"ލޭ މައްޗަށް ދަނީ ހަކުރު މައްޗަށް ދަނީ، އަހަރެން ގައިގައި ކާޑުގެ ހުރިހާ ބާވަތެއް މިއޮއް ހަމަވަނީ" މިވާހަކަ ކިތައް މީހުން ދައްކާ އަޑު އަހައިފިން ހެއްޔެވެ؟ މި ފަހަކަށް އައިސް މިވާހަކަ ނުދައްކާ މީހެއް މަދެވެ. މީގެ ކުރިން މިކަމަކީ ހަމައެކަނި އުމުރުން ދުވަސްވީ މީހުންނަށް ދިމާވާ ކަމެއް ކަމަށް ގަބޫލުކުރެވުނު ނަމަވެސް މިހާރު މި މައްސަލަ ދިމާވުމުގައި ވަކި އުމުރެއް ނެތްކަމީ ފެންނަން އޮތް ހަގީގަތެކެވެ. މި ހިސާބަށް ކަންތައް ދިޔައީމަ މިއީ ކިހިނެއް ދިމާވާ ކޮން މައްސަލައެއްކަން އެނގެނީ ކިހާ މިންވަރަކަށް ކަމާއި މެދު ސުވާލު އެފެދެއެވެ.

ތިޔައިގެ ތެެރެއިން ހިތުގެ ބަލީގެ ވާހަކަ އަޑުއެހީ ކިތައް ބޭފުޅުންތޯ؟ ދުނިޔޭގެ ނިސްބަތަށް ބަލާއިރު އަހަރަކު 17.9 މިލިއަން މީހުން މި ބަލީގައި މަރުވެދެއެވެ. ރާއްޖެއަށް ބަލާލި ކަމުގައިވިޔަސް ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން އެންމެ ގިނަ ބައްޔެއްގެ ގޮތުގައި ރިކޯޑު ކުރެވިފައިވަނީ ހިތުގެ ބަލިތަކެވެ. ލޭ މައްޗަށް ދިޔުމާއި ހަކުރު މައްޗަށް ދިޔުމަކީވެސް ހިތުގެ ބަލިތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެގޮތުން ރާއްޖެއަށް ބަލާއިރު ހިތުގެ ބަލީގެ ގޮތުގައި މިވަގުތު އެންމެ ގިނަ ކަމަށް ފާހަގަވެފައިވަނީ މި ދެ ބައްޔެވެ. އަދި ދުނިޔޭގެ ނިސްބަތަށް ބަލާއިރުވެސް ހިތުގެ ބަލިތަކުގެ ތެރެއިން އެންމެ ބޮޑު އަދި ގިނަ ބަލީގެ ގޮތުގައި ފާހަގަވެފައިވަނީ މި ދެކަމެވެ.

ހިތުގެ މިފަދަ ބައްޔެއް ހުންނަ ކޮންމެ މީހަކަށްވެސް ދިމާވާނެ ހަމައެކަނި މައްސަލައަކީ އެއީއެއް ނޫނެވެ. މި ބަލިތަކަކީ މީހާގެ އެހެން ހުރިހާ ގުނަވަނަކަށްވެސް އަސަރުފޯރުވާ ކަންކަމެވެ. ހިތަކީ މުޅި ހަށިގަނޑުގައިވެސް ލޭ ދަރުކުރުމުގައި މައި ރޯލު އަދާކުރާ ގުނަވަނަށް ވާއިރު، ލެއަށް ދިމާވާ ކޮންމެ ކަމަކީވެސް މީހާގެ އެކި ގުނަވަންތަކަށް އަސަރުކޮށް ތަފާތު އެކި ބަލިތަކަށް މަގުފަހި ކުރުވާނެ ކަމެކެވެ. އެހެންކަމުން ހިތުގެ ބަލިތައް ބޮޑު ކަމަކަށްވާން ޖެހެނީ ހަމައެކަނި ސްޓްރޯކެއް ނުވަތަ ހާޓް އެޓޭކެއް ޖެހިދާނެ ކަމުގެ ބިރު ހީވާ ހިސާބުންނެއް ނޫނެވެ. މި ބަލިތަކަކީ ހަމަ ފުރަތަމަ މަރުހަލާއިން ފެށިގެން މަޑުމަޑުން އިންސާނާގެ މުޅި އެތެރެހައްޓަށް އަސަރުފޯރުވާ ހަލާކުވެދާނެ ފަދަ ބައްޔެކޭވެސް ބުނެވިދާނެވެ.

