އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ އުއްތަރް ޕްރަދޭޝްއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ގުޅިގެން ހިނގި ހާދިސާތަކުގައި އެތައްބަޔަކު މަރުވެ، އެތައްހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ގެންގޮސްފިއެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެންމެބޮޑަށް އަސަރު ކޮށްފައިވަނީ މައި ދެ ކޯރުގެ އައްސޭރިފަށުގެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށެވެ. ވޭތުވެދިޔަ 24-48 ގަޑިއިރުގެ ތެރޭގައި ހުއްޓާނުލާ ވާރޭ ވެހުމުގެ ސަބަބުން ދެ ކޯރުވެސް ވަނީ ބަންޑުންވެފައެވެ.

އުއްތަރް ޕްރަދޭޝް ސްޓޭޓްގެ ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ވައިސް ޗެއަރމަން ރަވިންދްރަ ޕްރަތާބް ސާހީ ވިދާޅުވީ، ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި މިހާތަނަށް 44 މީހުން މަރުވެފައިވާ ކަމަށެވެ.

"ރެއާ ހަމައަށް 44 މީހުން މަރުވެފައިވާކަން ވަނީ ކަށަވަރު ކުރެވިފައި. މިވަގުތު ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަން ހުރީ، މީހުން ސަލާމަތް ކުރުމާއި، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ ކަންކަމަށް" ރަވިންދްރަ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު އެތައްހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ގެންދެވިފައިވާ ކަމަށާއި، ކުރިއަށްއޮތް 48 ގަޑިއިރުގެ ތެރޭގައިވެސް ބޯކޮށް ވާރޭ ވޭހޭނޭ ކަމަށް ލަފާކޮށްފައިވާތީ އިތުރު މީހުން އެހެން ހިސާބުތަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފެންބޮޑުވުމުގެ ސަބަބުން 44 މީހުން މަރުވެފައިވާ ކަމަށް އުއްތަރް ޕްރަދޭޝް ސްޓޭޓްގެ ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ކަށަވަރު ކޮށްދިން ނަމަވެސް، އެ ސްޓޭޓްގެ ޑިޒާސްޓަރ މެނޭޖްމަންޓް އެންޑް ރިލީފް ޑިޕާޓްމަންޓުން ބުނެފައިވަނީ މަރުވި މީހުންގެ އަދަދު 59 އަށް އަރާފައިވާ ކަމަށެވެ.

އެ ޑިޕާޓްމަންޓްގެ ތަރުޖަމާނު ސަންދަޔާ ކުރީލް ވިދާޅުވީ، ގިނަ މީހުން މަރުވެފައިވަނީ ގެތައް ބޮލަށް ވެއްޓުމުގެ ސަބަބުންނާއި، ހޮނުއެޅުމާއި، ގެނބިގެން ކަމަށެވެ. ފެންބޮޑުވި ސަރަހައްދުތަކުން ހަރުފަ ވިހަލުމުގެ ސަބަބުންވެސް ފަސްމީހުން މަރުވެފައިވާ ކަމަށް ކުރީލް ވިދާޅުވިއެވެ.

ފެންބޮޑުވުމުގެ ސަބަބުން އެ ސްޓޭޓްގެ ގިނަ ސްކޫލްތައްވެސް މިހާރު ހުރީ ބަންދުކޮށްފައެވެ.