އދއިން އެތައް ގަރާރުތަކެއް ފާސްކޮށްފައި ވަނިކޮށްވެސް އިންޑިއާއިން ޖައްމޫ އެންޑް ކަޝްމީރަށް އަރައިގަނެ އިސްތިއުމާރު ކޮށްފައިވާ ކަމަށް ވިދާޅުވެ، މެލޭޝިޔާގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހަންމަދު އިންޑިއާއަށް ވަރަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.

މަހާތީރު މުހަންމަދު އިންޑިއާއަށް ބަހުގެ ހަމަލާތައް ދެއްވީ، އދގެ އާންމު މަޖިލީހުގައި ތަގްރީރު ކުރައްވަމުންނެވެ.

މަހާތީރު މުހަންމަދު ވިދާޅުވީ، އިންޑިއާއިން ޖައްމޫ އެންޑް ކަޝްމީރު އިސްތިއުމާރު ކުރުމުގެ ފަހަތުގައި ކޮންމެވެސް ސަބަބެއް އޮވެދާނެ ކަމަށާއި، ނަމަވެސް އެ ހާލަތުގައިވެސް މިހާރު ކަންތައް ކޮށްފައިވަނީ ގޯސްކޮށް ކަމަށެވެ.

"ކަޝްމީރުގެ މައްސަލަ ހައްލުކުރާން ޖެހޭނީ ސުލްހަވެރިމަގުން. މިމައްސަލަ ހައްލު ކުރުމަށްޓަކައި އިންޑިއާއިން ޕާކިސްތާނާއެކު މަސައްކަތް ކުރާންޖެހޭނެ. އދގެ ނިންމުންތައް ބޮލާލާޖެހުމަކީ އދގެ އެހެން ކަންކަމަށާއި ގާނޫނީ ހުކުމްތަކަށް އިހްތިރާމް ކުޑަކުރުން" މެލޭޝިޔާގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

މެލޭޝިޔާ ބޮޑުވަޒީރުގެ ބަހުގެ ހަމަލާތައް އިންޑިއާއަށް މި އަމާޒުވީ، އިންޑިއާއިން ވެރިކަން ކުރާ ކަޝްމީރުގެ ފަޅި، ޖައްމޫ އެންޑް ކަޝްމީރަށް ދީފައިއޮތް ޒާތީ މިނިވަންކަން އިންޑިއާއިން މިދިޔަ އޮގަސްޓްމަހުގެ 5 ވަނަ ދުވަހު ނިގުޅައިގަނެފައިވާ މައްސަލާގައެވެ.

ޖައްމޫ އެންޑް ކަޝްމީރަށް ދީފައިވާ ޒާތީ މިނިވަންކަން ނިގުޅައިގަނެ، އެ ސްޓޭޓުން އިންޓަރނެޓާއި، މުވާސަލާތީ ޚިދުމަތް ކަނޑާލައި، ކާފިއު ހިންގާފައި މިހާތަނަށް އެތައްބަޔަކު ހައްޔަރުކޮށް ޖަލަށް ލާފައި ވެއެވެ. ހައްޔަރު ކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ކަޝްމީރުގެ ސިޔާސީ ލީޑަރުންނާއި، އެކްޓިވިސްޓުންނާއި އެތައްހާސް އާންމުންވެސް ހިމެނެއެވެ.