މާލޭގައި ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއަކީ ރާވައިގެން ބަޔަކު ހިންގި ޓެރަރިޒަމްގެ އަމަލެއް ކަމުގައި ބައެއް ފަރާތްތަކުން ބުނި ނަމަވެސް ފުލުހުންގެ ތަހުޤީޤަށް އެފަދަ ކަމެއް ފާހަގަވެފައި އަދި ނެތްކަމަށް ފުލުހުން ބުނެފިއެވެ.

އަލިފާނުގެ ހާދިސާ އާއި ގުޅިގެން ފުލުހުން ހިންގާ ތަޙުޤީޤާއި ގުޅޭގޮތުން ވީނިއުސްއިން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން، ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްތުގައި ހިންގި އަމަލެއްކަން ފުލުހުންގެ ތަޙުޤީޤަށް އަދި ސާބިތުވެފައި ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ ފުލުހުން ތަހުޤީޤު ހިންގަމުން ދަނީ ހާދިސާ ހިންގަން މެދުވެރިވި ސަބަބު ދެނެގަތުމަށް، ކަން ހިނގާފައި ވެދާނެ ހުރިހާ ގޮތަކަށްވެސް ބަލައިގެން ކަމަށެވެ. އަދި ތަހުޤީޤަށް ބޭނުން ހިފިދާނެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް އެނގޭނަމަ އެމައުލޫމާތެއް ފުލުހުންނާއި ހިއްސާކޮށް ދެއްވުމަށްވެސް އޭނާ އެދިވަޑައިގެންނެވިއެވެ.

"އަޅުގަނޑުމެންނަށް މިހާތަަނަށް ބެލި ބެލުމުން ނެތް އެކަމާއި (ބަޔަކު ގަސްތުގައި ކުރިކަމަކާއި) ގުޅޭނެ އެއްވެސް ކަމެއް ފާހަގައެއް ނުވޭ. އެހެން ނަމަވެސް އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން އަޅުގަނޑުމެންގެ ތަހުޤީޤު މިގެންދަނީ، ހުރިހާ ޕޮސިބިލިޓިސްތަކެއް، ހުރިހާ އެންގަލް އަކުން ބެލިގެން. އެކަމުގެ ޔަޤީންކަން އަޅުގަނޑުމެން ދެން" ހަސަން ޝިފާއު ވިދާޅުވިއެވެ.