ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަވަނަ ފަހަރަށް ބާސެލޯނާ އަދި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ހޯދައިފި އެވެ.

އިޓަލީގެ މިލާނުގައި ކުރިއަށްދިޔަ މި ހަފުލާގައި އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ މަގާމު އިއުލާނުކޮށްދެއްވީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެވެ. މެސީ މި މަގާމު ހަވަނަ ފަހަރަށް ހޯދިއިރު، އޭނާއާ އެންމެ ވާދަވެރި ރޮނާލްޑޯއަށް މި އެވޯޑު ހާސިލުކުރެވިފައިވަނީ ފަސް ފަހަރު އެވެ.

މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު މެސީ ހާސިލުކުރީ ރޮނާލްޑޯގެ އިތުރުން ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކްއާ ވާދަކޮށްގެންނެވެ. މިދިޔަ ސީޒަނުގައި މެސީ ވަނީ ސްޕެއިންގެ ބާސެލޯނާއާއެކު ސްޕެނިޝް ލީގު ކާމިޔާބުކޮށްފައެވެ. އަދި މެސީ ވަނީ މިދިޔަ ސީޒަނުގައި ކުޅުނު 50 މެޗުގައި 51 ގޯލު ކާމިޔާބުކޮށްފައެވެ. އަދި 22 އެސިސްޓު ވަނީ ހަދާފައެވެ.