ސައުދީ އަރަބިއްޔާއިން ފުރަތަމަ ފަހަރަށް ޓުއަރިސްޓް ވިސާ ދޫކުރަން ފަށައިފިއެވެ.

މިއީ، ސައުދީ އަރަބިއްޔާގެ އިގްތިސާދު ތެލަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އިގްތިސާދު ހުޅުވާލުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ބައެކެވެ.

ޓުއަރިސްޓް ވިސާ ދޫކުރަން ފެށުމުން، ޗުއްޓީ ހޭދަކުރަން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރަމުންދާ ފަތުރުވެރިންނަށް ފުރަތަމަ ފަހަރަށް ސައުދީ އަރަބިއްޔާ ހުޅުވާލެވިގެން ދިޔައީއެވެ.

ސައުދީ އަރަބިއްޔާއަކީ މުޅި ދުނިޔޭގައިވެސް ފަތުރުވެރިކަމަށް މިހާތަނަށް ބަންދުވެފައި އޮތް ހަމައެކަނި ގައުމެވެ.

ޓުއަރިސްޓް ވިސާ ދޭން ފެށުމުގެ އިތުރުން، ސައުދީ އަރަބިއްޔާއަށް ޒިޔާރަތްކުރާ ބޭރުގެ އަންހެނުން ހެދުން އެޅުމާއި، އެކަނި ދަތުރުކުރުމާ ގުޅޭގޮތުން ކުރިން އަމަލުކުރަމުން އައި އުސޫލަށްވެސް ވަނީ ލުއިތަކެއް ދީފައެވެ.

އެގޮތުން، މުޅި ހަށިގަނޑު ނިވާވެފައި ހުންނަ އަބާޔާ ނުލައިވެސް ބޭރު އަންހެނުންނަށް ސައުދީ އަރަބިއްޔާގެ އާންމު ތަންތާނގައި އުޅެވިދާނޭ ކަމަށް ކަނޑައަޅާފައި ވެއެވެ. އެކަމަކުވެސް ހުންނާންޖެހޭނީ ރީތިކޮށް ހެދުން އަޅާފައި ކަމަށް ބުނެފައި ވެއެވެ. އެކަނިވެސް ދަތުރު ކުރެވޭނޭ ކަމަށް ކަނޑައަޅާފައި ވެއެވެ.

ނަމަވެސް، ސައުދީ އަރަބިއްޔާގެ އަންހެނުން އަމަލުކުރަންޖެހޭ އުސޫލަށް ބަދަލެއް ނާދެއެވެ.

"މިއީ ތާރީޚީ ކަމެއް. ފުރަތަމަ ފަހަރަށް އަޅުގަނޑުގެ ގައުމު މުޅި ދުނިޔޭގެ ފަތުރުވެރިންނަށް މި ހުޅުވާލަނީ. ސައުދީ އަރަބިއްޔާ ހުޅުވާލެވެނީ، އަހަރެމެންގެ އިގްތިސާދު ހުޅުވާލެވެނީ، އަހަރެމެންގެ މުޖުތަމައުވެސް ހުޅުވާލެވެނީ" ސައުދީ އަރަބިއްޔާގެ ޓުއަރިޒަމް ޗީފް އަހްމަދު އަލް-ޚަތީބް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވީ، ސައުދީ އަރަބިއްޔާ ފަތުރުވެރިންނަށް ހުޅުވާލައި، މިވަގުތަށް ދުނިޔޭގެ 49 ގައުމެއްގެ ފަތުރުވެރިންނަށް އޮން އެރައިވަލް ވިސާ ލިބޭނޭ ކަމަށެވެ. އޮން އެރައިވަލް ވިސާ ލިބޭ ގައުމުތަކުގެ ލިސްޓްގައި އެމެރިކާ، އޮސްޓްރޭލިއާ އާއި، ޔޫރަޕްގެ ވަރަށް ގިނަ ގައުމުތައްވެސް ހިމެނެއެވެ.

ސައުދީ އަރަބިއްޔާ ފަތުރުވެރިކަމަށް ހުޅުވާލުމަކީ، ސައުދީ އަރަބިއްޔާގެ ނުފޫޒުގަދަ ވަލީއަހުދު މުހަންމަދު ބިން ސަލްމާންގެ ވަރަށް ބޮޑު އުންމީދެކެވެ. އެއީ، އޭނާ އެކަށައަޅުއްވާފައިވާ 2030 ތަސައްވުރުގައި ހިމެނޭ ކަމެކެވެ.

ސައުދީ އަރަބިއްޔާ ފަތުރުވެރިންނަށް ހުޅުވާލި ނަމަވެސް، ރާ އެތެރެކުރުމުގެ ހުއްދަ ނުލިބޭނޭ ކަމަށް ފަތުރުވެރިކަމާބެހޭ އިދާރާތަކުން ތަކުރާރުކޮށް ގެންދަނީ ބުނަމުންނެވެ.

އަނެއްކޮޅުން، ސައުދީ އަރަބިއްޔާގައި ހުރި ބަދަވީންގެ ގަދީމީ ހަޟާރަތާއި، ޘަގާފަތާއި ތާރީޚާ ގުޅޭ އެއްވެސް ތަނަކަށް ބޭރުމީހުން ވަނުމުގެ ފުރުސަތު މީގެކުރިން ދީފައެއް ނުވެއެވެ. އަދި އެއިން ތަނެއްގައި މަސައްކަތެއް ކުރަންވެސް ބޭރުމީހަކު ނުވައްދައެވެ. ނަމަވެސް، މިދިޔަ އަހަރުން ފެށިގެން އެފަދަ ވަގުތީ ހުއްދަތައް ދޭން ފަށާފައި ވެއެވެ.