މާލީ ގޮތުން ޓީމަށް ދިމާވެފައިވާ މައްސަލަތަކުން އަރައިގަންނަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބުން ބުނެފި އެވެ.

ލީގުގައ މިރޭ ށ. ފޯކައިދޫއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޓީސީގެ މެނޭޖަރު މުހައްމަދު އަބީރް ބުނީ އެ ޓީމަށް ދިމާވެފައިވާ ހާލަތުން އަރައިގަންނަން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އަބީރު ބުނީ މުސާރަ ނުދެވި މަސްތަކެއް ވެފައިވާ ކަމަށާއި މިހާތަނަށް އުޅުނީ އެފްއޭއެމުން ލިބުނު އެއްޗަކަށް ބަރޯސާވެގެން ކަމަށެވެ. އަދި ސަރުކާރުން މިދިޔަ އަހަރު ދިން އެސްއޯއީގެ ފައިސާ ނުލިބުމުން އައި ދަތިކަމެއް އުޅޭ ކަމަށާއި މިހާރު އެ ފައިސާ ލިބޭނެކަމުގެ އުއްމީދު ނުކުރާކަމަށެވެ. އަދި އަޑިގަނޑުން އަރައިގަންނަން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ބުނި އެވެ.

ޓީސީގެ ކޯޗުކަމުން އާތީ ވަކިވިއިރު، އެ ޓީމުގެ މެނޭޖްމަންޓުން ވަނީ ކުޅުންތެރިންނާ ބައްދަލުކޮށް ޓީމު ދޫކޮށްލަން ބޭނުންވާ ކުޅުންތެރިންނަށް އެ ފުރުސަތު ދޭނެ ކަމަށް ބުނެ ޓީމުގެ ހާލަތު އޮޅުންފިލުވައިދީފަ އެވެ.

އަބީރު ބުނީ ދެ ކުޅުންތެރިން ފިޔަވައި އެހެން ހުރިހާ ކުޅުންތެރިން ޕްރެކްޓިހުގައި ބައިވެރިވަމުން އަންނަ ކަމަށެވެ.

ޓީސީ އެކޭ އެއްގޮތަށް ށ. ފޯކައިދޫ އަށް ވެސް ވަނީ މާލީ ގޮތުން ގިނަ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު ބުނީ އެ ޓީމުގެ މާލީ ހާލަތަށް ބަދަލެއް ނާންނަ ކަމަށާއި އެކަމަކު މެޗެއްގެ ކުރިން އެ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށެވެ. އަދި އެންމެ ފަހުން ކުޅުނު މެޗުން ފ.ނިލަންދޫ އަތުން ބަލިވެފައިވާތީ ބޭނުންވަނީ އަލުން ޓީމުގެ ނަތީޖާ ރަނގަޅު ކުރަން ކަމަށް ބެސް ކޯޗް އަލީ ނިސްތާރު ބުންޏެވެ.

ލީގުގެ ހަތަރު ވަނައިގައި އޮތް ޓީސީ އާއި ހަ ވަނައިގައި އޮތް ފޯކައިދޫ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.