އިނގިރޭސި ހަތަރު ވަނަ ޑިވިޝަންގައި ވާދަކުރާ ކޮލްޗެސްޓާ ޔުނައިޓެޑް އަތުން ބަލިވެ ފުރަތަމަ ޑިވިޝަންގެ ޓޮޓެންހަމް ހޮޓްސްޕާސް އިނގިރޭސި ލީގު ކަޕުން ކަޓައިފިއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ ލަނޑެއް ނުޖެހިއެވެ. އެހެންކަމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ޓޮޓެންހަމްގެ މައްޗަށް ކޮލްޗެސްޓާ ކުރިހޯދީ 3-4 ގެ ނަތީޖާއަކުންނެވެ.

މި ޕެނަލްޓީ ޝޫޓްއައުޓްގައި ޓޮޓެންހަމްގެ ކްރިސްޓިއަން އެރިކްސަން އާއި ލޫކަސް މޯރާ ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. އެގޮތުން އެރިކްސަން ޖެހި ޕެނަލްޓީ ކޮލްޗެސްޓާގެ ކީޕަރު ޑީން ޖާކިން ދިފާއުކުރިއިރު ލޫކަސް މޯރާ ޖެހި ޕެނަލްޓީ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. މީގެއިތުރުން ކޮލްޗެސްޓާ ޖެހި ޕެނަލްޓީއެއްވެސް ނާކާމިޔާބުވިއެވެ.

ރަށުންބޭރުގައި ޓޮޓެންހަމް މިހާތަނަށް ކުޅުނު ފަސް މެޗުންވެސް އެ ޓީމު ވަނީ ބަލިވެފައެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރި ޓޮޓެންހަމް މިއަހަރުގެ ސީޒަނުގައި ފެންނަނީ ވަރަށް ބޮޑަށް ނިކަމެތިކޮށެވެ. އިނގިރޭސި ޕްރިމިއަރ ލީގުގައި އެ ޓީމު އެންމެފަހުން ލެސްޓާ އާއި ދެކޮޅަށް ކުޅުނު މެޗުންވެސް އެ ޓީމު ވަނީ ބަލިވެފައެވެ.

އިނގިރޭސި ލީގް ދޭއްގެ ތިންވަނަ މަގާމުގައި އޮތް ކޮލްޗެސްޓާ އަތުން ބަލިވުމަށްފަހު ޓޮޓެންހަމްގެ ކޯޗް މައުރީސިއޯ ޕޮޗެޓީނޯ ބުނީ އެ ޓީމަށް މިހާރު ކުރިމަތިވެފައިވާ ހާލަތު ކުރިމަތިވެދާނެ ކަމަށް ޕްރީސީޒަން ތެރޭގައިވެސް ވާހަކަދެއްކި ކަމަށެވެ. އަދި މި ނަތީޖާއަކީ ލަދުވެތި ނަތީޖާއެއް ކަމަށާއި މިއީ އެއްގޮތަކަށްވެސް އުއްމީދުކުރި ނަތީޖާއެއް ނޫންކަމަށެވެ. އަދި ކުޅުންތެރިންގެ ފަރާތުން މެޗުން މޮޅުވުމުގެ ރޫހު ފެނިފައިނުވާ ކަމަށްވެސް ކޯޗު ބުންޏެވެ.

އިނގިރޭސި ލީގު ކަޕުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އާސެނަލް ވަޏި ނޮޓިންހަމް ފޮރެސްޓް 5-0 އިން ބަލިކޮށްފައެވެ. އަދި އެންމެފަހުގެ ޗެމްޕިއަން ޔުނައިޓެޑު ވަނީ ޕްރެސްޓަން އަތުން 3-0 އިން މޮޅުވެފައެވެ.