އައްޑުއަތޮޅު ގަމަކީ ރާއްޖޭގައި އިނގިރޭސީން އުޅުނުއިރު އެމީހުން ވަޒަންވެރިވި ރަށެވެ. ގަމުން އަދިވެސް އިނގިރޭސީންގެ ހަނދާންތައް ފިލައިގެން ނުދެއެވެ. ބަލާލި ކޮންމެ ދިމަލާކުންވެސް އެޒަމާނުގެ ހަނދާންތައް އާވާ ކޮންމެވެސް މަންޒަރެއް ފެނެއެވެ.

ގަމުން ފެނުނު އިނގިރޭސީންގެ ހަނދާންތައް އާވާ ހުރިހާ މަންޒަރަކުންވެސް އެންމެ އަޅައިގަތް އެއްތަނަކީ ގަމު އެއާޕޯޓާއި މާދުރުނޫން ސަރަހައްދެއްގައި ހަދާފައި ހުރީ ރީތި އިމާރާތެކެވެ. އިނގިރޭސީން އައްޑޫގައި ތިބިއިރު، ފިލްމު ބަލަން އެޅި މަޝްހޫރު އަސްޓްރާ ސިނަމާއެވެ. މި ސިނަމާ ހަދާފައިވަނީ ގަމުގައި އިނގިރޭސީން އުޅުނު ޒަމާނުގައި 1957 ވަނަ އަހަރުގައެވެ. އެ ޒަމާނުގައި ފިލްމު އަޅުވައި ސްޓޭޖް ޝޯތައް ބާއްވާ ހެދި އަސްޓްރާގައި ގަމުން އިނގިރޭސީން ފޭބި ފަހުންވެސް ޝޯތައް ބާއްވާފައިވެއެވެ.

އަދި އޭގެ ފަހުންވެސް 2004 ވަނަ އަހަރާ ހަމައަށް ލަންކާ ކުންފުންޏަކުން ގާމެންޓް ފެކްޓްރީއެއް ހިންގުމަށް އެތަން ބޭނުންކޮށްފައިވެއެވެ. އެ ކުންފުނިން އެތަން ދޫކޮށްލުުމުން ބަލަހައްޓާނެ ފަރާތެއް ނެތިފައި ވަނިކޮށް މިހާރު އެތަން ބެލެހެއްޓުމުގެ ޒިންމާ އަދާކުރަނީ ގަމުގައި އެއާޕޯޓު ހިންގާ، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކުންފުނިންނެވެ.

އިނގިރޭސީންގެ ހަނދާން އާކޮށްދޭ މި ސިނަމާ ދުރުން ބަލާލަންވެސް ވަރަށް ހިތްގައިމެވެ. ހަމަ މިޒަމާނުގެ މޮޅު އިމާރާތެއްހާ ރީއްޗެވެ. އެތެރެޔަށް ވަދެވުމުން ކުރެވެނީ މުޅިން ތަފާތު އިހުސާސެކެވެ. އަސްޓްރާ ސިނަމާ ތެރެއަށް އެޅޭ ފުރަތަމަ ފިޔަވަޅާއެކު އިނގިރޭސީން އައްޑޫގައި އުޅުނު ޒަމާނުގެ ހަނދާންތައް ކުލަ ފިލްމަކުން ފެންނަ ފަދައެވެ. އިނގިރޭސީން ތިއޭޓަރެއްގެ ގޮތުގައި ބޭނުންކުރި ތަން މިހާރު ފެންނަން ހުރީ އިނގިރޭސީންގެ ހަނދާންތަކުން ފުރިފައިވާ އާސާރެއްގެ ގޮތުގައެވެ.