ސްޕެނިޝް ލީގުގައި ރޭ ގެޓަފޭ އަތުން 2-0 ބާސެލޯނާ މޮޅުވިއިރު، އެތުލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

ކެޕްޓާން ލިއޮނަލް މެސީ ނުލައި ބާސާ ރޭ ކުޅުނު މެޗުގައި އެޓީމްގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ ލުއިސް ސުއަރޭޒް އާއި ޖޫނިއާ ފާޕޯ އެވެ.

ރަށުން ބޭރުގައި ބާސާ ރޭ ކުޅުނު މެޗުގައި ކެޕްޓަން މެސީ ކުޅެފައި ނުވަނީ އެންމެ ފަހުން ލީގުގައި ވިޔަރެއާލް އަތުން ހަނި ގޮތަކަށް ބާސާ 2-1 ލަނޑުން މޮޅުވި މެޗުގައި އޭނަގެ ވާތު ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.

މީގެ އިތުރުން ލީގުގައި ރޭ މެޑްރިޑް ޑާބީ މެޗުން މަސްހޫރުވެފައިވާ، އެތުލެޓިކޯ އާއި ރެއާލް މެޗް ލަނޑެއް ނުޖެހި އެއްވަރުވުމުން، ލީގް ތާވަލްގެ އެއް ވަނަ މަގާމަށް ރެއާލް ވަނީ ޖެހިލައިފައެވެ. ރެއާލް އެއް ވަނައިގައި އޮތީ ހަތް މެޗުން 15 ޕޮއިންޓާ އެކު އެވެ. ދެ ވަަނައިގައި އޮތީ ރޭ ލެގަނޭސް އަތުން 1-0 އިން މޮޅުވެ، ހަތް މެޗުން 14 ޕޮއިންޓް ހަމަކުރި ގްރަނާޑާ އެވެ. އެތުލެޓިކޯ އަށް ވެސް ހަތް މެޗުން 14 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު އޮތީ ތިން ވަނައިގަ އެވެ. ލީގުގެ ހަތަރު ވަނައިގައި އޮތް ބާސާއަށް ލިބިފަިއ ވަނީ 13 ޕޮއިންޓެވެ.