ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ އެންމެ އަރިސް ހަށިފާރަވެރިޔާގެ ހަށިކޮޅަށް ބަޑިޖަހައި އަވަހާރަ ކޮށްލައިފިއެވެ.

ސައުދީ ސަރުކާރުގެ މީޑިއާއިން ބުނެފައިވަނީ، ސަލްމާން ރަސްގެފާނުގެ ހަށިފާރަވެރިޔާ މޭޖަރ ޖެނެރަލް އަބްދުލް އަޒީޒް އަލް-ފަޣަމް އަވަހާރަ ކޮށްލާފައިވަނީ އޭނާގެ ރަހްމަތްތެރިޔަކާ ދެމެދު ހިނގި އަރާރުމެއްގެ ތެރޭގައި ރަހްމަތްތެރިޔާ ބަޑިޖަހައިގެން ކަމަށެވެ.

އެކަން ހިނގާފައިވަނީ، ޖިއްދާގެ ގެއެއްގެ ތެރޭގައި ކަމަށްވެސް ބުނެފައި ވެއެވެ. މި ގެއަކީ ސައުދީ ރަސްގެފާނު އާންމު ގޮތެއްގައި ދިރިއުޅުއްވާ ގަނޑުވަރާ އެތައް ކިލޯމީޓަރު ދުރުގައި ހުރި ގެއެއް ކަމަށް ވެއެވެ.

މޭޖަރ ޖެނެރަލް އަބްދުލް އަޒީޒް އަލް-ފަޣަމްއަކީ، ސަލްމާން ރަސްގެފާނުގެ ކުރިން، ސައުދީ އަރަބިއްޔާގެ ކުރީގެ ރަސްގެފާނު އަބްދުﷲގެ އެންމެ އަރިސް ހަށިފާރަވެރިޔާ ވެސް މެއެވެ.

ސަލްމާން ރަސްގެފާނުގެ އެންމެ އަރިސް ހަށިފާރަވެރިޔާއާއި އަދި އޭނާގެ ރަހްމަތްތެރިޔާއާ ދެމެދު އަރާރުން ހިނގީ ކޮން ކަމަކާ ގުޅިގެން ކަމެއް، ސައުދީ ސަރުކާރު މީޑިއާއިން ހާމަކޮށްފައެއް ނުވެއެވެ.

ސައުދީ ޕްރެސް އޭޖެންސީން އާންމުކުރި ފުލުހުންގެ ބަޔާނެއްގައި ބުނެފައިވަނީ، ސަލްމާން ރަސްގެފާނުގެ ހަށިފާރަވެރިޔާ މޭޖަރ ޖެނެރަލް އަބްދުލް އަޒީޒް އަލް-ފަޣަމްއާ އަރާރުން ވެފައިވަނީ، އޭނާގެ ރަހްމަތްތެރިއެއް ކަމަށްވާ މަމްދޫހް ބިން މިޝާލް އަލް އަލީ ކަމަށެވެ. ދެމީހުންގެ ދެމެދުގައި ހިނގި ޒުވާބު ހޫނުވެ މަމްދޫހް ބަޑިޖެހީ ކަމަށްވެސް ބުނެފައި ވެއެވެ.

ފުލުހުން ދިއުމުން، މަމްދޫހް މިޝާލް އަމާން ދިނުމަށް ވެސް ދެކޮޅުހަދައި އަމިއްލައަށް ބަޑިޖަހައިގެން މަރުވީ ކަމަށްވެސް ފުލުހުން އާންމުކުރި ބަޔާނުގައި ބުނެފައި ވެއެވެ.

މިކަމުގެ ތެރޭގައި ސައުދީ އިތުރު ރައްޔިތަކާއި، ފިލިޕީންސް މީހެއްގެ އިތުރުން، ސަލާމަތީ އިތުރު ފަސްމީހަކު ޒަޚަމްވި ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

މިހާދިސާ ގުޅޭގޮތުން ސައުދީ ރަސްކަމުގެ ފަރާތުންވެސް އަދި ސައުދީ ސަރުކާރުންވެސް އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.