ދައުލަތުގެ ބަޖެޓުން ފުޓްބޯޅަ ކުލަބްތަކަށް ފައިސާ ދޭނެ ކަމުގެ ޔަގީންކަން އެއްވެސް އިރެއްގައި ދީފައި ނުވާނެ ކަމަށް ކުޅިވަރާ ބެހޭވަޒީރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން މިދިޔަ އަހަރު ފުޓްބޯޅަ ކުރިއެރުވުމަށް ދައުލަތުގެ ކުންފުނިތައް މެދުވެރިކޮށް ފުރަތަމަ ޑިވިޒަންގެ ކުލަބުތަކަށް ތިން މިލިއަން ރުފިޔާ ވަނީ ދީފައެވެ. އަދި މިސަރުކާރުން އެ ފިޔާ ކުލަބުތަކަށް ނުދޭތީ ކުލަބުތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިނިސްޓަރ މަހުލޫފް ވިދާޅުވީ މީގެ ކުރިންވެސް ރާއްޖޭގައި ފޯރިޔާއެކު ފުޓްބޯޅަ ކުރިއެރި ދުވަސްވަރެއްދިޔަ ކަމަށާއި އެކަން ކޮށްފައިވަނީ ކޮންމެ ކުލަބަކަށް ތިންމިލިޔަން ރުފިޔާ ދީގެން ނޫން ކަމަށެވެ. އަދި މިސަރުކާރުގެ ވިސްނުމުގައި ވެސް ކުލަބުތަކަށް ތިންމިލިޔަން ރުފިޔާ ދިނުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ

" ކުލަބްތަަކަށް ލާރި ނުލިބިގެން ތިންމިލިޔަން ރުފިޔާއޭމިކިޔާ މައްސަލައިގައި އަޅުގަނޑުމެންނާ އެވާހަކަ އެބަ އަމާޒުވޭ. އަޅުނގަޑުމެން ކުލަބުތަކާއި ވާހަކަ ދެއްކިން އެކަމަކު ބައެއް ކުލަބުތަކުން ބޭނުމެއް ނުވި އަޅުގަނޑުމެންނާއެކީ އެގޮތަށް ކުރިޔަށް ދާކަށް. މިއަދުވެސް އަޅުގަނޑު ގަބޫލެއް ނުކުރަން އަދި ނިންމާކަސްވެސް ބޭނުމެއްނޫން ކުރީގަ އެ ދިންގޮތަށް ކުލަބުތަކަށް ތިންމިލިޔަން ރުފިޔާ ދީގެން ރާއްޖޭގެ ފުޓްބޯޅަ ހިންގާކަށް. ދައުލަތުން ކުލަބުތަކށް ތިން މިލިޔަން ރުފިޔާ ދީގެނެއްނޫން މީގެ ކުރިންވެސް ރާއްޖޭގެ ފުޓްބޯޅަ މުބާރާތްތައް ކުރިޔަށް ގެންގޮސްފައި ހުރީކީ. އެހެންނަމަވެސް ކުލަބުތަކަށް ދަތިވީމަ މިއަހަރު ވެސް ކޮންމެ ކުލަބަކަށް ދެ ލައްކަ ރުފިޔާ މިނިސްޓްރީން ދިނިން. އަދި ކޯޗުގެ މުސާރަ ވެސް ކުރިއެކޭ އެއްގޮތަށް އެބަދެން. އެއީ އެކަށީގެންވާ މިންވަރެއް. ދެން ކުރިން ވެސް ކުލަބުތައް ރަން ކުރިގޮތަށް މިއަދުވެސް އެކަން ކުރެވޭނެ" މަހްލޫފް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ދެން ފުޓްބޯޅަ ދިރުވާ އާލާ ކުރެވޭނީ އަތޮޅު ތެރޭގައި ފުޓްބޯޅަ ކުރިއަރުވައިގެން ކަމަށެވެ. އަދި ގައުމީ ޓީމުގެ ކޮމިޓީގައި ބައިވެރިވީ އެފްއޭއެމާއެކު ގޯސްވެފައިއޮތް ގުޅުން ރަނގަޅުކޮށް ފުޓްބޯޅައަށް ރަނގަޅަކަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މަޙްލޫފް އިތުރަށް ވިދާޅުވީ ބޭނުންވަނީ ކުލަބުތަކަށް ފަހި ގޮތްތަށް ހޯދައިދީ ޓީމްތަކާއި އޮތް ގުޅުން ރަގަނޅު ކުރަން ކަމަށެވެ. އެގޮތުން ނިއުރޭޑިއަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށްދިނުމަށް ވަރަށް ބޭނުންވާ ކަމަށާއި އެހެންވިޔަސް ބަޔަކު ހާވާފައި އޮތް ހަޑިއަކަށް ސަރުކާރުން ޒިންމާއެއް ނުވެވޭނެ ކަމަށެވެ. އެފްއޭއެމުގެ ގައުމީ ޓީމުގެ ކޮމިޓީގައި މިވާހަކަތައް ދައްކައިގެން ހައްލެއް ލިބޭނެގޮތްތަކެއް ހޯދަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މަހުޅުފް ވިދާޅުވި އެވެ.