މިކަމާއި ގުޅިގެން ވީނީއުސްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި އައިޖީއެމްއެޗުގައި އާންމުބަލީގެ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އިބްރާހީމް އިޔާޒު ވިދާޅުވީ ހިތުގެ ބަލިތަކަކީ ކުޑަ ކަމެއް ނޫން ކަމަށެވެ. އަދި އެ ބަލީގެ އަލާމާތްތައްވެސް ނުހަނު ގިނަ ކަމަށެވެ. އަދި އެފަދަ ކޮންމެ ބައްޔަކީވެސް އެކި މަރުހަލާތަކަށް ބެހިފައިވާ ބަލިތައް ކަމުން އެކި މަރުހަލާތަކުގައި ފެންނަ އަލާމާތްތައްވެސް ތަފާތު ކަމަށެވެ. އެގޮތުން ލޭ މައްޗަށް ދާ މީހުންގެ ތެރެއިން ހާޓް އެޓޭކް ޖެހުމަށް އެންމެ ގާތްވެފައިވާ މީހުންނަށް މޭދަށަށް ތަދުތައް އެރުމާއި މިފަދަ ކަންކަން މެދުވެރިވާ ކަމަށެވެ. އެހެންނަމަވެސް ލޭ މައްޗަށްދާ އެންމެނަކީ މޭގައި ރިއްސާ މީހުންނަށް ނުވެދާނެ ކަމަށް ވިދާޅުވިއެވެ.

ހިތުގެ ބަލިތަކުގެ އެންމެ މަތީ ސްޓޭޖެއްގެ ގޮތުގައި ބެލެވެނީ ހާޓް ފެއިލްވުމާއި، ހާޓް އެޓޭކް ޖެހުމާއި ސްޓްރޯކް ޖެހޭ މަރުހަލާތަކެވެ. ހިތުގެ މިފަދަ ބަލިތަކަކީ މި މަރުހަލާއަށް ދިއުމުގެ މާކުރިން އެކަންކަމާއި މެދު ފިޔަވަޅު އަޅައި ކޮންޓްރޯލް ކުރެވޭނެ ބަލިތަކެކެވެ. އެގޮތުން ގައިންގަޔަށް ނާރާ ގިނަ ބަލިތަކަކީ ދިރިއުޅުމުގެ ވައްޓަފާޅިއާއި ކެއުމުގައި ގެންގުޅޭ ގޮތްތަކުގެ ސަބަބުން މެދުވެރިވާ ކަންކަމަށް ވާއިރު ލޭ މައްޗަށް ދިއުމާއި ހަކުރު މައްޗަށް ދިއުން އަދި މި ނޫންވެސް ކޮލެސްޓްރޯލް ފަދަ އެކި ހިތުގެ ބަލިތަކަކީވެސް ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށްގެން ކުރިޔާލައި ފިޔަވަޅު އެޅޭނެ ކަންކަމެވެ.

ޑޮކްޓަރ އިޔާޒު ވިދާޅުވި ގޮތުގައި ކުރިއާއި މިހާރަށް ބަލާއިރު މި ބަލީގައި އަންނަ މީހުންވެސް ވަނީ އިތުރުވެފައެވެ. އަދި މިއަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މީގެ ސަބަބެއްގެ ގޮތުގައި ތަޖުރިބާކާރުން ބުނަނީ ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކެވެ. މީގެ ވިއްސަކަށް އަހަރު ކުރިއަށް ބަލާއިރު ސްކޫލަށާއި އޮފީހަށްވެސް ހިނގާފައާއި ބައިސްކަލުގައި ދިޔަ މަންޒަރު މިހާރު މިވަނީ ސައިކަލާއި ކާރަށް ބަދަލުވެފައެވެ. ކުޑަކުދިން ހެލިފެލިވެ އުޅޭ އެކިކަހަލަ ކުޅިވަރުތައް ކުޅުނު މަންޒަރު މިހާރު މިވަނީ ފޯނާއި އައިޕެޑު ފަދަ ތަކެތިން ޑިޖިޓަލް ގޭމްތައް ކުޅުމަށް ބަދަލުވެފައެވެ.

ނޭނގިނަމަވެސް ކުރެވެމުންދިޔަ މިފަދަ ކަސްރަތުތައް މަދުވެ މީގެ ސަބަބުން ނޭދެވޭ އެތައް ކަމަކާއި ތިބާގެ ހަށިގަނޑު ކުރިމަތިލަމުންދާއިރު މިއިން ކޮންމެ ކަމަކީވެސް ތިމާއަށް އެކަން ހައްލު ކުރެވިދާނެ ކަންކަމެވެ. ކެއުމަށް ގެންނަ ކުޑަ ބަދަލެއްގެ އިތުރަށް ދުވާލަކު ހަމަ އެންމެ 20 މިނެޓު ހިނގާލައިގެންވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރެވިދާނެއެވެ.

ހިތުގެ ބަލިތަކަކީ ދުވަސްވާ ވަރަކަށް ބޮޑުވެ އެތައް ކަމަކާއި އިންސާނާއާއި ކުރިމަތިކުރުވާ ކަމެކެވެ. މިފަދަ ބަލިތަކުން ރައްކާތެރިވުމަކީ ވަރަށްވެސް ފަސޭހަ ކަމަކަށްވާއިރު ބަލީގެ ހަގީގަތް އެނގި މިކަން ނުކުރާންވީ ކީއްވެގެންތޯއެވެ. ކޮންމެ މީހަކީވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރެ ހިތުގެ ބަލިތަކާއި ދުރު މީހަކަށް ވުމަށް މަސައްކަތްކުރުން ވަރަށް މުހިންމެވެ.