ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން، އދގެ އާންމު މަޖިލީހުގައި ކުރެއްވި ތަގްރީރާ ގުޅިގެން، އިންޑިއާއިން ވެރިކަންކުރާ ކަޝްމީރު ފަޅީގައި ސަލާމަތީ ފިޔަވަޅު އިތުރަށް ވަރުގަދަ ކޮށްފިއެވެ.

އިންޑިއާއިން ވެރިކަންކުރާ ކަޝްމީރު ފަޅި، ޖައްމޫ އެންޑް ކަޝްމީރުގައި ސަލާމަތީ ފިޔަވަޅު ވަރުގަދަ ކުރުމުގެ އިތުރުން، މިހާރަށްވެސް ބަންދުކޮށް ދަތިކޮށްފައިވާ ކަޝްމީރުގެ އާންމު ރައްޔިތުންނަށް އިންޑިއާއިން މިހާރުވަނީ އިތުރު ދަތިތަކާއި ހުރަސްތައް ކުރިމަތިކޮށް، އާންމުންގެ ހަރަކާތްތައް ކޮންޓްރޯލް ކޮށްފައެވެ.

އިންޑިއާއިން ޖައްމޫ އެންޑް ކަޝްމީރުގައި ސަލާމަތީ ފިޔަވަޅުތަކާއި، ދަތިކުރުމުން ފިޔަވަޅުތައް އިހުނަށްވުރެ ވަރުގަދަ މިކުރީ، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ތަގްރީރާ ގުޅިގެން ކަޝްމީރުގެ ރައްޔިތުން އުތުރު އަރައިގެންފާނެ ކަމުގެ ބިރަށް ކަމަށް ވެއެވެ.

އދގެ އާންމު މަޖިލީހުގައި ހުކުރު ދުވަހު ތަގްރީރު ކުރައްވަމުން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންވަނީ، އިންޑިއާއިން ކަޝްމީރުގައި ހިންގާފައިވާ ކާފިއު އުވާލުމާއެކު އާންމުން މަގުތަކަށް ނުކުންނާނެ ކަމަށާއި، އެކަން ނިމިގެންދާތީ ބޮޑު ލޭއޮހޮރުވުމަކުން ކަމަށް އިންޒާރު ކުރައްވާފައެވެ.

އިމްރާން ޚާން ވަނީ، އިންޑިއާގެ އަނިޔާވެރިކަމަށް ރައްޔިތުން މަޑުން ނުތިބޭނޭ ކަމަށާއި، އެތައްމިލިއަން މުސްލިމުން ގޭގައި ބަންދުކޮށް އަވަށްތައް ބަންދުކޮށް އަސާސީ ޚިދުމަތްތަކުން މަހްރޫމްކޮށް ނުވިތާކަށް އެތައްހާސް ފިހެނުންނާއި، ފިރިހެންކުދިން ހައްޔަރުކޮށްގެން ގެންދިޔަ ތަނެއްވެސް ނޭނގޭއިރު، ކަޝްމީރުގެ ރައްޔިތުން މަޑުން ތިބޭނެތޯ، ބައިނަލްއަގްވާމީ މުޖުތަމައާ ސުވާލު ކުރައްވާފައެވެ.

އިމްރާން ޚާންގެ ތަގްރީރު ނިމުމާއެކު، ފެނިގެންދިޔައީ އިންޑިއާއިން ވެރިކަންކުރާ ކަޝްމީރު ފަޅީގެ މަގުތަކަށް އާންމުން ނުކުންނާން ފެށިތަނެވެ.

އެގޮތުން އިމްރާން ޚާންއަށް ތާއީދުކޮށް އަޑު އުފުލައި، އަދި ކަޝްމީރު މިނިވަން ކުރުމަށްވެސް ހުކުރު ދުވަހުގެރޭ މަގުތަކަށް ނުކުތް އާންމުން ގޮވާލަމުން ގެންދިޔައެވެ. އާންމުން މަގުތަކަށް މި ނުކުތީވެސް ކާފިއު ހިންގާފައި ވަނިކޮށެވެ.

މިކަމާހެދި، އިންޑިއާއިންވަނީ، ޖައްމޫ އެންޑް ކަޝްމީރުގެ މަގުތަކަށް އިތުރު ސިފައިން ނެރެ، އަދި އަޑުގަދަކުރާ ބޭނުންކޮށްގެން އާންމުން ތަންތަނަށް އެއްނުވުމަށް ގޮވައި ހަދާފައެވެ. އަދި ބައެއް މައި މަގުތަކުގައި ކަށިނަރު ދަމައި ބަންދުކޮށް ފޯރިމަރާން ފެށިއެވެ.