ސްޕެނިޝް ލީގުގައި ރޭ ވިޔަރެއާލް އަތުން ހަނި ގޮތަކަށް ބާސެލޯނާ 2-1 ލަނޑުން މޮޅުވި މެޗުގައި، ބާސާގެ ފޯވާޑް ލިއޮނަލް މެސީ އަށް އަނިޔާވެއްޖެ އެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ފީފާ އިން ހޮވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަވަނަ ފަހަރަށް ހޯދި މެސީއަށް ރޭގެ މެޗުގައި އަނިޔަވީ ފުރަތަމަ ހާފުގައެވެ. މެސީއަށް އަނިޔާވެފައި ވަނީ އޭނަގެ ވާތު ފައިގެ ފަލަމަސްގަނޑަށެވެ. މެސީއަށް ލިބުނު އަނިޔާއާއެކު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން އޭނަ ފުރިހަމަ ކުރި ނަމަވެސް، ދެ ވަނަ ހާފުގައި އޭނަގެ ބަދުލުގައި ކުޅެން ނިކުތީ އެޓީމުގެ ފްރާންސް ފޯވަޑް އޮސްމާނޭ ޑެމްބެލޭއެވެ.

ބާސާގެ ކޯޗު އަނެސްޓޯ ވަލްވާޑޭ ބުނީ، މެޗުގެ ދެ ވަނަ ހާފުގައި މެސީ ކުޅެން ނުނެރުނީ އޭނައަށް ލިބުނު އަނިޔާ އިތުރަށް ގޯސް ވެދާނެ ކަމަށް ބަލާފައި ކަމަށާއި އެހެން ނަމަވެސް އެލިބުނު އަނިޔާއަކީ ކިހާވަރެއްގެ އަނިޔާއެއްތޯ މިހާރު ބަލަމުން އަންނަ ކަމަށެވެ.

ރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ބާސާއިންނެވެ. އެ ލަނޑު މެޗުގެ ހަ ވަނަ މިނެޓުގައި ބާސާއަށް ކާމިޔާބު ކޮށްދިނީ ފްރާންސް ފޯވަޑް އެންޓޮއިން ގްރީޒްމަންއެވެ. އަދި މެޗުގައި ބާސާއަށް ލީޑް ފުޅާ ކޮށްދިން ލަނޑު 15 ވަނަ މިނެޓުގައި ކަމިޔާބު ކޮށްދިނީ ބްރެޒިލް މިޑްފީލްޑަރު އާތާއެވެ.

މެޗުގައި ވިޔަރެއާލްގެ ލަނޑު އެޓީމުން ޖެހީ 44 ވަނަ މިނެޓުގައެވެ. އެލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސަންޓި ކަޒޯލާ އެވެ.

ރޭގެ މޮޅާއެކު ލީގް ތާވަލްގައި ބާސާ މިވަގުތު އޮތީ މިހާތަނަށް ކުޅުނު ހަ މެޗުން ލިބުނު 10 ޕޮއިންޓާއެކު ހަތަރު ވަނަ މަގާމްގައެވެ. ލީގް ތާވަލްގެ އެއް ވަނަ މަގާމްގައި މިހާތަނަށް ކުޅުނު ހަ މެޗުން 11 ޕޮއިންޓު ހޯދައިގެން އޮތީ ގްރެނޭޑާ އެވެ. އެއަދަދަށް ޕޮއިންޓް ހަމަކޮށް، ޖުމްލަ ފަސް މެޗް ކުޅެފައިވާ އެތުލެޓިކޯ ބިލްބާއޯ އޮތީ ދެ ވަނަ މަގާމްގައެވެ. ގްރެނޭޑާއަށް ކުރި ލިބެނީ ޖެހި ލަނޑުގެ ތަފާތުން، ކުރީގައި އޮތުމުންނެވެ. އަދި ލީގުގެ ތިން ވަނަ މަގާމްގައި އޮތީ މިހާތަނަށް ކުޅުުނު ފަސް މެޗުން 11 ޕޮއިންޓް ހޯދައިފައިވާ ރެއާލް މެޑްރިޑެވެ.

ލީގުގައި ބާސާ ދެން އެންމެ އަވަހަށް ވެސް މެޗެއް ކުޅޭނީ އަންނަ އާދީއްތަ ދުވަހު ރަށުން ބޭރުގައި ގެޓަފޭއާ ދެކޮޅަށެވެ.