މުދަލު ޒަކާތް ބަހާނީ ބުދަ އަދި ބުރާސްފަތި ދުވަހު އިސްލާމީ މަރުކަޒުގެ ހޯލުގައި ކަމަށެވެ.

މުދަލު ޒަކާތް ބެހުން ކުރިއަށް ގެންދަން ނިންމާފައިވަނީ ހެނދުނު 9:30 އިން ފެށިގެން މެންދުރުފަހު 2:30ގެ ނިޔަލަށެވެ.

އަތޮޅު ތެރޭގައި މުދަލު ޒަކާތް ބަހާނެ ދުވަސް ކަނޑައަޅައި ކަމާ ގުޅޭ އިންތިޒާމުތައް ހަމަޖައްސާނީ ރަށު ކައުންސިލް ތަކުން ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މުދަލު ޒަކާތް ބަހާނެ ދުވަސް އިއުލާންކުރި ނަމަވެސް މުދަލުގެ ޒަކާތުގެ ގޮތުގައި އެންމެ ފަހުން ލިބުނު އަދަދު އިސްލާމިކް މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެ އެވެ. އަދި މުދަލު ޒަކާތުގެ ބޮލަކަށް ބަހާނެ އަދަދު ވެސް މިނިސްޓްރީން އަދި ބުނެފައެއް ނުވެ އެވެ.