އިޓާލިއަން ލީގުގެ އެއް ވަނަ މަގާމަށް ޗެމްޕިއަން ޔުވެންޓަސް ޖެހިލައިފި އެވެ.

ލީގް ތާވަލްގެ އެއް ވަނަ މަގާމަށް ޔުވެންޓަސް ޖެހިލީ ރޭ ބްރެޝިއާ އެފްސީއާ ދެކޮޅަށް ކުޅުނު މެޗް 2-1 ލަނޑުން ކާމިޔާބު ކޮށްގެންނެވެ.

ބްރެޝިއާގެ ދަނޑުގައި ރޭ ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގި އެޓީމުންނެވެ. މެޗުގެ ހަތަރު ވަނަ މިނެޓުގައި ބްރެޝިއާއަށް ލީޑް ނަގައި ދިން ލަނޑު ކާމިޔާބު ކޮށްދިނީ ފޯވާޑް އަލްފްރެޑޯ ޑޮންނަރުއްމާ އެވެ.

މިމެޗުގައި ޔުވެންޓަސްއިން ނަތީޖާ ހަމަހަމަ ކުރީ ބްރެޝިއާގެ ޑިފެންޑަރު ޖޯން ޗާންސެލާ އަތުން 40 ވަނަ މިނެޓުގައި ބައިކޮޅަށް ވަން ލަނޑުންނެވެ.

ލިބުނު އަނިޔާއަކާ ގުޅިގެން ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި ކުޅުނު މިމެޗުގައި އެޓީމް މޮޅުވީ 63 ވަނަ މިނެޓުގައި މިޑްފީލްޑަރު މިރަލެމް ޕިޔަނިޗް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

ރޭގެ މޮޅާ އެކު ލީގް ތާވަލްގެ އެއް ވަނަ މަގާމްގައި ޔުވެންޓަސް އޮތީ މިހާތަނަށް ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާއެކު އެވެ. ލީގް ތާވަލްގެ ދެ ވަނަ މަގާމްގައި އޮތީ ޔުވެންޓަސްއަށް ވުރެ އެއްމެޗު މަދުން ކުޅެފައިވާ އިންޓަ މިލާނެވެ. އިންޓަ މިލާން އޮތީ 12 ޕޮއިންޓާއެކު އެވެ.