މަސްތުވާތަކެތީގެ ވަބާއަކީ ދިވެހި މުޖުތައު މިއަދު ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑު ވަބާއެެވެ. އެ ހަޤީޤަތް ނޭނގޭ ހަމައެކަކުވެސް މިދިވެހި އުޑުދަށުގައި ހުރި ހެނެއް ހިއެއް ނުވެއެވެ. އެކަމަކު ޔަޤީނާ ގާތަށް އެނގެނީ މިބޮޑު ވަބާގެ ހަޤީޤަތްތަކަށް ދައުލަތާއި ސަރުކާރާއި މުއައްސަސާތަކާއި އާއްމު ރައްޔިތުން ލޯ މަރާލާފައިވާ ކަމެވެ. މަސްތުވާތަކެތީގެ ވިޔަފާރިއަކީ ބަޔަކު އެމީހުންގެ މާލީ މަންފާއަކަށްޓަކައި ހިންގާ ބޮޑު ވިޔަފާރިއެއް ކަމެވެ. އެވިޔަފާރީގެ ތެރޭގައި ޤައުމުގެ ޒުވާން އާބާދީގެ އެތައް ބައެއް ހަފުސްވެ ނިމިއްޖެކަމެވެ.

މިއަދު އިންޓަނެޓުގައި ދިވެހިން އެންމެ ގިނައިން ހަރަކާތްތެރިވާ ސޯޝަލް މީޑިއާ ޕްލެޓް ފޯމްތަކުގައި، ފޭސްބުކް ޕޭޖުތަކާއި ޓުވިޓާ ޓެލެގްރާމް ވައިބާ ވަތްސްއެޕް ގުރޫޕްތަކުގައި ދައުރުވަނީ، މަސްތުގެ ހާލަތުގައި ހުރިކަމަށް ބެލެވޭ ދިވެހި ޒުވާނަކު، މާލޭގެ ހުޅަގު އުތުރުފަރާތުން ވެސްޓް ޕާކާއި އެެއް އިންވެގެން އޮންނަ، މީހުން މަސްބާނަން ތިބޭ ޕްލެޓްފޯމުގެ ސިޑިމަތިން ވެއްޓޭ މަންޒަރެވެ.

ވީޑިއޯއިން ފެންނަގޮތުން އޭނާ ސިޑިމައްޗަށް ބޯކޮޅުވަތަށް ވެއްޓި ފުރޮޅެމުންގޮސް މޫދަށް ވެއްޓޭ އިރު، އޭނާއަށް އަނިޔާތަކެއްވެސް ލިބޭނެއެވެ. އެހެން ނަމަވެސް ވީޑިއޯ ކުރި މީހާ އެޒުވާނާ މޫދަށް ވެއްޓޭ ހިސާބުން ރެކޯޑިންގ ކަނޑާލައެވެ. އޭގެ ފަހުން ދެން އޭނާއަށް ވީގޮތެއް ނޭނގެއެެވެ، އަހަރެމެން އެންމެންނަށް އެވީޑިއޯ މިފެނުނީ ސޯޝަލްމީޑިއާ އިންނެވެ. އެއް ބަޔަކު އެޒުވާނާއި މެދު ފާޅުކުރީ ހަމްދަރުދީއެވެ. އަނެއް ބަޔަކު ކަންބޮޑުވުން ފާޅުކުރީ ޤައުމުގެ ހާލަތާއި މެދުގައެވެ.

މާލޭގެ މަގުމަތިންނާއި އޭޓީއެމްތައް ދޮށުން މަސްތުގެ ހާލަތުގައިވާ އެތައް ޒުވާނުންނެއް ފެނެއެވެ. މަގުމަތީގައި މަސްތުގެ ހާލަތުގައި ހުރި ޒުވާނެއްގެ ގައިގައި ޖެހިގަނެ ވައްޓާާލާފައި މީހަކު ގެއަކަށް ވަދެގެންދާ ވީޑިއޯއެއްވެސް ދިވެހިން އުޅޭ ޕޭޖުތަކާއި ގުރޫޕްތަކުގައި މީގެ ކުރިންވެސް ވައިރަލްވެފައި ވެއެވެ. އެންމެންވެސް އެކަމަށް އެމީހަކަށް ޖެހުނު ޖޯކެއް ޖަހައި ކުރެވުނު މަލާމާތެއްކޮށްލީމާ ނުވަތަ ސަރުކާރާއި މުއްސަސާތައް ކުއްވެރި ކުރާކަމަށް ބުނީމާ ނިމުނީއެވެ.

ނުރަސްމީ ފަރާތަކުން 2007 ވަނަ އަހަރު ކުރި ސާވޭއަކަށް ފަހު ބުނެފައިވަނީ، ދިވެހި ޒުވާނުންގެ އާބާދީގެ 33000 ވުރެ ގިނަމީހުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކަމަށެވެ. މިއަދު އޭގެ 12 އަހަރުފަހުން އެހާލަތު އޮންނާނެ ގޮތް ހިތަށް ގެނައުމަށްޓަކައި ސޯޝަލް މީޑިއާގައި މިހާރު ދައުރުވާ ފޮޓޯތަކާއި ވީޑިއޯތަކަށް ނަޒަރު ހިންގާލުމުން މަންޒަރު ސާފުވާނެ ކަމަށް ފެނެއެވެ.

ދާދިފަހުން ދަ ސައިންސް ޑައިރެކްޓުގައި ޝާއިއުކުރި ދިރާސާގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، މާލޭގައި ދުވާލަކު ކިލޯއެއްހައި ކެނަބިސް (ހަކުރު) ބޭނުން ކުރެއެެވެ. އެއީ ގާތްގަނޑަކަށް 5600 ޑޯޒެެވެ.

ހަކުރު ނުވަތަ ކެނަބިސްއަކީ މަސްތުވާތަކެތީގެ ހިކި ބާވަތްތަކުގެ ތެރެއިން އެންމެ ބާރުގަދަ އަދި އެންމެ ގެއްލުންބޮޑު ބާވަތެވެ.