ހުކުރުދުވަހުގެރެ ހިނގާ ދިޔަ އަލިފާނުގެ ހާދިސާ ތަހުގީގު ކުރުމަށް ރާއްޖެއިން ބޭރުގެ އެހީތެރިކަން ހޯދުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

އަލިފަނުގެ ހާދިސާ ހިނގި ސަރަހައްދުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ހުކުރު ދުވަހުގެރޭ ހިނގާދިޔަ އަލިފާނުގެ ހާދިސާއަކީ މިފަހުގެ ތާރީހެއްގައި ހިނގި އެންމެ ނުރައްކާތެރި އަދި ގިނަ އަދަދެއްްގެ އާންމު ރައްޔިތުންނަށާއި ދައުލަތަށް އެންމެ ބޮޑު ގެއްލުމެއް ލިބުނު އަލިފާނުގެ ހާދިސާ ކަމަށެވެ.

ޝިފާއު ވިދާޅުވީ، މިވަރުގެ ހާދިސާއަކަށް ބޭރުގެ ފާރާތްތަކުގެ އެހީތެރިކަން ފުލުހުން މިހާރުވެސް ހިންގާ ތަހުގީގަށް ހޯދުމަށް ޕޮލިސީ ލެވެލްގައި މަޝްވަރާ ކުރަމުން ދާކަމަށެވެ.

އަލިފާން ރޯވި ސަރަހައްދުގައި ފުލުހުންގެ ތަހުގީގު ޓީމުތަކުން މިހާރުވެސް އަންނަނީ ހަރަކާތްތެރި ވަމުންނެވެ.

ޝިފާއު ވިދާޅުވީ އެމްއެންޑީއެފްއިން އަލިފާން ނިއްވާލި ހިސާބުން ފޮރެންސިކަލީ ތަހުލީލު ކުރަންޖެހޭ ތަންތަން ބަލަން ފަށާފައިވާ ކަމަށެވެ. ޝިފާއު ވިދާޅުވީ އެބޭފުޅުންގެ ސަލާމަތާ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްފަހު ބައެއްކަހަލަ ތަހުގީގުތައް ކުރުން މަޑުޖައްސާލި ކަމުގައިވީނަމަވެސް މިހާރު އެކަންކަންވެސް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އެންމެ ބޮޑަށް އަލިފާން ރޯވެ އަނދާފައިވާ ތަންތަން އެއްދުވަސް ފަހުން ކްރައިމް ސީން ޕްރޮސެސް ކުރަން ފަށާފައިވާ ކަމަށް ވެސް ޝިފާއު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ އަލިފާން ރޯވި ތިލަފުށީގެއާއި އެގޭ ކުރިމަތީ ހުރި ގެއަކީ ފޮރެންސިކް ތަހުގީގުގެ ތެރެއިން އެންމެ ބޮޑަށް ތަހުގީގު ކުރާނެ ދެ އިމާރާތް ކަމަށެވެ.

"މިސަރަހައްދުގަ ވަކިވަކިން އެނޫން އެކި މިންވަރަށް ގެއްލުން ލިބިފައި ހުރި އިމާރާތްތަކަކީ ކޮބައިތޯ ބަލާ ކްރައިމް ސީންތައް ޕްރޮސެސް ކުރަމުންދާއިރު މިބުނި ސަރަހައްދުތައްވެސް ފޮރެންސިކާ އެކު ޕްރޮސެސް ކުރަމުން މިދަނީ" ޝިފާއު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ، އަލިފަނުގެ ހާދިސާ ހިނގި ސަރަހައްދުން ލިބެންހުރި ސީސީޓީވީ ފުޓޭޖު ހޯދާ ސީދާ އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެއެވެ.