ރާއްޖެއަށް ކެމިކަލް އެތެރެކުރުމާއި ގުދަންކޮށް ވިއްކުމާ ބެހޭ ގަވާއިދެއް ފުރަތަމަ ފަހަރަށް އެކުލަވާލައި އަމަލުކުރަން ފަށައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ހ. ތިލަފުށިގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ހަތަރު ގުދަނަކާއި ހަ ގެއެއް އަނދައި ހުލިވެފައި ވަނިކޮށް، ގެޒެޓްކޮށް ހޯމަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ މި ގަވާއިދު ތަންފީޒު ކުރާނީ ޑިފެންސް މިނިސްޓްރީންނެވެ. އެގޮތުން މިހާރުވެސް އޮންނަ ގޮތަށް ނުރައްކާތެރި ކެމިކަލް ރާއްޖެ އެތެރެކުރުމުގެ ކުރިން އެ މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހެއެވެ.

ކެމިކަލް އެތެރެކުރުމުގެ ހުއްދަ ދެވޭނެ ޝަރުތުތަކުގެ ތެރޭގައި، ރައްކާތެރިކަމާއެކު ގުދަންކުރެވޭނެ އިންތިޒާމު ހުރުމާއި، ރައްކާތެރިކަމާއެކު ކެމިކަލް އުފުލައި ގެންގުޅުމުގެ އިންތިޒާމް ހަމަޖެހިފައިވުމާއި، ނުރައްކާތެރި ކެމިކަލް ގުދަންކޮށްފައި ބަހައްޓާ ތަނަށް ލިބިދާނެ ގެއްލުމަކަށް ޒިންމާވާނެ ގޮތަށް ކޮމްޕްރިހެންސިވް އިންޝުއަރެންސް ޕޮލިސީއަކުން އިންޝުއާކޮށްފައި ހުރުމާއި، ވިޔަފާރިއަށް އެތެރެކުރާ ކެމިކަލެއް ރައްކާތެރިކަމާއެކު ގެންގުޅެ ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ކެމިކަލް ގަންނަން ފަރާތްތަކަށް ފޯރުކޮށްދިނުން ހިމެނެއެވެ.

ކެމިކަލް ވިއްކާ ފަރާތްތަކުން ރެކޯޑު ބެލެހެއްޓުމަށް ވެސް ގަވާއިދުގައި ވަނީ މަޖުބޫރުކޮށްފައެވެ. ކަމާބެހޭ އިދާރާތަކުން ބޭނުންވެއްޖެ ހާލަތެއްގައި ކެމިކަލް ވިއްކާފައިވަނީ ކޮން ފަރާތްތަކަކަށްކަން ދެއްކޭނެ ގޮތަށް މައުލޫމާތު ބަލަހައްޓަން ވެސް ޖެހެއެވެ.

ކެމިކަލް ގުދަން ހަދާފައި ހުންނަން ޖެހޭ ގޮތާ ގުޅޭގޮތުން ގަވާއިދުގައި ވަނީ ކެމިކަލް ގުދަން ހުންނަން ޖެހެނީ މީހުން ދިރިއުޅޭ ތަންތަނާ ވަކިން ކަމަށާއި ކެމިކަލް ރައްކާކުރާ ގުދަން ތިން ބުރިއަށްވުރެ އުސްކޮށް ނުހެދޭނެ ކަމަށެވެ. ފަޔާ އެންޑް ރެސްކިއު ސާވިސްއިން ކަނޑައަޅާ ގޮތެއްގެ މަތިން އަލިފާން ނިއްވޭނެ ނިޒާމެއް ގުދަނުގައި ގާއިމްކުރުން ފަދަ ކަންކަން ވަނީ ލާޒިމުކޮށްފައެވެ.

ހުއްދަ ދޭ ތަކެތި ނޫން އެހެން އެއްވެސް އެއްޗެއް ގުދަނުގައި ރައްކާކުރުން ގަވާއިދުގައި ވަނީ މަނާކޮށްފައެވެ. އަދި ވަކި ފިނިހޫނުމިނެއްގައި ބަހައްޓަން ޖެހޭ ކެމިކަލަށް ޚާއްސަ ގުދަންތައް ހެދުމާއި، ގުދަންތަކުގެ ދޮރުތަކަކީ ފަޔާ ރެސިސްޓެންޓް ދޮރުތަކަކަށް ހެދުމަށް ލާޒިމުކޮށްފައިވާއިރު، ގުދަނުގައި ކަރަންޓް ވަޔަރުކޮށްފައި ހުންނަން ޖެހެނީ ކޮންޑިއުޓް ހޮޅިއަށް ލައްވައިގެން ކަމަށް ވެސް ގަވާއިދުގައި ވަނީ ބުނެފައެވެ.

ރާއްޖެއަށް ކެމިކަލް އެތެރެކުރުމާއި ގުދަންކޮށް ވިއްކުމާ ބެހޭގޮތުން ފުރަތަމަ ފަހަރަށް އެކުލަވާލެވުނު މި ގަވާއިދާ ޚިލާފު ވެއްޖެނަމަ، ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމަށް ވެސް ވަނީ ހިމަނާފައެވެ. އެގޮތުން ގަވާއިދުގައި ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް ލޭބަލް ހަރުކޮށްފައި ނުވާނަމަ 5،000 ރުފިޔާއާއި 20،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. ގަވާއިދުގެ އެއްވެސް ކަމަކާ ޚިލާފުވެއްޖެނަމަ ޖޫރިމަނާކުރެވޭނީ 50،000ރ. އާ ހަމައަށެވެ.

ޖޫރިމަނާކުރުމުގެ އިތުރަށް ހުއްދަ ހިފެހެއްޓުމުގެ އިޚުތިޔާރު ވެސް ޑިފެންސް މިނިސްޓްރީއަށް ގަވާއިދުގައި ވަނީ ދީފައެވެ. މިނިސްޓްރީން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ކެމިކަލް ގުދަންތައް އިންސްޕެކްޓް ވެސް ކުރެވޭނެއެވެ.

ރާއްޖެއަށް ކެމިކަލް އެތެރެކުރުމާއި ގުދަންކޮށް ވިއްކުމާ ބެހޭ ގަވާއިދެއް ކުއްލިއަކަށް އެކުލަވާލައި އަމަލުކުރަން ފަށާފައިމިވަނީ ހުކުރު ދުވަހުގެ ރޭ ހ. ތިލަފުށިގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ހަތަރު ގުދަނަކާއި ހަ ގެއެއް އަނދައި ހުލިވެފައި ވަނިކޮށެވެ. މި ހާދިސާއާ ގުޅިގެން ސަރުކާރުން ވަނީ މާލެ ތެރޭގައި ކެމިކަލް ގުދަންކުރުން މަނާކޮށް، ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމަށް ނިންމާފައެވެ. އެގޮތުން ތިންމަސް ދުވަސް ތެރޭ މާލޭގައި ހުރި އެފަދަ ގުދަންތައް ތިލަފުއްޓަށް ބަދަލުކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.