ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ބިން ހިއްކައި ތަރައްގީކުރަން ފެށިތާ މިހާރު މިވަނީ 5 އަހަރު ވެފައެވެ. ގިނަ ދުވަސްތަކެއްވި މި މިޝްރޫއަކީ އާންމުންގެ ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ ތަރައްގީގެ ބޮޑު މަޝްރޫއެކެވެ. 2014 ވަނަ އަހަރު ފެށި މި މަޝްރޫއު މިހާރު މިވަނީ ގާތްގަނޑަކަށް ނިމުމަކާއި ހަމައަށް އައިސްފައެވެ. އެގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ފުރަތަމަ ފިޔަވަހި ގުޅުވައިދޭ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރަމުންދާއިރު މި މަސައްކަތް ނިމި އަންނަ އަހަރު ކުރީކޮޅުގައި އާންމުންނަށް ހުޅުވާލާނެ ކަމަށް އެޗްޑީސީން މިވަނީ ބުނެފައެވެ.

ވީނިއުސްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ހުޅުމާލޭގެ ކަންކަން ބަލަހައްޓާ ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ ހުޅުމާލެ ތަރައްގީކުރުމުގެ ދެފިޔަވަހި ގުޅުވައިދޭ ހަތަރު ބުރިޖެއްް ގާއިމުކުރުމަށް ނިންމާފައިވާއިރު މި ހަތަރު ބުރިޖުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުން ކަމަށެވެ. އަދި އެ މަސައްކަތުގެ ވަރަށް ބޮޑުބައި މިހާރު ނިމިފައިވާ ކަމަށާއި މަސައްކަތް ކުރިޔަށްދާ ސްޕީޑަށް ބަލާއިރު އަންނަ އަހަރުގެ ފެބްރުއަރީ ހިސާބުގައި މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް ސުހައިލް ވިދާޅުވިއެވެ.

ސުހައިލް ވިދާޅުވީ އެޗްޑީސީން އަމާޒު ހިފާފައިވަނީ ބުރިޖުގެ މަސައްކަތް ނިމުނުހާ އަވަހަކަށް އާންމުންނަށް ވަދެވޭ ގޮތަށް ދެވަނަ ފިޔަވަހި ހުޅުވާލުމަށް ކަމަށެވެ. ދެވަނަ ފިޔަވަހީގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު 50 އިންސައްތަ މަގުތައްވެސް މިހާރު ނިމިފައިވާކަން ސުހައިލް ވަނީ ފާހަގަކުރައްވާފައެވެ. އަދި ނުނިމި ހުރި މަގުތަކުގެ މަސައްކަތްވެސް ކޮންޓްރެކްޓަރުންނާ ވާހަކަދައްކައިގެން ކުރިޔަށް ގެންގޮސް ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސުހައިލް ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް އެތަނުގައި އަދިވެސް ވަރަށް ބޮޑެތި ޕްރޮޖެކްޓުތަކެއް ނުނިމިވާ ކަމަށާއި އެ މަސައްކަތްތައް ކުރިޔަށްދާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން ބައެއް ޕްރޮޖެކްޓުތަކުގެ މަސައްކަތަށް މަގު ބަންދުކޮށް މަގުގެ ބައިބައިވެސް ބޭނުންކުރަމުންދާ ކަމަށާއި އެހެންވީމާ އާންމުނަށް ހުޅުވާލި ކަމުގައިވިޔަސް އެފަދަ ދަތިތައް ހުރެދާނެ ކަމަށް ވިދާޅުވިއެވެ. އަދި މަސައްކަތްތައް ނިމެމުންދާ ވަރަކުން ވީހާވެސް އަވަހަކަށް މަގުތައް ހުޅުވާލާނެ ކަމަށްވެސް ސުހައިލް ވަނީ ވިދާޅުވެފައެވެ.

"ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ފޭސް ވަންއާއި ޓޫ ގުޅިވާދޭ ހަތަރު ބުރިޖުގެ މަސައްކަތް މިހާރު އެދަނީ ކުރަމުން، އެ މަސައްކަތް ނިމޭނެ އަންނަ އަހަރުގެ ކުރީކޮޅު ފެބްރުއަރީ ހިސާބުގައި. އަޅުގަނޑުމެން މި ޓާގެޓް ކުރަނީ ބުރިޖުތައް ނިމުމާއިއެކީ ހުޅުވާލަން، މިހެން ދެންނެވިޔަސް އަދިވެސް އެބަހުރި ވަރަށް ބޮޑެތި ޕްރޮޖެކްޓުތައް ހިނގާތީ މަގުގެ ބައިބައިވެސް އެބަ ބޭނުންކުރެވޭ، އެހެންވީމާ އެ ޕްރޮޖެކްޓުތަކަށް ބޭސްކޮށްފައި މިއަންނަ އަހަރުތެރޭގައި މަގުތައް ހުޅުވާލެވޭނެ، މިހާރު އެވަނީ ފަންސާސް އިންސައްތަ މަގުތައްވެސް ނިމިފައި" ސުހައިލް ވިދާޅުވިއެވެ.