މިސްރުގެ ރައީސް އަބްދުލްފައްތާހް އައްސީސީގެ އިސްތިއުފާއަށް ގޮވާލައި އާންމުން ފެށި މުޒާހަރާތަކާ ގުޅިގެން މިސްރުގެ ސަލާމަތީ ބާރުތަކުން 373 މީހުން ހައްޔަރު ކޮށްފިއެވެ.

މިސްރުގެ ވެރިރަށް ގާހިރާގެ އިތުރުން، މިސްރުގެ އެހެން ރަށްތަކުގައި އާންމުން މަގުތަކަށް ނުކުމެ މުޒާހަރާ ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

މުޒާހަރާ ފެށި ރަށްތަކުގެ ތެރެއިން ރަތްކަނޑުގެ އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ސުއޭޒްގައި ފެށި މުޒާހަރާ ހޮނިހިރު ދުވަހާ ހަމައަށް ދެމިގެންދިޔައެވެ.

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އާންމުވެފައިވާ ކަމަށް ބުނެ، މަގުތަކަށް ނުކުތް އާންމުން ގެންދިޔައީ، ރައީސް ސީސީ ވަގުތުން އިސްތިއުފާ ދެއްވައި ގެއަށް ވަޑައިގަތުމަށެވެ.

އެމީހުން މުޒާހަރާއަށް މި ނުކުތީ، މިސްރުގައި މުޒާހަރާކުރުން މަނާކޮށްފައި އޮއްވައެވެ. މިސްރުގައި 2013 ވަނަ އަހަރުން ފެށިގެން އަދިވެސް އޮތީ ސްޓޭޓް އޮފް އިމަޖެންސީ ހިންގާފައެވެ.

އެހެންކަމުން، މުޒާހަރާއަށް ނުކުތް މީހުން ރޫޅައި ފައްސާލަން މިސްރުގެ ސަލާމަތީ ބާރުތަކުން ވަގުތުން ހަރަކާތްތެރިވާން ފެށިއެވެ. އަދި މަގުތަކުގައި އިތުރަށް ފޯރިމަރައި މީހުން ހައްޔަރުކުރާން ފެށިއެވެ.

އިޖިޕްޝަން ކޮމިޝަން ފޮރ ރައިޓްސް އެންޑް ފްރިޑަމްގެ ޑިރެކްޓަރ މުހަންމަދު ލުތުފީ ވިދާޅުވީ، މުޒާހަރާތަކާ ގުޅިގެން މިހާތަނަށް 373 މީހުން ހައްޔަރު ކޮށްފައިވާ ކަމަށާއި، ހައްޔަރުކޮށްފައިވާ ގިނަމީހުންނަކީ އުމުރުން 18 އަހަރާއި 41 އަހަރާ ދެމެދުގެ މީހުން ކަމަށެވެ. އަދި ގިނަ މީހުން ހައްޔަރު ކޮށްފައިވަނީ ވެރިރަށް ގާހިރާއިން ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

އަރަބް ނެޓްވޯރކް ފޮރ ހިއުމަން ރައިޓްސް އިންފޮމޭޝަންގެ ޑިރެކްޓަރ ޖަމާލް އީދު ވިދާޅުވީ، މުޒާހަރާއާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހުންގެ އަދަދު ހަތަރުސަތޭކައަށް އަރާފައިވާ ކަމަށެވެ.

މިސްރު ސަރުކާރުގެ ޓީވީއަކުން ބުނެފައިވަނީ، މުޒާހަރާ ކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމުން، އަދިވެސް އިތުރު މީހުން ހައްޔަރު ކުރެވޭނޭ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ކުލަހެދުމުގައި ތިބި ސަލާމަތީ އޮފިޝަލުން ގެންދަނީ ގާހިރާގެ މަގުތަކުން އާންމުން ހުއްޓުވައި، އެމީހުންގެ މޮބައިލް ފޯނު ޗެކްކޮށް ސޯޝަލް މީޑިއާގައި އެމީހުން ލިޔެފައި ހުންނަ ކޮންޓެންޓްވެސް ޗެކްކުރަމުންނެވެ.

ބައެއް ހިސާބުތަކުން އިންޓަރނެޓްގެ ޚިދުމަތަށް ބުރޫއަރައި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށްވެސް ނުވަދެވޭގޮތް ހަދާފައިވާ ކަމަށްވާ "ނެޓްބްލޮކްސް" އިން ބުނެފައި ވެއެވެ. ބޮޑަށް ބުރޫ އަރާފައިވަނީ އަރަބި ބަހުން ހުންނަ ޕްލެޓްފޯރމްތަކަށް ކަމަށް ވެއެވެ.