ގއ. ދާންދޫ ކައުންސިލާއި އެރަށު އަންހެނުންގެ ކޮމިޓީ އަދި ބަށި ބޯޅަ ފައުންޑޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށްދަ ބަށި ބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅެން އޮތް ފައިނަލް މެޗް ހުއްޓުވުމަށް ފުލުހުންގެ މައްޗަށް އަމުރު ނެރެފި އެވެ.

ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން މިގޮތަށް އަމުރު ނެރުނީ "ގއ. އަތޮޅު ލީގު - ޒަމާނީ ބަށި ބޯޅާ މުބާރާތް 2019" ގެ ނަމުގައި ކުރިއަށްދާ މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފައިވާ ގއ. ނިލަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ޓީމް (ފަތްމިނި ޓީމް) ފައިނަލުން ކަޓުވާލި ކަމަށްބުނެ އެ މެޗް ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ ނިލަންދޫ މުބާރާތުން ކަޓުވާލާފައި ވަނީ މުބާރާތް ކުޅެ ނިންމުމަށް ހަދާފައިވާ ގަވާއިދާއި އުސޫލުތަކުގެ ތެރޭގައި އެކުލެވިގެންނުވާ ކަމެއްގެ މައްޗަށް ބިނާކޮށް ކަމަށާއި އެހެން ކަމުން މިފަދަ ކަންކަމަކީ މުޖުތަމައު ގައި މަސްލަހަތު ގެއްލި، ހަމަނުޖެހުން ތަކުގެ ތެރެއަށް ރައްޔިތުން ހުށަހެޅިގެން ހިނގައިދާނެ ކަމަކަށް ވުމުން ކަމަށެވެ. އަދި މިއަމުރު ތަންފީޒު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް އަމުރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ، މިކޯޓް އަމުރު ލިބުމާއި ގުޅިގެން ދާންދޫ ކައުންސިލައި މަސްވަރާ ކުރުމުން، ކައުންސިލުން ކޯޓް އަމުރަށް އިހްތިރާމް ކުރާނެ ކަމުގެ ޔަގީންކަން މިހާރު ދެއްވާފައިވާ ކަމަށެވެ. އަމި މިމައްސަލަ ސުލްހަވެރި ކަމާއެކު ހައްލު ކުރުމަށް އެންމެން ގުޅިގެން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި މިއަދު މިމެޗް 3:00 ގައި އިތުރަށް ކުރިއަށް ނުގެންދިއުމަށް ދާންދޫ ކައުންސިލާއި، އެރަށު އަންހެނުންގެ ކޮމިޓީ އަދި ބަށިބޯޅަ ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް އަށް ވެސް ނިލަންދޫ ކޯޓުން ނެރުނު އަމުރުގައި ވަނީ އަންގައިފައެވެ.

މިމަހު 26 ން ފެށިގެން ދާން ދޫގައި ކުރިއަށްދާ މިމުބާރާތަކީ ޕޮއިންޓް ސިސްޓަމަށް ކުޅޭ މުބާރާތެކެވެ. އެގޮތުން މި މުބާރާތުގައި ކޮންމެ ޓީމެއްވެސް ކުޅެންޖެހޭ ހަތަރު މެޗް މިހާރު ކުޅެ ނިމުނުއިރު، ނިލަންދޫ ޓީމުން ކުޅެންޖެހޭ ހަތަރު މެޗްގެ ތެރެއިން ތިން މެޗުން ވަނީ މޮޅުވެފައެވެ. އަދި ހަތަރު ވަނަ މެޗްގައި އެޓީމު ބައްދަލުކުރަން ޖެހުނީ ވިލިނގިލީ ޓީމާ ދެކޮޅަށް ކަމަށާއި، އެހެން ނަމަވެސް ވިލިނގިލީ ޓީމުން މެޗް ދޫކޮށްލި އެވެ. އެހެންކަމުން މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފައި ވަނީ ދާންދޫ ޓީމުގެ އިތުރުން ނިލަންދޫ ޓީމެވެ.

ވީނިއުސްއާ ވާހަކަ ދެއްކި ނިލަންދޫ ޓީމުގެ އިސް އޮފިޝަލަކު ބުނީ، އެރަށު ޓީމް ފައިނަލަށް ދަތުރު ކޮށްފައިވާކަން ބަށި ބޯލް ފައުންޑޭޝަނުން އިއްޔެ އިއުލާން ކުރިނަމަވެސް، ރޭ އަލުން ބަށި ބޯޅަ ފައުންޑޭޝަނުން ނިންމީ ނިލަންދޫ ފައިނަލުން ކަޓުވާލައި، އެޓީމުގެ ބަދަލުގައި މާމެންދޫ ޓީމް ފައިނަލުގައި ދާންދޫއާ ދެކޮޅަށް ވާދަކުރާ ގޮތަށެވެ. މިއީ އެއް ވެސް ކަހަލަ އިންސާފްވެރި ނިންމުމެއް ނޫން ކަމަށް ވެސް ނިލަންދޫ ޓީމުގެ އޮފިޝަލް ބުންޏެވެ.