އިންޑިއާއިން ވެރިކަންކުރާ ކަޝްމީރުގެ ފަޅީގެ ރައްޔިތުންގެ މައްޗަށް ހިންގާފައިވާ ދަތިކުރުންތަކަށް ލުއިދިނުމަށް އެމެރިކާއިން އަނެއްކާވެސް އިންޑިއާ ސަރުކާރަށް ގޮވާލައިފިއެވެ.

އެމެރިކާގެ ގޮވާލުން މިއައީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންއާ ނިއުޔޯކްގައި ބައްދަލުކުރައްވާފައި ވަނިކޮށެވެ.

ވަކިވަކީން ބޭއްވި މި ބައްދަލުކުރެއްވުން ތަކުގައި ޓްރަމްޕްވަނީ، ކަޝްމީރުގެ މައްސަލަ ވީހާވެސް އަވަހަކަށް ހައްލު ކުރެއްވުމަށް އިމްރާން ޚާންއާއި މޯދީއަށްވެސް ދަންނަވާފައެވެ. އަދި އެކަމުގައި އެމެރިކާގެ އެހީތެރިކަމަށް ބޭނުންވާނަމަ އެކަން ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެމެރިކާގެ ޚާރިޖިއްޔާއިން ދެކުނު އޭޝިޔާއަށް ކަނޑައަޅާފައި ހުންނަ އެންމެ އިސް އޮފިޝަލް، އެލިސް ވެލްސް މިއަދު ވިދާޅުވީ، އިންޑިއާއިން އަޅާފައިވާ ދަތިކުރުންތަކަށް ވީހާވެސް އަވަހަކަށް ލުއިދިނުމަށް އެމެރިކާއިން އުންމީދުކުރާ ކަމަށެވެ. ހަމަ އެއާއެކު، ހައްޔަރުކޮށްފައިވާ އެންމެން ދޫކޮށްލުމަށްވެސް އެމެރިކާއިން އެދޭ ކަމަށް ވިދާޅުވިއެވެ.

"ސިޔާސީ ފަރާތްތަކާއި، ވިޔަފާރިވެރިންނާއި، އެނޫންވެސް އެތައްބަޔަކު ހައްޔަރު ކުރަމުންދިއުމާއި، ޖައްމޫ އެންޑް ކަޝްމީރުގެ ރައްޔިތުންނާ ދެކޮޅަށް ދަތިކޮށްފައި އޮތުމަކީ އެމެރިކާ ވަރަށް ކަންބޮޑުވާ ކަމެއް. އެމެރިކާއިން އުންމީދުކުރަނީ ކަޝްމީރުގެ ލީޑަރުންނާއެކު އިންޑިއާ ސަރުކާރުން ވީހާވެސް އަވަހަކަށް މަޝްވަރާތައް ފަށައި، އަދި ވައުދުވެފައިވާގޮތަށް ވީހާވެސް އަވަހަކަށް އިންތިޚާބު ބޭއްވުން" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެލިސް ވެލްސް ވިދާޅުވިއެވެ.

އިންޑިއާއިން ވެރިކަން ކުރާ ކަޝްމީރުގެ ފަޅި، ޖައްމޫ އެންޑް ކަޝްމީރަށް ދީފައިއޮތް ޒާތީ މިނިވަންކަން އިންޑިއާއިން މިދިޔަ އޮގަސްޓްމަހުގެ 5 ވަނަ ދުވަހު ނިގުޅައިގަނެ، އިންޓަރނެޓާއި، މުވާސަލާތީ ޚިދުމަތް ކަނޑާލައި، ކާފިއު ހިންގާފައި މިހާތަނަށް އެތައްބަޔަކު ހައްޔަރުކޮށް ޖަލަށް ލާފައި ވެއެވެ.

ހައްޔަރު ކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ކަޝްމީރުގެ ސިޔާސީ ލީޑަރުންނާއި، އެކްޓިވިސްޓުންނާއި އެތައްހާސް އާންމުންވެސް ހިމެނެއެވެ.