ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އަލީ އަޝްފާގު (ދަގަނދޭ) ޖެހި 5 ގޯލާއެކު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް ލީގުގެ ދެވަނަ މަގާމަށް ކްލަބު ގްރީން ސްޓްރީޓްސް ޖެހިލައިފި އެވެ.

ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ގްރީން މޮޅުވީ 8-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މެޗުގެ ވަރަށް ކުރީކޮޅު މުހައްމަދު އުމެއިރު ދިން ޕާހަކުން ދަގަނޑޭ ވަނީ އީގަލްސްއަށް ލީޑު ނަގާދީފައެވެ. އޭގެ 6 މިނެޓު ފަހުން ދަގަނޑޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ގްރީންއަށް ލީޑު ފުޅާކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި މުހައްމަދު ރިސްވާން އެވެ.

ގްރީންއިން މެޗު ޑޮމިނޭޓުކޮށްގެން ކުޅުނު ނަމަވެސް، 39 ވަނަ މިނެޓުގައި އަހުމަދު ނާޝިދު (ނައްޓޭ) ވަނީ ޔޫވީއަށް ފަރަގު ކުޑަކޮށްދީފައެވެ. އެކަމަކު އޭގެ ދެމިނެޓު ފަހުން ރިސްވާން ނަގައިދިން ހުރަހަކުން ދަގަނޑޭ ގްރީންއަށް އަލުން ލީޑު ފުޅާކޮށްދިންއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ދަގަނޑޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

ދެވަނަ ހާފު ފަށައިގެން ގްރީންގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނުނުއިރު، މި ހާފުގެ ތިންވަނަ މިނެޓުގައި ރިހާމް އަބްދުލް ޣަނީ (ބޮބީ) ވަނީ ގްރީންގެ ފަސްވަނަ ގޯލް ޖަހާފައެވެ. އަދި 56 ވަނަ މިނެޓުގައި ދަގަނޑޭ އެޓީމުގެ ހަވަނަ ގޯލް ޖެހިއިރު، 68 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި މިރާހު މުހައްމަދު ވަނީ ޔޫވީގެ ދެވަނަ ގޯލް ކާމިޔާބުކޮށްފައެވެ.

84 ވަނަ މިނެޓުގައި ދަގަނޑޭ އޭނާގެ ފަސްވަނަ ގޯލް ޖެހިއިރު، ދަގަނޑޭ ދިން ޕާހަކުން 86 ވަނަ މިނެޓުގައި ޒުވާން މިޑްފީލްޑަރު އަބްދުﷲ ޔާމީން ވަނީ ގްރީންގެ އަށްވަނަ ގޯލް ޖަހާފައެވެ.

މެޗަށްފަހު ގްރީންގެ ކޯޗު އަލީ ސުޒެއިން ވަނީ ދަގަނޑޭގެ މޮޅު ކުޅުމަށް ތައުރީފުކޮށްފައެވެ. އޭނާ ބުނީ ބޮޑު މޮޅަކާއެކު ފުރަތަމަ ބުރު ނިންމާލެވުމުން ހިތްހަމަޖެހޭ ކަމަށާއި، ކުޅުންތެރިންގެ އިތުބާރު ބޮޑުވާނެ ކަމަށެވެ.

މެޗަށްފަހު ޔޫވީގެ ކޯޗު މުހައްމަދު ނަޒީހު ވަނީ ރެފްރީގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އޭނާ ބުނީ މިފަދަ މެޗެއްގައި ރެފްރީގެ ފަރާތުން ހަމަހަމަ ނިންމުންތަކެއް ފެންނަން ޖެހޭނެ ކަމަށާއި، އޭގެ ބަދަލު މިއަދުގެ މެޗުގައި ފެނިގެންދިޔައީ ވަކިކޮޅަކަށް ބުރަވެ ރެފްރީ ނިންމުންތަކެއް ނިންމިތަން ކަމަށެވެ. އަދި ރެފްރީގެ ނިންމުންތައް ގޯސްވި ނަމަވެސް، މެޗުން ބަލިވީ ކުޅުންތެރިންގެ ގިނަ ގޯސްތަކެއްގެ ސަބަބުން ކަމަށްވެސް ބުންޏެވެ.

މިއަދުގެ މެޗުން ލިބުނު 3 ޕޮއިންޓާއެކު ގްރީން ތާވަލުގެ ތިންވަނައަށް ޖެހިލީ ކުޅުނު 8 މެޗުން ލިބުނު 15 ޕޮއިންޓާއެކު އެވެ. ތިންވަނައިގައި އޮތް އީގަލްސްއަށް 7 މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ. މި މެޗުން ބަލިވި ޔޫވީ އޮތީ 8 މެޗުން ލިބުނު 7 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ.