އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނަ މަގާމްގައި ލިވަޕޫލުން ފަސް ޕޮއިންޓުގެ ލީޑެއް ނަގައި ހަމަޖެހިލައިފި އެވެ.

ލިވަޕޫލުން ފަސް ޕޮއިންޓުގެ ލީޑެއް ނެގީ ރޭ ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗް 1-0 ލަނޑުން ކާމިޔާބު ކޮށްގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ލިވަޕޫލުން ޖެހި ހަމައެކަނި ލަނޑު އެޓީމަށް މެޗުގެ 70 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ނެދަލެންޑްސްގެ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް އެވެ.

ރޭގެ މޮޅާއެކު ލީގް ތާވަލްގެ އެއް ވަނަ މަގާމްގައި ލިވަޕޫލް އޮތީ ލީގުގައި މިހާތަނަށް ކުޅުނު ހަތް މެޗުން ވެސް މޮޅުވެ 21 ޕޮއިންޓާއެކު އެވެ. ލީގް ތާވަލްގެ ދެ ވަނަ މަގާމްގައި އޮތީ ރޭ އެވަޓަން އަތުން 3-1 ލަނޑުން މޮޅުވި މެންޗެސްޓާ ސިޓީ އެވެ. ދެ ވަނައިގައި ސިޓީ އޮތީ ހަތް މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ.

ރޭގެ މެޗުގައި ސިޓީގެ ލަނޑުތައް އެޓީމަށް ކާމިޔާބު ކޮށްދިން ކުޅުންތެރިންނަކީ ގެބްރިއަލް ޖީސުސް އާއި ރިޔާދު މާރޭޒް އަދި ރަހީމް ސްޓާލިން އެވެ. މެޗުގައި އެވަޓަންގެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑޮމިނިކް ކަލްވެޓް ލެވިން އެވެ.

މީގެ އިތުރުން ލީގުގައި ރޭ ކުޅުނު އެހެން މެޗްތަކަށް ބަލާއިރު ބްރައިޓަން އަތުން 2-0 ލަނޑުން ޗެލްސީ މޮޅުވިއިރު، ޓޮޓެންހަމް މޮޅުވީ ސައުތެމްޓަންއާ ވާދަކޮށް 2-1 ލަނޑުންނެވެ.